ޚަބަރު
އައްޑޫ ސިޓީ ކައުންސިލުން އިންޓާނަލް އޮޑިޓް ކޮމިޓީއެއް އުފައްދައިފި
މި ކޮމިޓީ އުފައްދާފައިވަނީ އެލްޖީއޭގެ އިންޓާނަލް އޮޑިޓް ރިޕޯޓަށް ރިއާޔަތްކުރުމަށްފަހު ކަމަށް ޑެޕިއުޓީ މޭޔަރު ޝުއާއު ވަނީ ވިދާޅުވެފައި.
އައްޑޫ ސިޓީ ކައުންސިލުން އިންޓާނަލް އޮޑިޓް
ކޮމިޓީއެއް އުފެއްދުމަށް ފާސްކޮށްފިއެވެ.
ކައުންސިލްގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު
ޝުއާއު ވިދާޅުވީ، މި ކޮމިޓީ އުފެއްދީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ
ފަރާތުން 2026 ވަނަ އަހަރު އެކުލަވާލި އައްޑޫ ސިޓީ ކައުންސިލްގެ އިންޓާނަލް އޮޑިޓް
ރިޕޯޓުގައި ހުރި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށެވެ.
އަލަށް އުފެއްދި އިންޓާނަލް އޮޑިޓް ކޮމިޓީގައި ފަސް
މެންބަރުން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލަރު ޝިނާޒް އާއި،
ކައުންސިލް އެގްޒެކެޓިވް އަލްއުސްތާޒު ހަސަން ޒަރީރުގެ އިތުރުން ކައުންސިލް
އެގްޒެކެޓިވް އާއިޝަތު ސުހާއެވެ. މީގެ އިތުރުން، އެސިސްޓެންޓް ކައުންސިލް
އެގްޒެކެޓިވް އާއިޝަތު ރިފްއަރު ޖަމީލް އަދި އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް
ސަޖުވާ މުހައްމަދު ވެސް މި ކޮމިޓީގައި ހިމެނޭ ކަމަށް ކައުންސިލުން
މައުލޫމާތުދެއެވެ.
މީގެ ކުރިން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި
އަހަރުގެ ޖޫން މަހު ނެރުނު އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓެއްގައި،
ކައުންސިލްގެ ހަރަދުތަކާއި ޕްރޮޖެކްޓްތަކާ ގުޅޭ ބައެއް މައްސަލަތައް
ފާހަގަކޮށްފައިވެއެވެ. އެގޮތުން، ދަތުރުފަތުރުގެ ހަރަދުތަކާއި، ޕްރޮކިއުމަންޓްގެ
އިތުރުން ލަސްވެފައިވާ ބައެއް މަޝްރޫއުތަކުގެ މައްސަލަތައް އެ ރިޕޯޓުގައި
ފާހަގަކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން މި ކޮމިޓީ
އުފައްދާފައިވަނީ، ކައުންސިލްގެ މާލީ ކަންކަމާއި ހިންގުމުގެ ދާއިރާއިން
ފާހަގަކުރެވިފައިވާ ކަންކަން އިސްލާހުކުރުމަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.