ޤައުމީ މަޖިލީހުގެ އިންތިހާބުން ބަލިވި އިބުރޭ އެމްޑީޕީ އާއި ދުރަށް
މި ނިންމެވުން ނިންމެވީ އަމިއްލަ މަސައްކަތްތަކަށް ވަގުތު ހުސްކުރުމުގެ ބޭނުމުގައި ކަމަށް އިބުރޭ ވިދާޅުވި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ އިންތިހާބުން ބަލިވި އިބްރާހިމް ރަޝީދު (އިބުރޭ) އެ ޕާޓީގެ މަސައްކަތްތަކާ ދުރަށް ޖެހެން ނިންމަވައިފިއެވެ.
ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި އިބުރޭ މިކަން ހާމަކުރެއްވީ އެމްޑީޕީގެ މެންބަރުންނަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި އިބުރޭ ވިދާޅުވީ، ޕާޓީގެ މަސައްކަތްތަކާ ފެއަށް ޖެހިވަޑައިގަތުމަށް ގަސްތުކުރެއްވީ އަމިއްލަ މަސައްކަތްތަކަށް ވަގުތު ހުސްކުރުމުގެ ބޭނުމުގައި ކަމަށެވެ.
ޕާޓީގެ މެންބަރުންނަށް ފޮނުއްވި މެސެޖުގައި އިބުރޭ ވަނީ އެމްޑީޕީގެ ހަޔާތުގައި ތަފާތު އެކިއެކި މަރުހަލާތަކުގައި އެ ޕާޓީއަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ސިޓީގެ ނައިބު ރައީސްގެ ހައިސިއްޔަތުން ފަސް އަހަރުގެ ދައުރެއްގައި ރައީސްގެ މަސްއޫލިއްޔަތު އަދާކޮށްދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި ޕާޓީއަށް ކުރިމަތިވި އެންމެހައި އިންތިހާބުތައް ކާމިޔާބުކޮށްދެއްވާފައިވާނެ ކަމަށްވެސް އިބުރޭ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ޕާޓީގެ ހަރުގެ ބޭނުންވާ ފެންވަރަށް ތަރައްގީކޮށްދެއްވައި، އެ ތަނުގައި އެތަކެއް ހަރަކާތްތަކެއް ހިންގަވާފައިވާނެ ކަމަށް އިބުރޭ ވިދާޅުވިއެވެ.
އަމިއްލަ މަސައްކަތްތަކަށް ވަގުތު ދެއްވުމަށްޓަކައި ޕާޓީގެ ހަރަކާތްތަކާ ދުރަށް ޖެހިވަޑައިގަތުމަށް ނިންމެވި ނަމަވެސް، ޤައުމީ މަޖިލީހުގެ އިންތިހާބުގައި އޭނާއަށް ވޯޓު ދެއްވި އާއިލާގެ މެންބަރުންނަށާއި ރައްޓެހިންނަށް އިބުރޭ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ސިޓީގެ ލީޑާޝިޕަށް އަލަށް ހޮވިވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް އިބުރޭގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.