އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 30.8 ބިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީގެ ނިސްބަތް 1.8 އިންސައްތަ ވަނީ އިތުރުވެފަ.

މާލީ ވުޒާރާ. ފޮޓޯ: ޕީއެސްއެމް
މާލީ ވުޒާރާ. ފޮޓޯ: ޕީއެސްއެމް

މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ 30.879 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ވުޒާރާއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ބުނެފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.342 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވުމެވެ. އެގޮތުން، ޓެކްސް އާމްދަނީ ވަނީ 22.528 ބިލިއަން ރުފިޔާއިން 23.835 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މާލީ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ހަފުތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިންނެވެ.

ފަތުރުވެރިކަމާ ގުޅުންހުރި ޓެކުހުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީ އިން 8.062 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.172 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 އިންސައްތައިގެ ދަށްވުމެކެވެ. އަހަރުން އަހަރަށް ބަލާއިރު ކުޑަ ދަށްވުމެއް އައި ނަމަވެސް، ހަފުތާގެ ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޓީޖީއެސްޓީއިންނެވެ.

މީގެއިތުރުން، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.2 އިންސައްތަ އިތުރުވެ، 1.529 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.412 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުން ވެސް ވަނީ ކުރިއެރުން ހޯދާފައެވެ. އެގޮތުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު މިންވަރު 21.2 އިންސައްތަ އިތުރުވެ 5.782 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމްޕޯޓް ޑިއުޓީ ވަނީ 11.4 އިންސައްތަ އިތުރުވެ 2.513 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) 2.8 އިންސައްތަ އިތުރުވެ 4.132 ބިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ 8.1 އިންސައްތަ އިތުރުވެ 1.552 ބިލިއަން ރުފިޔާއަށް އަދި މުދަލުން ލިބޭ އާމްދަނީ 13.5 އިންސައްތަ އިތުރުވެ 1.948 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި ދައުލަތަށް ލިބުނު ހިލޭ އެހީ ވަނީ 84.7 އިންސައްތަ އިތުރުވެ، 0.513 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.

ދައުލަތުގެ ޖުމްލަ ހަރަދު 35.456 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 30.008 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 18.2 އިންސައްތައިގެ އިތުރުވުމެކެވެ. ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާ 18.5 އިންސައްތަ އިތުރުވެ 30.653 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 14.1 އިންސައްތަ އިތުރުވެ، 5.555 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ހިންގުމުގެ އެހެނިހެން ހަރަދުތައް ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. އިދާރީ އަދި ހިންގުމުގެ ހަރަދުތައް 23.8 އިންސައްތަ އިތުރުވެ 18.539 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީ އާއި ސަބްސިޑީއަށް ކުރި ހަރަދު ވަނީ 44.3 އިންސައްތަ އިތުރުވެ 10.169 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރި ހަރަދު 75.1 އިންސައްތަ އިތުރުވެ 4.203 ބިލިއަން ރުފިޔާއަށް އަދި އާސަންދައަށް ކުރި ހަރަދު 25.1 އިންސައްތަ އިތުރުވެ 1.864 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗާ ވަނީ 15.9 އިންސައްތަ އިތުރުވެ، 4.804 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށެވެ. 

އެގޮތުން، ބިމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 34.1 އިންސައްތަ އިތުރުވެ 1.453 ބިލިއަން ރުފިޔާއަށް، ފާލަމާއި ބަނދަރު ހެދުމަށް ކުރި ހަރަދު 38.4 އިންސައްތަ އިތުރުވެ 0.333 ބިލިއަން ރުފިޔާއަށް، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ހަރަދު 37.5 އިންސައްތަ އިތުރުވެ 0.945 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ހަރަދު ވެސް ވަނީ 19.6 އިންސައްތަ އިތުރުވެފައެވެ. 

ކޮމެންޓް 0