އައްޑޫ ސިޓީ ކައުންސިލުން ލީގަލް އިންޓާނަކު ހޯދަނީ

ތިން މަސް ދުވަހުގެ މި ފުރުސަތަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މާދަމާގެ މެންދުރުފަހު 1:00

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: ފޮޓޯ: ކައުންސިލް
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: ފޮޓޯ: ކައުންސިލް

ތިން މަސް ދުވަހުގެ މުއްދަތަށް ލީގަލް އިންޓާނަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން އިއުލާންކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހު އެ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި މަގާމުގައި މަސައްކަތްކުރަން ޖެހޭނީ އެ އިދާރާގެ ލީގަލް ޔުނިޓުގައެވެ.

މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކައުންސިލްގެ ގާނޫނީ ކަންކަމާ ގުޅޭ އިދާރީ އަދި ފަންނީ މަސައްކަތްތަކުގައި ލީގަލް ޔުނިޓަށް އެހީތެރިވުމާއި، ގާނޫނީ ލިޔެކިޔުންތަކާއި ރިޕޯޓުތައް ދިރާސާކޮށް ތަރުތީބުކުރުމާއި، އަވަށު އޮފީސްތަކަށާއި ސެކްޝަންތަކަށް ދޭ ގާނޫނީ ލަފާގެ އިދާރީ މަސައްކަތްތަކުގައި އެހީތެރިވުން ހިމެނެއެވެ. މީގެ އިތުރުން، ކައުންސިލަށް ބޭނުންވާ ގަވާއިދުތަކާއި އެއްބަސްވުންތަކާއި އުސޫލުތައް އެކުލަވާލުމާއި، ރަސްމީ ސިޓީތަކާއި ނޯޓިސްތައް ތައްޔާރުކުރުމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅޭ ކަންކަން ބެލެހެއްޓުމާއި އިންފޮމޭޝަން އޮފިސަރުގެ މަސްއޫލިއްޔަތުތަކުގައި އެހީތެރިވުމުގެ އިތުރުން، ގާނޫނީ ލިޔެކިޔުންތައް ފައިލްކޮށް ރައްކާތެރިކަމާއެކު ރެކޯޑުތައް ބެލެހެއްޓުންވެސް ހިމެނެއެވެ.

މި މަގާމުގެ ޝަރުތަކީ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމެވެ. މީހަކު ހޮވުމުގައި ތައުލީމާއި ތަމްރީނަށާއި، މަސައްކަތުގެ ތަޖުރިބާއާއި ހުނަރަށް ބެލުމުގެ އިތުރުން އިންޓަވިއުކުރެވޭނެ ކަމަށާއި، މަސައްކަތް ދަސްކުރުމުގެ ޝައުގުވެރިކަމާއި ޒިންމާދާރުކަމާއެކު ވަގުތު ދެވޭނެ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާގެ މެންދުރުފަހު 1:00 ގެ ކުރިން ވަޒީފާއަށް އެދޭ ސިޓީ އަދި ވަނަވަރު (ސީވީ) އެ އިދާރާއަށް ނުވަތަ އެޗްއާރު ސެކްޝަނުގެ އީމެއިލަށް ފޮނުވުމަށް ކައުންސިލުން ވަނީ އެދިފައެވެ. އިންޓަވިއު އޮންނާނެ ތާރީހު ފަހުން އަންގާނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

addu city counciladdu city
ގުޅުންހުރި ޚަބަރު
ކޮމެންޓް 0