ޔާމީން އައްޑޫގައި ބޭއްވި ޖަލްސާއަށް ފިނި ތަރުޙީބެއް، އެންމެ 117 މީހުން!

ޔާމީން އައްޑޫގައި ބޭއްވި "ނިކަން ތެބެފެނެއި" ޖަލްސާއަށް އައްޑޫގެ ހުރިހާ ރަށަކުން މީހުން ގެންދިޔައިރު ޖުމްލަ ޖަލްސާއަށް ހާޒިރުވެފައިވަނީ އެންމެ 117 މީހުން. މީގެ ތެރޭގައި ޕީއެންއެފްގެ ފަރާތުން މާލެއިން އައްޑޫއަށް ދިޔަ މީހުން ވެސް ހިމެނޭ.

7 އޮކްޓޫބަރު 2026 ގައި ޕީއެންއެފް އިން އައްޑޫގައި ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަމުން ދިޔައިރު ނަގައިފައިވާ ފޮޓޯއެއް. އައްޑޫޕްލަސް ފޮޓޯ: އަޙްމަދު އުމައިރު
7 އޮކްޓޫބަރު 2026 ގައި ޕީއެންއެފް އިން އައްޑޫގައި ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަމުން ދިޔައިރު ނަގައިފައިވާ ފޮޓޯއެއް. އައްޑޫޕްލަސް ފޮޓޯ: އަޙްމަދު އުމައިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން އައްޑޫ ސިޓީގައި ބޭއްވި "ނިކަން ތެބެފެނެއި" ޖަލްސާއަށް ގިނަ ބަޔަކު ހާޒިރުވާނެ ކަމަށް ބުނި ނަމަވެސް އެ ޖަލްސާއަށް ތަރުހީބެއް ނުލިބުނެވެ.

މުޅި އައްޑޫގައި އަތްފުނާ އަޅައިގެން މީހުން އެއްކުރަން މަސައްކަތްކޮށްގެން ވެސް މި ޖަލްސާއަށް ދިޔައީ ވަރަށް މަދު ބައެކެވެ. އެގޮތުން ޖަލްސާއަށް ތައްޔާރުވުމަށް އަދި ޖަލްސާ ޕްރޮމޯޓްކުރަން ކެނޑިނޭޅި ޔާމީން އައްޑޫގައި ހުންނަވާ މަސައްކަތް ކުރެއްވި ނަމަވެސް ޖަލްސާއަށް ހާޒިރުވެފައިވަނީ، އެންމެ 117 މީހުންނެވެ. 

ޖަލްސާއަށް ހާޒިރުވި މީހުންގެ ތެރޭގައި ރައީސް ޔާމީން އާއި އެކު ވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޖަމީލު އާއި ކުރީގެ މިނިސްޓަރު މަލީހު ޖަމާލު އަދި ޤާނޫނީ ވަކީލު އަލީ ޝާހު އާއި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން ވަކިކުރި ފަޔާޒު އަދި ޕީއެންސީގެ އެކްޓިވިސްޓުން ކަމުގައިވާ ނޫރުﷲ ސައީދު، އަބްދުﷲ އިބްރާހިމް، ރައީސް އަބްދުﷲ ޔާމީންގެ 4 ބޮޑީގާޑުން އަދި ޝަވީދު ހިމެނެއެވެ. މީގެ އިތުރަށް ވެސް ޖަލްސާ ކުރިއަށް ދިޔައިރު، ޗެނަލް 13ގެ ހަތަރު ޕްރެޒެންޓަރުންނާއި 2 ކެމެރާ މަނުން ވެސް ތިބީ ޖަލްސާގެ ގޮނޑިބަރިތަކުގައި ކަން ފާހަގަކޮށްލެވެއެވެ. 

އައްޑޫއިން ޔާމީންގެ ޖަލްސާ ތައްޔާރުކުރުމުގައި ވެސް އެހީތެރިވާނެ ބަޔަކު ނުވެގެން ޖަލްސާއަށް ތައްޔާރުކުރަން ވެސް މަސައްކަތް ކޮށްފައިވަނީ ޑރ. ޖަމީލު އާއި މަލީހު ޖަމާލު އަދި ފަޔާޒު އާއި ޕީއެންއެފް އިން މާލެއިން ދިޔަ ޓީމުންނެވެ.

މި ޖަލްސާއަކީ ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށް ޔާމީން އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޖަލްސާއެކެވެ.

ޕީއެންއެފްގެ އިސް ބޭފުޅުންނާއެކު ޔާމީން އައްޑޫއަށް ވަޑައިގަތީ މި މަހުގެ ކުރީކޮޅުގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ގެންދަވަނީ އައްޑޫގެ އެކި އަވަށްތަކުގައި ޓައުންހޯލް ބައްދަލުވުންތައް ބާއްވަމުންނެވެ. މީގެ އިތުރުން، ޔާމީން ވަނީ އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށް ވެސް އެމްޑީޕީ މެންބަރުން ހިމެނޭ ގޮތަށް އައްޑޫގެ ގިނަ ބަޔަކު ވަނީ ސިޓީ ކައުންސިލަށް ފާޑުކިޔާފައެވެ.

އައްޑޫގައި ޕީއެންއެފްގެ ހަރަކާތްތައް ކުރިއަށްގެންދާއިރު، މީގެ ކުރިން އެ ޕާޓީން ވަނީ ތިނަދޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ވެސް ޖަލްސާތަކެއް ބާއްވާފައެވެ. 

ކޮމެންޓް 0