ފޭދޫ ޓޫރިޒަމް ޒޯނުން ގެސްޓްހައުސް ހަދަން ބިން ދޫކުރަން ކައުންސިލުން ފާސްކޮށްފި

ކައުންސިލުން މިގޮތަށް ފާސްކުރީ، މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު ކޮށްފައިވާ އިއުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރުމަށް ފަހު، ޓޫރިޒަމް ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމި ނިންމުމާ އެއްގޮތަށް.

އައްޑޫސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 20 ވަނަ ރަސްމީ ޖަލްސާގެ ތެރެއިން. ފޮޓޯ: އައްޑޫސިޓީ ކައުންސިލް
އައްޑޫސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 20 ވަނަ ރަސްމީ ޖަލްސާގެ ތެރެއިން. ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫ ސިޓީގެ ފޭދޫ ޓޫރިޒަމް ޒޯނުން ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް ބިން ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

ކައުންސިލުން މިގޮތަށް ފާސްކުރީ، މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު ކޮށްފައިވާ އިއުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރުމަށް ފަހު، ޓޫރިޒަމް ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމި ނިންމުމާ އެއްގޮތަށެވެ. މި މައްސަލަ ކައުންސިލުން ފާސްކުރީ ފަސް ކައުންސިލަރެއްގެ ވޯޓުންނެވެ. އޭގެ ތެރޭގައި ފޭދޫ ދާއިރާގެ ކައުންސިލަރު ޒަހާގެ އިތުރުން، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫއަށް ނިސްބަތްވާ ހަތަރު ކައުންސިލަރަކު ހިމެނެއެވެ. ނަމަވެސް، ފޭދޫގެ އަނެއް ކައުންސިލަރު އިސްމާއީލް މި ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

ފޭދޫ ދިގިހެރަ ޓޫރިޒަމް ޒޯނުން ދޫކުރާ މި ބިންތަކަކީ ސަވާހެލި ކުރިމައްޗަށް ވާގޮތަށް އޮންނަ ހިއްކި ބިމުގައި ކަނޑައަޅާފައިވާ 3.2 ހެކްޓަރުގެ ސަރަހައްދެކެވެ. ޖުލައި މަހު ކައުންސިލުން އާންމުކުރި ބީލަމުގެ މައުލޫމާތު ކަރުދާހުގައިވާ ގޮތުން، މި ސަރަހައްދުން 3،000 އަކަފޫޓާއި 5،000 އަކަފޫޓުގެ ބިން ގެސްޓްހައުސް ތަރައްގީކުރަން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި 10 ކޮޓަރީގެ ގެސްޓްހައުސްއާއި 25 ކޮޓަރީގެ ގެސްޓްހައުސް ހެދުމަށް ދޫކުރާ ބިންތައް ހިމެނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މަޝްރޫއަކީ އައްޑޫގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި މިއީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ސިޓީގެ އިގުތިސާދު ކުރިއެރުވުމަށް އެޅޭ ފިޔަވަޅެއް ކަމަށް ވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް 0