އެޗްއާރްސީއެމްއަށް ދިނީ 3500 އަކަފޫޓުގެ ބިމެއް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ދެކުނު ސަރަހައްދީ އޮފީސް ގާއިމުކުރުމަށް 3،500 އަކަފޫޓުގެ ބިމެއް ކަމަށް ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެކަމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމުގެ އެއްބަސްވުމުގައި އެޗްއާރްސީއެމް އާއި އެކު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ. އަދި އެޗްއާރްސީއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް ޑރ. އާއިޝަތު ރަމީލާއެވެ.
އެޗްއާރްސީއެމްއަށް ދޫކުރި ބިމާއި ގުޅިގެން ކައުންސިލްގެ މީޑިއާ އޮފިސަރު ސުހާ ވިދާޅުވީ،“ބިން ހަމަޖައްސައިދިނީ މިހާރު މަރަދޫގައި ގާއިމްކުރަމުން އަންނަ އިމިގްރޭޝަން އޮފީސް ކައިރިން” ކަމަށެވެ. އަދި އެެއީ 3500 އަކަ ފޫޓުގެ ބިމެއް ކަމަށް ވިދާޅުވިއެވެ.
އެޗްއާރްސީއެމްގެ އައްޑޫ އޮފީސް ހިންގަމުން އަންނަނީ މިހާރު އަމިއްލަ ފަރާތެއްގެ އިމާރާތެއްގައެވެ.
އެޗްއާރްސީއެމުން ބުނި ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރުމަކީ ދެކުނު ސަރަހައްދުގައި އެ ކޮމިޝަނުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި އައްޑޫގައި ދެކުނު ސަރަހައްދީ އޮފީސް ގާއިމުކުރުމަށް ބިން ހަމަޖެހިގެންދިއުމާއެކު، އެ ސަރަހައްދުގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.