ޚަބަރު
ހުޅުމީދޫގެ ކަރަންޓު ހިދުމަތް ރަނގަޅުކުރުމަށް 800 ކިލޯވޮޓުގެ ޖަނަރޭޓަރު މަރާމާތު ކުރުމަށްފަހު އޮޕަރޭޝަނަށް ގެނެސްފި
ސްޓެލްކޯއިން ބުނީ، މި ޖަނަރޭޓަރު ސެޓު އަލުން އޮޕަރޭޝަނަށް ގެނައުމާއެކު، ހުޅުދޫ އަދި މީދޫގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް.
އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ކަރަންޓު
ހިދުމަތާ ސްޓެލްކޯއިން ހަވާލުވިއިރު، މައްސަލަޖެހި ނުހިންގިފައިހުރި 800
ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓު މަރާމާތަށްފަހު ބޭނުންކުރަން ފަށާފައިވާ ކަމަށް
އެކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، މި ޖަނަރޭޓަރު ސެޓު އަލުން
އޮޕަރޭޝަނަށް ގެނައުމާއެކު، ހުޅުދޫ އަދި މީދޫގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުވެ،
އެ ރަށްތަކުގެ ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ
ކަމަށެވެ.
ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ އުންމީދަކީ،
ކުންފުނީގެ ގާބިލު އަދި ތަޖުރިބާކާރު މުވައްޒަފުންގެ ހުނަރާއި އިލްމުގެ ބޭނުން
ހިފައިގެން، މިފަދައިން މައްސަލަޖެހި ނުހިންގި ހުރި ޖަނަރޭޓަރުތައް މަރާމާތުކޮށް
ހިންގުމުގައި ދެމިތިބުން ކަމަށެވެ.
އަދި، މިއާއެކު ރައްޔިތުންނަށް މެދުކެނޑުމެއްނެތި
ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެކުންފުނިން
ބުނެފައިވެއެވެ.
ދާދިފަހުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ.
އަލީ އަޒުވަރު ވަނީ، އައްޑޫ ހިމެނޭހެން މުޅި ރާއްޖޭގެ ކަރަންޓުގެ ނިޒާމު
ހަރުދަނާކުރުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން
އާއްމުންނަށް ދެއްވާފައެވެ.