އައްޑޫ ސިޓީގެ ރަށްތައް ގުޅުވައިދޭ 14 ކިލޯމީޓަރުގެ ލިންކް ރޯޑަކީ 2003 ވަނަ އަހަރު ހެދި ފަހުން، ފާއިތުވި 23 އަހަރުގެ ތެރޭގައި އެކަށީގެންވާ މަރާމާތެއް ނުކުރެވި އޮތް މަގެކެވެ. މިއަދު އެ މަގު އޮތީ ބޮޑެތި ވަޅުގަނޑުތައް ހެދި، ވިއްސާރަ މޫސުމުގައި ފެންބޮޑުވެ ސުންނާފަތިވެފައެވެ.
ނަމަވެސް، މިހާ ހިތާމަވެރި ހާލަތެއްގައި މަގު އޮތްއިރުވެސް، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އައްޑޫގެ ރައްޔިތުންގެ އަތުން އުޅަނދުފަހަރުގެ އަހަރީ ފީ އާއި ރޯޑް ވާދިނަސް ފީ ދަނީ ނަގަމުންނެވެ. މިއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ. ދުއްވޭނެ ފަދަ ސަލާމަތްތެރި މަގެއް ދައުލަތުން ފޯރުކޮށްނުދޭއިރު، އެކަމަށް ރައްޔިތުންގެ އަތުން ފީއެއް ނެގުމަކީ އިންސާފުވެރި ގޮތް ހެއްޔެވެ؟
ގާނޫނީ ގޮތުން ބަލާއިރު، ދެފަރާތުގެ މައްޗަށް ލާޒިމުވާ ޒިންމާގެ އުސޫލުން، ވަކި ހިދުމަތަކަށް ފީއެއް ނަގާނަމަ އެ ހިދުމަތެއް ފޯރުކޮށްދިނުމަކީ ދައުލަތުގެ ވާޖިބެކެވެ. ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި، މަގުތަކުގެ ސަލާމަތީ މިންގަނޑުތައް ދަށްވުމުގެ ސަބަބުން ރައްޔިތުން ވަނީ ރޯޑް ޓެކްސް އާއި ޓޯލް ފީ ދެއްކުމާ ދެކޮޅަށް ބައެއް ގައުމުތަކުގެ ސަރުކާރުތަކުން ނިންމުންތައް ނިންމާފައިވެއެވެ. އަދި މަގުތަކުގެ ފެންވަރު ދަށްވެގެން ރޯޑްވާދިނަސް އަދި ރޯޑް ޓެކްސް ފަދަ ކަންތަކަށް ފައިސާ ދެއްކުމަށް ރައްޔިތުންނަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބުނެ އިނގިރޭސިވިލާތުގައި ވެސް މި އަަހަރު ޕެޓިޝަނެއްގައި ސޮއިކޮށް އެގައުމުގެ މަޖިލީހަށް ހުށަހެޅިއެވެ.
އެއްކޮޅުން، 2026 ވަނަ އަހަރުގެ ގާނޫނުގެ ދަށުން ބައެއް ސައިކަލުތަކުގެ އަހަރީ ފީ 6،480 ރުފިޔާއަށް އަދި ކާރުތަކުގެ ފީ 11،340 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، އަނެއްކޮޅުން ހަލާކުވެފައިވާ މަގުގެ ސަބަބުން އުޅަނދުފަހަރަށް ލިބޭ ގެއްލުންތައް މަރާމާތުކުރުމަށް އަމިއްލަ ޖީބުން އެތައް ހާސް ރުފިޔާއެއް ހަރަދުކުރަން ވަނީ މަޖުބޫރުވެފައެވެ. ޓައިރާއި ސަސްޕެންޝަނަށް ލިބޭ ގެއްލުންތަކަކީ ކޮންމެ ދުވަހަކު އައްޑޫގެ ރައްޔިތުން ތަހައްމަލުކުރާ މާލީ ބޮޑު ގެއްލުމެކެވެ.
މި ފީތައް ނެގުމަށް ކަމާބެހޭ ފަރާތްތަކުން އާންމުކޮށް ދައްކާ ހުއްޖަތަކީ، މިއީ މުޅި ގައުމުގެ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ މައި އާމްދަނީއަށް ޖަމާކުރާ ފައިސާ ކަމެވެ. ނަމަވެސް އައްޑޫގެ ރައްޔިތުންނަށް މި ހުއްޖަތް ގަބޫލެއް ނުކުރެވެއެވެ. އައްޑޫގެ 67.58 ކިލޯމީޓަރުގެ މަގު ހެދުމަށް 829 މިލިއަން ރުފިޔާއަށް 2025 ވަނަ އަހަރު އާރްޑީސީއާ ހަވާލުކުރި މަޝްރޫއު އޮތީ އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. ދާދި ފަހުން ޗައިނާގެ ކުންފުންޏަކާ 12.3 ކިލޯމީޓަރުގެ މަސައްކަތް ހަވާލުކުރި ނަމަވެސް، އަމަލީ މަސައްކަތެއް ނުފެނި، ލިންކް ރޯޑު އޮތީ ނުރައްކާތެރި ހާލަތެއްގައެވެ. އައްޑޫގެ ރައްޔިތުންގެ އަތުން ނަގާ ފީތައް ސީދާ އައްޑޫގެ މަގުތައް މަރާމާތުކުރުމަށް ހާއްސަކުރެވިފައިވާ ފަންޑެއް ނެތެވެ. މީގެ ނަތީޖާއަކީ، މަގު ބޭނުންކުރުމުގެ ހައްގަށް ދައުލަތަށް ފީ ދެއްކުމުގެ އިތުރުން، ދައުލަތުގެ އިހުމާލުން ހަލާކުވާ އުޅަނދު ހެދުމަށް ގަރާޖުތަކަށްވެސް ރައްޔިތުން ފައިސާ ދައްކަން ޖެހުމެވެ. މިއީ ކަނޑައެޅިގެން ނާއިންސާފުން ނެގޭ ޑަބަލް ޓެކްސްއެކެވެ.
އުޅަނދުފަހަރުގެ ފީ ނެގުން ސީދާ މަގުތަކުގެ ސަލާމަތީ މިންގަނޑުތަކާ ގުޅުވާލަންޖެހޭ ވަގުތު މިއޮތީ ޖެހިފައެވެ. ރައްކާތެރިކަމާއެކު ދުއްވޭނެ ލިންކް ރޯޑެއް ފޯރުކޮށްނުދެވޭނަމަ، އައްޑޫގެ ރައްޔިތުންނަށް މި ފީތަކުން ލުޔެއް ދޭންޖެހެއެވެ. ނުވަތަ އެ ނަގާ ފައިސާއަކީ ސީދާ އައްޑޫ ސިޓީ ކައުންސިލަށް ލިބި، މަގުތައް މަރާމާތުކުރުމަށް ބޭނުންކުރެވޭނެ ފައިސާއަކަށް ހަދަންޖެހެއެވެ. އައްޑޫ ރައްޔިތުންގެ ކަރާމާތާއި ހައްގުތަކަކީ އެންމެ ފަހަތަށް ޖައްސާލެވޭނެ ކަންކަމެއް ނޫނެވެ. ލިންކް ރޯޑު ފުރިހަމައަށް ހަދައި، އާންމު ދަތުރުފަތުރަށް ސަލާމަތްތެރި މަގަކަށް އެ މަގު ވަންދެން، މި ހާލަތުގައި ރައްޔިތުންގެ އަތުން އަހަރީ ފީ ނެގުމަކީ ހަމައެކަނި އިދާރީ ފެއިލްވުމެއް ނޫނެވެ؛ އެއީ ދެކޮޅުހަދަންޖެހޭ ބޮޑު ބޭއިންސާފެކެވެ.
