ޚަބަރު
މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑްގެ ބޯޑު އެކުލަވާލައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި، މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފައްދަވާފައިވަނީ، ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އެމަނިކުފާނުގެ ހާއްސަ ގަރާރަކުން މިދިޔަ މަހުގެ 12 ވަނަ ދުވަހުއެެވެ.
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި، އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ކުންފުނީގެ ޗެއަރޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ، އައްޝައިހް އިއްޒައްދީން އަދުނާންއެވެ. އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ ޔާމީން އިދްްރީސްއެވެ.
ކުންފުނީގެ ބޯޑު މެންބަރުން:
- ހުސައިން ޝާމް އާދަމް
- ޑރ. މުހައްމަދު ޝުޖާއު
- މަރްޔަމް ނިހާޔަތު
- އަބްދުﷲ އަލީ
- މުހައްމަދު ހިލްމީ