ވަގު ޑޮލަރުތަކެއް ބޭނުންކޮށްގެން އައިފޯނެއް ގަތް މައްސަލައެއްގައި ސ. ހުޅުދޫ، އިރަމާގެ، ހުސައިން ޒައިދާން އަލީ 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވާ ގޮތުގައި، އޭނާ ވަނީ ސްރީލަންކާގެ ރައްޔިތެއްގެ އަތުން އައިފޯނެއް ގަތުމަށް 900 ޑޮލަރު ދީފައެވެ. އަދި ފައިސާ ދެއްކިއިރު އޭނާ ދީފައިވަނީ ސައްހަ ނޫން 100 ޑޮލަރުގެ 9 ނޫޓު ކަމަށް ދައުވާގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ހުސައިން ޒައިދާން އަލީ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ކުށުގެ ދައުވާއަށް އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފުވުމާ ގުޅިގެން، ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ އޭނާގެ އިއުތިރާފުގެ މައްޗަށް ބިނާކޮށެވެ.
ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، މިއީ އޭނާ މިފަދަ ކުށެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2023 ވަނަ އަހަރުގެ ތެރޭގައި ވެސް މަކަރާއި ހީލަތް ހެދުމާއި، ފޯޖަރީ އާއި މަނީ ލޯންޑަރިންގެ އިތުރުން ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި އެތައް ފަހަރަކު އޭނާ ހައްޔަރުކޮށްފައިވެއެވެ. އެގޮތުން، އެ އަހަރުގެ މެއި މަހާ ހަމައަށް ވެސް މި ބާވަތުގެ މައްސަލަތަކުގައި 9 ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ. އޭގެ ތެރޭގައި ކޯޓުން ޝަރުތުތަކަކާއެކު ދޫކޮށްލާފައި ހުއްޓައި، އަލުން ކުށުގެ ވެއްޓަށް ވަދެގެން ހައްޔަރުކުރި ފަހަރުތައް ވެސް ހިމެނެއެވެ.
ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް އޭނާ މިހާރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކޮށްފައެވެ.
