ދުނިޔޭގެ ނިސްބަތުން %15 އަށްވުރެ ގިނަ ދެމަފިރިންނަށް ދަރިން ހޯދުމުގައި ދަތިތަކާ ކުރިމަތިވެއެވެ. ނަމަވެސް ސައިންސާއި މެޑިކަލް ދާއިރާއަށް އައި ކުރިއެރުންތަކާއެކު، ފެށުމުގައި މިފަދަ ދަތިތައް ހުންނަ ފަރާތްތަކަށް ހައްލުތަކެއް ވަނީ ހޯދިފައެވެ.
އެގޮތުން، އިން-ވިޓްރޯ ފަރޓިލައިޒޭޝަން (އައި.ވީ.އެފް) އަކީ މިފަދަ ގިނަ ބަޔަކަށް ދަރިން ހޯދައިދިނުމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ވަސީލަތެކެވެ. މި ނިޒާމުގައި ރަހިމުން ބޭރުގައި ބިސް ފަނާކުރުމުގެ މަރުހަލާ ކުރިއަށްގެންދެއެވެ.
ނަމަވެސް، އައި.ވީ.އެފް މެދުވެރިކޮށް ލިބޭ ކުދިންގެ ދިގު މުއްދަތުގެ ސިއްހަތާ ގުޅޭގޮތުން ބައެއް ސުވާލުތައް ވަނީ އުފެދިފައެވެ. ސައިންސްވެރިންގެ ބޮޑެތި ދިރާސާތަކުން ދައްކާގޮތުގައި މިގޮތަށް އުފަންވާ ކުދިންނަށް އުމުރުގެ ފަހުބައިގައި ސިއްހީ ބައެއް މައްސަލަތައް ދިމާވުމުގެ ފުރުސަތު ކުޑަކޮށް އިތުރެވެ.
'އެމެރިކަން ޖަރނަލް އޮފް އޮބްސްޓެޓްރިކްސް އެންޑް ގިނެކޮލޮޖީ' ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބަލާފައިވަނީ، އައި.ވީ.އެފް ހަދާއިރު ލެބޯޓްރީގައި އެމްބްރިއޯއަށް ކުރިމަތިވާ ނުވަތަ ތަހައްމަލުކުރަންޖެހޭ ފިއްތުންތަކުގެ (ސްޓްރެސް) ސަބަބުން، ޖީންގެ ބައެއް ބައިތައް ދައުރުވާގޮތަށް ބަދަލުތަކެއް އާދޭތޯއެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި އައި.ވީ.އެފް މެދުވެރިކޮށް ލިބުނު ކުދިންގެ ޖީނޯމްގައި LINE-1 (ލޯންގް އިންޓަރސްޕަރސްޑް ނިއުކްލިއަރ އެލިމެންޓްސް-1) ގެ މިންވަރު، އާދައިގެ ގޮތުގައި މާބަނޑުވެގެން ލިބޭ ކުދިންނަށްވުރެ އިތުރެވެ. އަދި ޑީ.އެން.އޭ ގެ 11 ސަރަހައްދެއްގައި LINE-1 އިތުރުވެފައިވާކަން ނުވަތަ މަދުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މި ސަރަހައްދުތަކާ ގުޅިފައިވާ ޖީންތަކަކީ ހަށިގަނޑުގެ މެޓަބޮލިޒަމްއާ އަދި ކެންސަރު ފަދަ ބަލިތަކާ ގުޅުންހުރި ޖީންތަކެކެވެ.
ޖަންޕިންގ ޖީންސް ފާހަގަކުރުން
ޑޮކްޓަރުންނަށް ވަނީ އައި.ވީ.އެފް ކުދިންނަށް މެޓަބޮލިކް މައްސަލަތައް ދިމާވުމުގެ ފުރުސަތު ކުޑަކޮށް ބޮޑުކަން ފާހަގަކުރެވިފައެވެ. ނަމަވެސް އެކަން ދިމާވާ ސަބަބު މީގެ ކުރިން ސާފުވެފައެއް ނުވެއެވެ. LINE-1 ފަދަ "ޓްރާންސްޕޯސަބަލް އެލިމެންޓްސް" ތަކަކީ ޖީނޯމްގެ ތެރޭގައި އަމިއްލައަށް ބަދަލުވެ ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބައިތަކެކެވެ. މިއީ ކުރީކޮޅުގެ އެމްބްރިއޯ ބުޅާވުމުގެ މަރުހަލާގައި ކުރިމަތިވާ ސްޓްރެސްގެ ނިޝާނަކަށް ވެސް ވެދާނެއެވެ.
އައި.ވީ.އެފް މަރުހަލާގައި އެމްބްރިއޯއަށް މަސްނޫޢީ މާހައުލާއި، ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ އަސަރުކުރާތީ، ސައިންސްވެރިން ވަނީ އައި.ވީ.އެފް މެދުވެރިކޮށް ލިބުނު 20 ކުދިންނާއި، އައި.ސީ.އެސް.އައި މެދުވެރިކޮށް ލިބުނު 13 ކުދިން އަދި އާދައިގެ ގޮތުގައި ލިބުނު 42 ކުދިންގެ ލޭގެ ސާމްޕަލް ނަގައިގެން ދިރާސާކޮށްފައެވެ.
އެމްބްރިއޯއަށް ކުރިމަތިވާ ސްޓްރެސްއާއި ބަލިތަކުގެ ގުޅުން
މި ދިރާސާއިން އެނގުނު ގޮތުގައި އައި.ވީ.އެފް މެދުވެރިކޮށް ލިބުނު ކުދިންގެ LINE-1 ގެ މިންވަރު އާދައިގެ ގޮތުގައި ލިބުނު ކުދިންނަށްވުރެ ބޮޑުތަނުން އިތުރެވެ. އަދި މި ބަދަލުތައް ފެނުނު ސަރަހައްދުތަކަކީ ހިތުގެ ބަލިތަކާއި، މެޓަބޮލިކް މައްސަލަތަކާއި، ނިއުރޯސައިކިއޭޓްރިކް މައްސަލަތަކާއި ކެންސަރުގެ ނުރައްކަލާ ގުޅިފައިވާ ސަރަހައްދުތަކެކެވެ.
މި ދިރާސާއިން އެނގިގެންދަނީ އައި.ވީ.އެފް ހަދާއިރު އެމްބްރިއޯއަށް ކުރިމަތިވާ ސްޓްރެސް ކުޑަކުރުމަށްޓަކައި، އައި.ވީ.އެފް މަރުހަލާތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމުގެ މުހިންމުކަމެވެ.
މަސްދަރު: މެޑިކަލް އެކްސްޕްރެސް.ކޮމް
