އައްޑޫ ސިޓީ ކައުންސިލްގެ ސްޓާފް ނައިޓް؛ އިސްރާފެއް ނޫން!

މުވައްޒަފުންގެ އަގުވަޒަންކުރުމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ގިނަ މުވައްޒަފުން ދެކޭ.

2026 ވަނަ އަހަރުގެ އައްޑޫ ސިޓީ ކައުންސިލްގެ ސްޓާފް ނައިޓް. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
2026 ވަނަ އަހަރުގެ އައްޑޫ ސިޓީ ކައުންސިލްގެ ސްޓާފް ނައިޓް. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލުން މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ބޭއްވި "ސްޓާފް ނައިޓް 2026" އާ ގުޅިގެން އާންމުންގެ މެދުގައި ވަނީ ތަފާތު ހިޔާލުތަކެއް އުފެދިފައެވެ. 

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބައެއް ފަރާތްތަކުން މިކަން ސިފަކުރަނީ ދައުލަތުގެ ފައިސާ ބޭކާރު ގޮތުގައި އިސްރާފުކުރުމުގެ ގޮތުގައެވެ. ނަމަވެސް، މިއީ ހަމައެކަނި ހަރަދެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، މުވައްޒަފުންގެ އަގުވަޒަންކުރުމާއި އާންމު ހިދުމަތުގެ ފެންވަރު މަތިކުރުމާ އޮތް ގުޅުމުގެ މައްޗަށް ފުންކޮށް ވިސްނާލުން މުހިންމެވެ. ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަކީ ރައްޔިތުންނާ އެންމެ ގާތުން، އެންމެ ގިނަ ވަގުތު މަސައްކަތްކުރާ ފަރާތްތަކަށް ވާއިރު، އެ މީހުންގެ މަސައްކަތުގެ އަގުވަޒަންކުރުމަކީ މުޅި މުއައްސަސާގެ ހިންގުން ހަރުދަނާކުރުމަށް އެޅޭ އެންމެ މުހިންމު އެއް ބިންގަލެވެ. މިއީ ހަމައެކަނި އައްޑޫ ސިޓީއަށް ހާއްސަ ކަމެއް ނޫނެވެ. މުޅި ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ކާމިޔާބުކަމާއެކު ހިންގޭނީ މުވައްޒަފުންގެ ގާބިލުކަން އިތުރުކޮށްދީގެންނެވެ.

ފާޑުކިޔާ ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކުރާ އެއް ނުކުތާއަކީ، އިގުތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި ކައުންސިލްތަކުން މިފަދަ ހަފުލާތަކަށް ހަރަދުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމެވެ. އައްޑޫ ސިޓީގެ މަގުތައް ހެދުމާއި އަދި އާންމު ރައްޔިތުންނަށް ބޭނުންވާ އެހެނިހެން އަސާސީ ހިދުމަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު، މުވައްޒަފުންގެ މުނިފޫހިފިލުވުމަށް އާންމު ފައިސާ ހޭދަކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މިއީ މާލީ ޖަވާބުދާރީވުމުގެ ނަޒަރުން ބަލާއިރު ބުރަދަނެއް ހުރި ވާހަކައެއް ކަމަށް ގަބޫލުކުރަން ޖެހެއެވެ. ދައުލަތުގެ ކޮންމެ ރުފިޔާއަކީވެސް ރައްޔިތުންގެ ލާބަޔަށް ހަރަދުކުރެވޭ އެއްޗަކަށް ވާންޖެހޭނެކަން ކަށަވަރެވެ. އަދި ހާއްސަކޮށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކައުންސިލްތަކަށް ކުރާއިރު، އެ ފައިސާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ކައުންސިލްތަކުގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.

އަނެއްކޮޅުން ބަލާއިރު، މި ހަފުލާއަކީ ހަމައެކަނި ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ބޭއްވި ހަފުލާއެއް ނޫނެވެ. އައްޑޫގެ ގިނަ ވިޔަފާރިތަކަކާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ މި ސްޓާފް ނައިޓަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެހެންކަމުން، މިއީ ސީދާ ރައްޔިތުންގެ ޓެކްސް ފައިސާއިން އެއްކޮށް ހަރަދުކޮށްގެން ބޭއްވި ހަރަކާތެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި މާ ބޮޑު ހަގީގަތެއް ނެތެވެ. އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު މިފަދަ ކަންކަން އިންތިޒާމުކުރުމަކީ ކައުންސިލްގެ ހިންގުންތެރިކަން ދައްކުވައިދޭ ކަމެކެވެ.

އެހެންނަމަވެސް، ސިވިލް ސަރވިސް ކޮމިޝަނުގެ ސިޔާސަތުތަކާއި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އުސޫލުތަކަށް ބަލާއިރު، މުވައްޒަފުންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމަކީ އިދާރީ ގޮތުން ނުހަނު މުހިންމު ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ އަގުވަޒަންކޮށް، އެ މީހުންނަށް ހިތްވަރުދިނުމަކީ އުފެއްދުންތެރިކަން އެތައް ގުނައަކަށް އިތުރުކޮށްދޭ ކަމެކެވެ. 


އައްޑޫ ސިޓީ ކައުންސިލް ފަދަ ބޮޑު އާބާދީއަކަށް ހިދުމަތްދޭ، އަދި ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ އިދާރާއެއްގައި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫހު އުފެއްދުމަށް ސްޓާފް ނައިޓް ފަދަ ހަރަކާތްތައް މުހިންމު ދައުރެއް އަދާކުރެއެވެ. މުޅި އަހަރު ދުވަހު ބުރަކޮށް މަސައްކަތްކުރުމަށްފަހު، އެއް ރޭ މުވައްޒަފުން އެއްތަންވެ، ކާމިޔާބީތައް ފާހަގަކުރުމަކީ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމަށްވެސް ލިބޭ ވަރަށް ބޮޑު ފަރުވާއެކެވެ. ހިތްހަމަޖެހިގެން މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން ރައްޔިތުންނަށް ލިބޭ ހިދުމަތް މާ ބޮޑަށްވެސް އަވަސްވެފައި ފުރިހަމަވާނެއެވެ.

މި ބަހުސްގައި އެންމެ މުހިންމީ މާލީ ޒިންމާދާރުކަމާއި މުވައްޒަފުންގެ ވެލްފެއަރއާ ދެމެދު ހަމަހަމަ މިންގަނޑެއް ހިފެހެއްޓުމެވެ. ހެޔޮ ވެރިކަމުގެ ނިޒާމެއްގައި މުއައްސަސާތައް ހިންގަންވާނީ ހަމައެކަނި ހަރަދު ކުޑަކުރުމަށް ވިސްނައިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، އެ މުއައްސަސާއެއްގެ އެންމެ މުހިންމު ރައުސްމާލު ކަމަށްވާ އިންސާނީ ވަސީލަތް ކުރިއެރުވުމަށްވެސް އިންވެސްޓްކުރަން ޖެހެއެވެ. ކައުންސިލްތަކުން ބާއްވާ މިފަދަ ހަފުލާތަކަކީ އިސްރާފަކަށް ނުވާނެ ގޮތަށް، ބަޖެޓުގެ ތެރެއިން ހާމަކަން ބޮޑު ގޮތެއްގައި ރޭވިގެން ހިންގޭ ހަރަކާތްތަކަކަށް ވުން މުހިންމެވެ. މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވުމަކީ، އޮފީހުގެ އެތެރޭގެ މައްސަލަތައް މަދުވެ، ހިދުމަތް ދިނުމުގައި ހުންނަ ލަސްތައް ފިލައިގެންދާނެ ކަމެކެވެ. އެހެންކަމުން، މިއީ ސީދާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމުގައި ބަލަންޖެހެއެވެ.

އެހެންކަމުން، އައްޑޫ ސިޓީ ކައުންސިލްގެ ސްޓާފް ނައިޓަކީ ހަމައެކަނި ފައިސާގެ ނަޒަރުން ބަލައި ކުށްވެރިކުރަންޖެހޭ ކަމެއް ނޫނެވެ. މިއީ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމާއި، ޓީމްވަރކް ވަރުގަދަކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި ދެކެންޖެހެއެވެ. ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދެވޭނީ، ހިދުމަތްދޭން ތިބި މުވައްޒަފުންނަކީ އެ މީހުންގެ މަސައްކަތުގެ އަގުވަޒަންކުރެވޭ، އުފާވެރި މާހައުލެއްގައި މަސައްކަތްކުރާ ބަޔަކަށް ހަދައިގެންނެވެ. ފާޑުކިޔުންތަކަށް ބިރުން މުވައްޒަފުންގެ ވެލްފެއަރ ދޫކޮށްލުމަކީ ދުރު ރާސްތާގައި މުއައްސަސާގެ ހިންގުމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. ކައުންސިލްތަކުން މިފަދަ ކަންކަން ކުރިއަށް ގެންދަންވީ ފަސްޖެހުމެއް ނެތިއެވެ.

ކޮމެންޓް 0