ޚަބަރު
އައްޑޫ ސިޓީގައި ވާހަކަދެއްކުމުގެ މުބާރާތަކާއި ބަހުސް މުބާރާތެއް ފަށައިފި
ގައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން އައްޑޫ
ސިޓީގައި ވާހަކަދެއްކުމުގެ މުބާރާތަކާއި ބަހުސް މުބާރާތެއް ފަށައިފިއެވެ.
އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ
ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިޚް ޙުސައިން
ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ބަހުސް މުބާރާތް ފެށުމުގެ
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ
ވަޒީރު ހީނާ ވަލީދުއެވެ.
އައްޑޫ ސިޓީ ހިތަދޫގައި އިއްޔެ ފެށި މި މުބާރާތް،
ފެށުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރުންގެ ފަރާތުން ވާހަކަ ދެއްކުމުގެ އިތުރުން
ޕެނަލް ޑިސްކަޝަންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ މުބާރާތުގެ
ބައިވެރިންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މި މުބާރާތް
ރަސްމީކޮށް ފައްޓާފައިވަނީ މުބާރާތުގެ ފަނޑިޔާރުން ތައާރަފުކޮށްދިނުމަށްފަހުއެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ
ދަރިވަރުންގެ ޔޫނިއަނުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާއި،
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، އައްޑޫ ސިޓީ ކައުންސިލް އަދި
ދިވެހިބަހުގެ އެކެޑަމީ އާއި ގުޅިގެން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ
ސްކޫލުތަކަށާއި މުއައްސަސާތަކަށް ކުރިއަށް ގެންދާ މުބާރާތެކެވެ.