ސްޓެލްކޯ އާއި އެކު އައްޑޫގެ ކަރަންޓުގެ އަގަށް ހެޔޮ ބަދަލެއް!

ސްޓެލްކޯގެ އެމްޑީ ޑރ. އަޒުވަރު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މައި އިންޖީނުގޭގައި. ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ އެމްޑީ ޑރ. އަޒުވަރު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މައި އިންޖީނުގޭގައި. ފޮޓޯ: ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން 17 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އައްޑޫ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމުގެ މަސައްކަތާ ހަވާލުވެއްޖެއެވެ. ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަދި އިތުބާރު ހިފޭ އެއް ޔުޓިލިޓީ ކުންފުނި ކަމަށްވާ ސްޓެލްކޯއިން އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތްތަކާ ހަވާލުވުމާއެކު، އެ ސިޓީގައި ގޭ ބިސީތަކުން ކަރަންޓަށް ނަގާ އަގުތައް ވަނީ މާލެއާ އެއްހަމައަކަށް ގެނެސް ހެޔޮ ބަދަލެއް ގެނެސްދީފައެވެ.

މީގެ ކުރިން އައްޑޫ ސިޓީގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އައި ފެނަކައިން   ގޭ ބިސީތަކުން ކަރަންޓަށް އަގު ނަގަމުން ދިޔައީ، މާލޭގައި ކަރަންޓު ޔުނިޓަކަށް ޗާޖުކުރި އަދަދަށް ވުރެ ބޮޑުކޮށެވެ. ނަމަވެސް ސްޓެލްކޯއިން މި ޚިދުމަތާ ހަވާލުވެ ގެނައި ބަދަލާއެކު، ކަރަންޓު ބޭނުންކުރާ ހުރިހާ ބޭންޑުތަކެއްގެ އަގުތައްވެސް ވަނީ ތިރިކޮށްފައެވެ.

އެގޮތުން، 0 އިން 100 ކިލޯވޮޓް އަވަރާ ދެމެދުގެ ޔުނިޓުތަކަށް ފެނަކައިން ޔުނިޓަކަށް 1.5 ރުފިޔާ ނެގިއިރު، ސްޓެލްކޯގެ ރޭޓަކީ 1.25 ރުފިޔާއެވެ. އަދި 100 އިން 200 ކިލޯވޮޓް އަވަރާ ދެމެދު ފެނަކައިން 1.7 ރުފިޔާ ނެގިއިރު، 200 އިން 300 ކިލޯވޮޓް އަވަރާ ދެމެދު 2.15 ރުފިޔާ، އަދި 300 އިން 400 ކިލޯވޮޓް އަވަރާ ދެމެދު 2.5 ރުފިޔާ ނަގާފައިވެއެވެ. މި ތިން ބޭންޑުގައިވެސް، އެއީ 100 ޔުނިޓުން ފެށިގެން 400 ޔުނިޓާ ހަމައަށް، ސްޓެލްކޯއިން ޔުނިޓަކަށް ކަނޑައަޅާފައިވަނީ 1.5 ރުފިޔާއެވެ.

މީގެ އިތުރުން، 400 އިން 500 ކިލޯވޮޓް އަވަރާ ދެމެދުގެ ޔުނިޓުތަކަށް ފެނަކައިން 2.95 ރުފިޔާ ޗާޖުކުރިއިރު، ސްޓެލްކޯއިން ނަގަނީ 2.66 ރުފިޔާއެވެ. އަދި 500 އިން 600 ކިލޯވޮޓް އަވަރާ ދެމެދު ފެނަކައިން 3.55 ރުފިޔާ ނެގިއިރު، ސްޓެލްކޯގެ އަގަކީ 3.2 ރުފިޔާއެވެ. އެންމެ މަތީ ބޭންޑު ކަމަށްވާ 600 ކިލޯވޮޓް އަވަރަށް ވުރެ އިތުރުވާ ކޮންމެ ޔުނިޓަކަށް ފެނަކައިން 4.25 ރުފިޔާ ނަގަމުން ދިޔަ ނަމަވެސް، ސްޓެލްކޯއިން ނަގަނީ 3.83 ރުފިޔާއެވެ.

އެހެންކަމުން އައްޑޫގެ ގޭ ބިސީތަކުން ކަރަންޓަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެންދާނެއެވެ.

ކޮމެންޓް 0