ދައުލަތުގެ އިއްޒަތް ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން ރަސްމާލެ މަޝްރޫއުއާއި ދެކޮޅު ހެދުމަށް ޔާމީން ގޮވާލައްވައިފި

ރައީސް ޔާމީން
ރައީސް ޔާމީން

ރަސްމާލެ އަލައްބާރަށް ވިއްކާލުމާ ދެކޮޅުހައްދަވައި އިހުތިޖާޖުކޮށްދެއްވުމަށް ދައުލަތުގެ އިއްޒަތުގެ ޝަރަފު އަރުވާފައިވާ ހުރިހާ ބޭފުޅުންގެ ކިބައިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އިލްތިމާސްކުރައްވައިފިއެވެ. ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި ވަނީ، އެއީ ބޮޑު ހިޔާނާތެއްގެ ގޮތުގައި ސިފަކުރައްވައި، އެ ކަމާ ދެކޮޅުކަން ގައުމުގެ ހައްގުގައި ހާމަކޮށްދެއްވުމަށް އެ ބޭފުޅުންގެ ކިބައިން އެދިވަޑައިގެންފައެވެ.

“ދައުލަތުގެ އިއްޒަތުގެ ޝަރަފުއަރުވާފަވާ ހުރިހާ ބޭފުޅުން ރަސްމާލެ އަލައްބާރަށްވިއްކާލުމާދެކޮޅުހައްދަވާއިހުތިޖާޖުކޮށްދެއްވަން އަޅުގަނޑު އިލްތިމާސްކުރަން.މިވަރުގެބޮޑު ހިޔާނާތަކާ ދެކޮޅުކަން ގައުމުގެ ހައްގުގައި ހާމަކޮށްދެއްވާ” ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ރަސްމާލެ ސަރަހައްދުގައި “މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ” ގެ ނަމުގައި 12 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ދިވެހި ސަރުކާރުން މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކުރީ ސެޕްޓެންބަރު 21 ގައެވެ. ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ސެޕްޓެންބަރު 21 ގައި ދުބާއީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ދިވެހި އާއިލާތަކަށް 5،000 ގެ އަޅައިދޭނެއެވެ. އަދި ވިޔަފާރި ތަރައްގީކުރުމުން ލިބޭ އާމްދަނީގެ 10 އިންސައްތައާއި މުދަލުގެ ކޮންމެ މުއާމަލާތަކުން ހަތަރު އިންސައްތައިގެ ފީއެއް ސަރުކާރަށް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް، ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަންނަނީ އަޑުއުފުލަމުންނެވެ. މިގޮތުން ކުރީގެ ހޯމް މިނިސްޓަރު އިމްރާންއާއި އެހެން ބައެއް ސިޔާސީ ފަރާތްތަކުން ދަނީ މާލޭގައި އެކަމާ ދެކޮޅަށް އެއްވުންތައް ބާއްވަމުންނެވެ. އެހެން ނަމަވެސް އެ އެއްވުންތަކަށް މިހާތަނަށް މާބޮޑު ތަރުހީބެއް ލިބިފައިނުވެއެވެ.

ރައީސް ޔާމީން
ކޮމެންޓް 0