ޚަބަރު
އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ދޫކޮށްފި
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ކައުންސިލްތަކުގެ ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އަދަދެއް ކަނޑައެޅި އަހަރު.
މި އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާއްމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް ދޫކުރި އަދަދަށްވުރެ 17 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ކައުންސިލްތަކަށް ދޫކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ.
މި ފައިސާއަކީ ލާމަރުކަޒީ އުސޫލުން ހިދުމަތް ދިނުމަށާއި ރަށްރަށުގެ ތަރައްގީއަށް ކުރެވޭ ހޭދައެކެވެ.
ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންވަރަކަށް، ފިސްކަލް ފޯމިއުލާއެއްގެ ތެރެއިން ހުރިހާ ކައުންސިލްތަކަށް ދޭ އެހީއެކެވެ. ބްލޮކް ގްރާންޓް ހަރަދުކުރެވޭ އުސޫލު ހަރުދަނާކުރުމުގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަރަދުކުރުމަށް ބާރުއެޅޭނެ ގޮތަށް ބައްޓަންކުރުމަށް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ކައުންސިލްތަކުގެ ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އަދަދެއް ކަނޑައެޅި އަހަރެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް 2.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ކައުންސިލްތަކަށް އެންމެ ފުރަތަމަ ބްލޮކް ގްރާންޓް ދޫކުރަން ފެށީ 2020 ވަނަ އަހަރެވެ.
ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދެނީ ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތައެވެ.