ޚަބަރު
ބީއެމްއެލްގެ އެހީ ނަރސަސް އެސޯސިއޭޝަންގެ ރިހެބިލިޓޭޝަން ޕްރޮގްރާމަށް
އެމްއެންއޭ އިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ދަށުން، ތަމްރީނު ސެޝަންތަކާއި، ދުޅަހެޔޮ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް ހިންގާފައިވޭ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ އެހީތެރިކަމާއެކު، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެއްބާރުލުން ދިނުމަށާއި، ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދަތި ހާލަތްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ހިންގި ޕްރޮގްރާމެކެވެ.
މީގެއިތުރުން، އެފަދަ ފަރާތްތައް މުޖުތަމައަށް ނެރެ އަހުލުވެރިކުރުވުމަށާއި، ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް ހޭލުންތެރިކަން އިތުރުކުރުމަށްވެސް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.
އެމްއެންއޭ އިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ދަށުން، ތަމްރީނު ސެޝަންތަކާއި، ދުޅަހެޔޮ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް ހިންގާފައިވެއެވެ. އަދި މި ހަރަކާތްތަކުގެ ޒަރީއާއިން ހުޅުމާލޭގެ ސަތޭކައަށްވުރެ ގިނަ ފަރާތްތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ބީއެމްއެލް ބޭންކް ފަންޑުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މިފަދަ މުހިންމު އިޖުތިމާޢީ މަޝްރޫއުތަކަށް ބޭންކުން އަބަދުވެސް އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.