"ބަލީގެ ކުރީބައިގައި ދެނެގަނެވިއްޖެނަމަ ފަރުވާގެ ފުރުސަތުތައް އިތުރުވެ، ބަލިން ފަސޭހަވުމުގެ އުންމީދު ބޮޑުވެގެންދާނެ"

ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި ގަވާއިދުން ސްކްރީން ކުރުމަށް އެކަމަނާ ވަނީ އަންހެނުންނަށް އިލްތިމާސްކުރައްވާފަ.

7 ވަނަ އަހަރީ "ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯޒިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
7 ވަނަ އަހަރީ "ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯޒިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

އުރަމަތީގެ ކެންސަރު ކުރީބައިގައި ދެނެގަނެވިއްޖެނަމަ، އަންހެނުންނަށް ފަރުވާގެ ގިނަ ފުރުސަތުތަކެއް ލިބި، ބަލިން ފަސޭހަވުމުގެ އުންމީދު އާވެގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި ގަވާއިދުން ސްކްރީން ކުރުމަށް އެކަމަނާ ވަނީ އަންހެނުންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ވިދާޅުވީ މިއަދު ބޭއްވި 7 ވަނަ އަހަރީ "ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯޒިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުރަމަތީގެ ކެންސަރަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި އިސްކަންދޭ މުހިންމު ދާއިރާއެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ހަށިގަނޑަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށާއި، އެފަދަ ބަދަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

ބަލި ކުރީބައިގައި ދެނެގަނެވިއްޖެނަމަ، ފަރުވާގެ ކާމިޔާބީއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، ބަލީގެ ކުރީކޮޅު ފަރުވާ ފެށުމުން ބަލިން ފަސޭހަވުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށްވެސް އެކަމަނާ ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، ޒަމާނީ ވަސީލަތްތަކާއި ފަންނީ މާހިރުންގެ އެހީގައި ބަލި ދެނެގަތުމުގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ބަލީގެ ކުދި ބަދަލުތައް ކުރީބައިގައި ދެނެގަތުމަށްޓަކައި "އާޓިފިޝަލް އިންޓެލިޖެންސް" (އޭ.އައި) ފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުމުގެ ފައިދާތަކާ ގުޅޭގޮތުން އެކަމަނާ ވާހަކަފުޅު ދެއްކެވިއެވެ. 

އަދި މިފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނުކޮށް، އެދާއިރާ އިތުރަށް ކުރިއެރުވުމުގެ މުހިންމުކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.                   

ބަލިމީހުންނަށް ބޭނުންވާ ސިއްހީ ފަރުވާގެ އިތުރުން، އެމީހުންނަށް އެންމެ ފުރިހަމައަށް މައުލޫމާތު ފޯރުކޮށްދިނުމާއި، އިންސާނީ ކަރާމާތާއި، އޯގާތެރިކަމުގެ އިތުރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ދިވެހިރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރަށްތައް ދުރުގައި އޮތުމަކީ ފަރުވާ ހޯދުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި، އަދި އެއީ ފަރުވާގެ ފެންވަރަށް ނުވަތަ ފަރުވާ ދިނުމަށް ހޭދަވާ ވަގުތަށް ބަދަލު އަންނަންޖެހޭ ސަބަބެއް ނޫންކަމަށްވެސް އެކަމަނާ ފާހަގަކުރެއްވެވިއެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުރަމަތީގެ ކެންސަރަށް ދެވޭ ފަރުވާ އާއި ހިދުމަތްތައް ހަރުދަނާކުރުމަށާއި، އިތުރު ފަރުވާއަށް ފޮނުވުމުގައި ހުރި ނިޒާމުތައް އިސްލާހުކުރުމަށާއި، ހާއްސަ ފަރުވާގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކަމަނާ ގޮވާލެއްވިއެވެ.

އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދާފައިވާ އަދި މިހާރުވެސް ފަރުވާ ހޯދަމުންދާ އަންހެނުންނާއި، މި ބަލީގައި ގާތްތިމާގެ މީހުން ވަކިވެދިޔަ އާއިލާތަކުގެ އިހުސާސްތައް އެކަމަނާ ބަލައިގަތްކަން ހާމަކުރެއްވިއެވެ. އަދި ފަރުވާގެ ކަންކަން ތަރުތީބުކުރުމުގައި އަންހެނުންގެ ބޭނުންތަކަށް އެންމެ ބޮޑު އިސްކަމެއް ދިނުމަށާއި، ފަރުވާ ހޯދާ މީހުންނަކީ ގަދަރުވެރި ދިރިއުޅުމެއް އުޅެވޭނެ ބަޔަކަށް ހެދުމުގެ މުހިންމުކަން އެކަމަނާ ތަކުރާރުކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ބައްޔަށް ސްކްރީން ކުރުމާއި ސިއްހީ ލަފާ ހޯދުމުގައި ބިރުގެ ސަބަބުން ފަސްނުޖެހުމަށް ހުރިހާ އަންހެނުންނަށް ބާރުއެޅުއްވިއެވެ. އަދި ބަލި އަވަހަށް ދެނެގަނެވިއްޖެނަމަ، ފަރުވާގެ ގިނަ ފުރުސަތުތަކެއް ލިބި، ބަލިން ފަސޭހަވުމުގެ އުންމީދު ބޮޑުވާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ސިމްޕޯޒިއަމް ކުރިއަށް ގެންގޮސްފައިވަނީ "ބަލި ދެނެގަތުމުން ފެށިގެން ފަސޭހަވުމާ ހަމައަށް: އުރަމަތީގެ ކެންސަރުގެ ފަރުވާ ހަރުދަނާކުރުން" މި ޝިއާރުގެ ދަށުންނެވެ.

ކޮމެންޓް 0