ސަޢޫދީގެ އެއާޕޯޓުތަކަށް ހޫޘީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިގުލާލަށް އަރައިގަނެ ހިންގާފައިވާ ކަނޑައެޅިގެން ހިލާފު އަމަލެއް.

ސަޢޫދީގެ އެއާޕޯޓުތަކަށް ހޫޘީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސަޢޫދީ ޢަރަބިއްޔާގެ އަބްހާ އިންޓަނޭޝަނަލް އެއަރޕޯޓާއި ކިންގް ޚާލިދު އިންޓަނޭޝަނަލް އެއަރޕޯޓަށް އަމާޒުކޮށް، ހޫޘީ ޖަމާއަތުން ދިން ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި މަހުގެ 6 އަދި 7 ވަނަ ދުވަހު ހޫޘީން ދިން ހަމަލާތަކާ ގުޅިގެން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިގުލާލަށް އަރައިގަނެ ހިންގާފައިވާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ. އަދި މިއީ ސަރަހައްދީ ސުލްހަ މަސަލަސްކަމާއި، ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

މި ހަމަލާތަކުގައި ބައެއް މީހުންގެ ފުރާނަ ގެއްލި، ގިނަ ބަޔަކަށް އަނިޔާވެ، އެއާޕޯޓުގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރުން ތައުޒިޔާ ފޮނުއްވައި، އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިފައިވެއެވެ.

މީގެއިތުރުން، ސަޢޫދީ ސަރުކާރާއި އެގައުމުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރަމުން، އެގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެކަމުގެ ޔަގީންކަން ސަރުކާރުގެ ބަޔާނުގައި ދީފައިވެއެވެ.

ކޮމެންޓް 0