މަރަދޫ ހޮސްޕިޓަލުގެ މަސައްކަތް ކަނޑައެޅި ތާރީހަށް ނުނިންމޭނެ: ހެލްތް މިނިސްޓަރު

ހެލްތު، ފެމިލީ އެންޑް ސޯޝަލް ވެލްފެއާ މިނިސްޓަރު ޤީލާ ޢަލީ
ހެލްތު، ފެމިލީ އެންޑް ސޯޝަލް ވެލްފެއާ މިނިސްޓަރު ޤީލާ ޢަލީ

މަރަދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ކުރިން ކަނޑައަޅާފައިވާ ތާރީހަށް ނުނިންމޭނެ ކަމަށް ހެލްތު، ފެމިލީ އެންޑް ސޯޝަލް ވެލްފެއާ މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު މިހެން ވިދާޅުވީ، އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާ މައްސަލައާއި، ކުރިން ވިދާޅުވެފައިވާ ގޮތަށް ޖުލައި މަހަށް ހޮސްޕިޓަލް ހުޅުވޭނެތޯ މަރަދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

 
މަރަދޫ ދާއިރާގެ މެންބަރު ސުވާލުކުރައްވަމުން ފާހަގަކުރެއްވި ގޮތުގައި، މަރަދޫ ދާއިރާގައި އާ ހޮސްޕިޓަލެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނޮވެންބަރު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ހާޒިރުފުޅުގައެވެ. އަދި ޖުލައި މަހު އެ ހޮސްޕިޓަލް ހުޅުވާނެ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވެފައިވީ ނަމަވެސް، އެ ތަނުގެ އަމަލީ މަސައްކަތް އަދިވެސް ފެށިފައި ނުވާ ކަމަށް މެންބަރު ވިދާޅުވިއެވެ. އެހެންކަމުން، އެ މަސައްކަތް ފެށޭނީ ކޮން ދުވަހަކުންތޯއާއި، ކުރިން ވިދާޅުވި ގޮތަށް ޖުލައި މަހަށް ހޮސްޕިޓަލް ހުޅުވޭނެތޯ މެންބަރު ވަނީ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވީ، މަރަދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫއު މިހާރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ކުރިން ދެންނެވި ތާރީހަށް އެ މަޝްރޫއު ނިންމޭނެ ކަމަށް މިހާރު ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ކޮންޓްރެކްޓަރާއެކު މިހާރު ކުރިއަށްގެންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ހޮސްޕިޓަލުގެ ޑިޒައިނާއި ޕްރޮޕޯސަލްގެ އިތުރުން އެހެނިހެން އިދާރީ މަސައްކަތްތައް ނިންމައި، އަމަލީ މަސައްކަތް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ކޮންޓްރެކްޓަރާއެކު މަޝްވަރާކޮށްގެން އާ ތާރީހެއް ކަނޑައެޅުމުން، އެ މައުލޫމާތު މެންބަރާ ހިއްސާކުރައްވާނެ ކަމަށްވެސް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވިއެވެ.

އަހުމަދު ދީދީ
ކޮމެންޓް 0