މާލީ ހާލަތު ރަނގަޅުވުމުން މޫޑީސްއިން ރާއްޖޭގެ ރޭޓިން މަތިކޮށްފި

ރޭޓިންގއަށް މި ގެނައި ކުރިއެރުމަކީ، ކުރުމުއްދަތުގައި ޑިފޯލްޓް ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާކަމަށް މޫޑީސްއަށް ގަބޫލުކުރެވޭތީ ގެނައި ބަދަލެއް.

މާލީ ހާލަތު ރަނގަޅުވުމުން މޫޑީސްއިން ރާއްޖޭގެ ރޭޓިން މަތިކޮށްފި

ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ 'ސީ.އޭ.އޭ.2' އިން 'ސީ.އޭ.އޭ.1' އަށް މަތިކޮށް، ރޭޓިންގގެ އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފައިވާކަން މޫޑީސް އިން އިއުލާނުކޮށްފިއެވެ.

މޫޑީސް އިން 8 އޮކްޓޫބަރު 2026 ގައި ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ރޭޓިންގއަށް މި ގެނައި ކުރިއެރުމަކީ، ކުރުމުއްދަތުގައި ޑިފޯލްޓް ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާކަމަށް މޫޑީސްއަށް ގަބޫލުކުރެވޭތީ ގެނައި ބަދަލެކެވެ.

މީގެ ތެރޭގައި 2026 ވަނަ އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ރިޒާވް ބޭންކް އޮފް އިންޑިއާއަށް އަދާކުރުމާއި، 2026 ވަނަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އިންވެސްޓުކޮށްފައިވާ ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލްތަކަށް ފައިސާ ދައްކާ ހަލާސްކުރުމުގެ އިތުރުން، އެޕްރީލް2026 އަށް މެޗުއަރވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު 2031 ވަނަ އަހަރާ ހަމައަށް ފަސްކުރުން ހިމެނެއެވެ.

މީގެއިތުރުން، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރާ ފައިސާގެ މިންވަރު އިތުރުވުމާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ބައިލެޓަރަލް ފަރާތްތައް މެދުވެރިކޮށް ލިބޭ އެއްބާރުލުން މެދުނުކެނޑި ލިބެމުންދިއުން ވެސް މި ރޭޓިންގ މަތިވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. ހަމައެޔާއެކު، ސަރުކާރުން މި ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުލަވައިލާފައިވާ ސިޔާސަތުތަކުގެ ހަރުދަނާކަން މޫޑީސްއިން އާއްމުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މެދުރާސްތާގައި ދައްކަންހުރި ބޭރު ފައިސާގެ ދަރަނި ދަށްވުމާއި، އެކި ގައުމުތަކާއި މާލީ އިދާރާތަކުގެ އެހީތެރިކަން ސަރުކާރަށް ލިބުމަކީ ކުރުމުއްދަތުގައި ކުރިމަތިވެދާނެ މާލީ ގޮންޖެހުންތަކުން ރައްކާތެރިވެ، ރިޒާވް އިތުރަށް ވަރުގަދަކުރުމަށް ލިބޭ ބާރެއްކަމަށް މޫޑީސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން، ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު، އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރުގެ ފައިނޭންސިންގ ސަރުކާރުން ވަނީ މިއަހަރުގެ ތެރޭގައި ހޯދާފައެވެ.

އަދި ލުއިގޮތްތަކެއްގެ މަތިން މާލީ އެހީތެރިކަން ހޯދުމަށް ބައިނަލްއަޤްވާމީ އެޖެންސީތަކާއި ބައިލެޓަރަލް ފަރާތްތަކާއެކު ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. ހަމައެޔާއެކު، އައު ފައިނޭންސިންގ ހޯދުމުގައި ރާއްޖޭގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށްވެސް ސަރުކާރުން މުހިންމު އަހަންމިއްޔަތުކަމެއް ދެއެވެ.

މި އަހަރު ދަރަނި އަނބުރާ ދެއްކުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ދަރަނި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްވެފައެވެ. އަދި މިއީ 2023 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި ޖުމުލަ މިންވަރަށްވުރެ ދަށް މިންވަރެކެވެ. މިއީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު ދައުލަތުން ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކަށް ވާސިލުވަމުންދާކަމުގެ ހެއްކެކެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު އުފުލި، އޭގެ ނޭދެވޭ އަސަރު އިގުތިސާދަށް ކޮށްފާނެކަމަށް ގަބޫލުކުރެވުނު ނަމަވެސް، ރާއްޖޭގެ އިގުތިސާދީ ވިލުންތެރިކަމާއި، ރިޒާވް ވަރުގަދަކުރުމަށް އެކުލަވައިލާފައިވާ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކޮށް، ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކުން ރައްޔިތުންގެ އަސާސީ ކަންކަމަށް ދަތި ނުވާނޭގޮތަށް، ފާސްކުރި ބަޖެޓުގެ ތެރެއިން އިގުތިސާދީ ހަރަކާތްތައް ބާރުވެރިކުރުމުގައި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވަމެވެ.

މެދު ރާސްތާގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ ހިފަހައްޓައި، ދައުލަތުގެ މާލިއްޔާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމެވެ. އަދި ދުނިޔޭގެ އިގުތިސާދީ ހާލަތު ރަނގަޅުވަމުންދާއިރު، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުމާއި، ވިޔަފާރީގެ އުމްރާނީ ވަސީލަތްތައް ވަރުގަދަކުރުން މި އަމާޒުގެ ތެރޭގައި ހިމެނެއެވެ. 

ކޮމެންޓް 0