ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން އައްޑޫގައި
ހިތަދޫ އަދި މަރަދޫފޭދޫ އޮފީހާއި ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތްތައް ބައްލަވާލެއްވި
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި އެ ކުންފުނީގެ ބައެއް އިސްވެރިން ރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން އެ ބޭފުޅުން ވަނީ އެ ސިޓީގެ ހިތަދޫއަށް ވަޑައިގެން، ކުންފުނީގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ.
ހިތަދޫއަށް ކުރެއްވި ދަތުރުފުޅުގައި މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި އެ ކުންފުނީގެ ޓީމުން ވަނީ ހިތަދޫ އޮފީހަށާއި ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވާފައެވެ. އެ ޒިޔާރަތުގައި އެ ތަންތަނުގެ އޮޕަރޭޝަންތަކާއި ޚިދުމަތްތައް ދެމުންދާ ގޮތް އެ ބޭފުޅުން ގާތުން ބައްލަވާލެއްވިއެވެ. މީގެ އިތުރުން، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަސައްކަތުގެ މާޙައުލާއި ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ސްޓެލްކޯގެ އިސްވެރިން މިއަދު ވަނީ އައްޑޫ ސިޓީ ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، އައްޑޫ ސިޓީގައި އެ ކުންފުނީގެ ފަރާތުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރިއަށް ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި މަޝްވަރާކުރެއްވިއެވެ.
ހަމައެއާއެކު، ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިން މިއަދު ވަނީ މަރަދޫފޭދޫގައި ހުންނަ ސްޓެލްކޯގެ އޮފީހަށްވެސް ޒިޔާރަތްކުރައްވާފައެވެ. އެ އޮފީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު، އެ ތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން އެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.