އަރާ އިރާއި އެކު ފުލުހުން ނިކުމެ ސުންނާފަތިވެފައިވާ ލިންކްރޯޑުންދާ އުޅަނދުތަކުގެ ރޯޑްވާދިނަސް ބަލަނީ!

އަރާ އިރާއި އެކު ފުލުހުން ނިކުމެ ސުންނާފަތިވެފައިވާ ލިންކްރޯޑުންދާ އުޅަނދުތަކުގެ ރޯޑްވާދިނަސް ބަލަނީ!

ލިންކްރޯޑުގައި އޮތީ ހުސް ވަޅުގަނޑެވެ. ދުއްވާފައި ދާއިރު ހީވަނީ ގުދާރު ބިންދައިގެން ހިނގައިދާނެ ހެންނެވެ. މިއީ އައްޑޫ ލިންކް ރޯޑުން ކޮންމެ ދުވަހަކު ދަތުރުކުރާ މީހުންގެ އާންމު ހާލަތެވެ. ނަމަވެސް މި ހާލަތުގައި ވެސް އާންމުންނަށް ކުރިމަތިވާ އެންމެ ބޮޑު ހައިރާންކަމަކީ، ސުންނާފަތިވެފައިވާ މި މަގުގައި ފުލުހުން ތިބެ، އުޅަނދުތަކުގެ ރޯޑްވާދިނަސް ހަމަތޯ ބަލަން ފެށުމެވެ.

"ވަޅުގަނޑު ތަކުގެ ތެރެއިން ހާލުގައި ދުއްވާފައިދާއިރު ހުއްޓުވާފައި ފުލުހުން ރޯޑްވާދިނަސް ކޮބައިތޯ އެބަ އަހާ. ފުލުހުން ވެސް ތިބެނީ ނުހޭން ވެގެން." އައްޑޫޕްލަސް އާއި ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އައްޑޫ ސިޓީގެ ހިތަދޫން ފެށިގެން ގަމާ ހަމައަށް ގުޅިފައިވާ މި މައި މަގަކީ 2003 ވަނަ އަހަރު ބޭނުންކުރަން ފެށި މަގެކެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި މަގު ވަރަށް ބޮޑަށް ހަލާކުވެ، އެކި ހިސާބުތަކުގައި ވަނީ ފުން ވަޅުގަނޑުތައް ހެދިފައެވެ. މިކަމުގެ ސަބަބުން ދުއްވާ އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އާންމުން ބުނެއެވެ. އެހެންނަމަވެސް، ޓްރެފިކް އޮޕަރޭޝަންތަކުގައި ފުލުހުން އުޅަނދުތަކުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބަލަމުންދާތީ، ގިނަ ބަޔަކު އަންނަނީ ރުޅިވެރިކަމާއެކު އެކަމަށް ފާޑުކިޔަމުންނެވެ.

ރޯޑްވާދިނަސް ނުވަތަ މަގުމަތީގައި ދުއްވަން އެކަށީގެންވާކަމުގެ ލިޔުން ހޯދުމަށްޓަކައި އުޅަނދުގެ ޝޮކް އެބްސޯބަރުތަކާއި، ބުރަކި އަދި ލައިޓުތައް ރަނގަޅަށް މަސައްކަތްކުރަން ޖެހެއެވެ. ނަމަވެސް، އައްޑޫގެ ގިނަ ރައްޔިތުން ފާހަގަކުރާ ގޮތުގައި، ލިންކް ރޯޑުގެ ވަޅުގަނޑުތަކުގެ ސަބަބުން ސައިކަލުތަކުގެ ޝޮކްތައް ހަލާކުވެ، ފުރޮޅުތަކަށް ގެއްލުންވުމަކީ އާންމު ކަމެކެވެ. މިއީ އުޅަނދުތައް މަރާމާތުކުރުމަށް އާންމުންގެ ޖީބުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެއް ކަމަށް އެ މީހުން ބުނެއެވެ.

ޓްރެފިކް ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ފުލުހުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޖޫރިމަނާ ކުރުން ހިމެނެއެވެ. ރޯޑްވާދިނަސް ނެތި ދުއްވުމަކީ ވެސް ޖޫރިމަނާ ކުރެވޭ ކުށެކެވެ. އައްޑޫގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން ގިނަ އުޅަނދުތަކަކީ ދުވަހުން ދުވަހަށް ކުރަންޖެހޭ ދަތުރުތަކަށް ބޭނުންކުރާ ތަކެތި ކަމަށް ވާއިރު، ޖޫރިމަނާގެ ސަބަބުން އާންމު ރައްޔިތުންނަށް އިތުރު މާލީ ބުރައަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ސިޓީގެ ބައެއް މީހުން ބުނެއެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި، ސަރުކާރުން މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދިނުމަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތެކެވެ.

މަގުގެ ހާލަތު ގޯސްވުމުގެ ސަބަބުން ހަމައެކަނި އުޅަނދުތަކަށް ގެއްލުންވަނީއެއް ނޫނެވެ. ކޮންމެ ދުވަހަކު މި މަގުން ދަތުރުކުރާ މީހުންނަށް ސިއްހީ ގޮތުން ވެސް އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް ބައެއް މީހުން ފާހަގަކުރެއެވެ. ހާއްސަކޮށް ބުރަކަށީގެ ރިހުމާއި، ގުދާރުގެ މައްސަލަތައް ކުރިމަތިވާ ކަމަށް އުމުރުން ދުވަސްވީ މީހުންނާއި ކޮންމެ ދުވަހަކު ދިގު ދަތުރުކުރާ މީހުން ބުނެއެވެ. މިފަދަ ހާލަތެއްގައި އޮތް މަގަކުން ދަތުރުކުރާއިރު، އުޅަނދުގެ ރޯޑްވާދިނަސްއަށް ވުރެ ބޮޑަށް މުހިންމީ ދަތުރުކުރާ މީހާގެ ސަލާމަތްތެރިކަން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

“މަގު އޮތީ ސުންނާފަތިވެފައި. ސައިކަލުގެ ރޯޑްވާދިނަސް ބަލާއިރު، މި މަގަކީ ދުއްވަން އެކަށީގެންވާ މަގެއްތޯ ފުރަތަމަ ބަލަންވީ ނޫންތޯ،” ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ބުނެފައިވެއެވެ.

 އޭނާ ފާހަގަކުރި ގޮތުގައި، އުޅަނދުތައް ހަލާކުވަނީ މަގުގެ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ. އެހެންކަމުން، މަގު މަރާމާތު ނުކޮށް، އާންމުން ޖޫރިމަނާ ކުރުމަކީ އިންސާފެއް ނޫން ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށް އޭނާ ބުންޏެވެ.

މި ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން، ސަރުކާރުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އައްޑޫ ލިންކް ރޯޑް ޒަމާނީ ފެންވަރަށް އަލުން ހަދައި، ހަތަރު ލޭނަށް ފުޅާކުރުމުގެ މަޝްރޫއު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ނަމަވެސް، މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމި، މަގު ބޭނުންކުރަން ފެށެންދެން އާންމުންނަށް މި އުނދަގޫތައް ތަހައްމަލުކުރަން ޖެހޭނެ ކަމަށް އައްޑޫގެ ބައެއް ރައްޔިތުން ފާހަގަކުރެއެވެ.

ގާނޫނީ ގޮތުން ބަލާއިރު، މަގުމަތީގައި ދުއްވާ ކޮންމެ އުޅަނދެއްގައި ވެސް ރޯޑްވާދިނަސް އޮތުމަކީ ލާޒިމު ކަމެކެވެ. ފުލުހުންގެ ޒިންމާއަކީ އެކަން ތަންފީޒުކުރުން ކަމަށް ވާއިރު، މަގުގެ ހާލަތު ކިތަންމެ ގޯސް ނަމަވެސް، ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންނަށް އިސްތިސްނާއެއް ނޯވެއެވެ. 

އެހެންނަމަވެސް، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެދެމުންދަނީ މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ފަހު، އުޅަނދުތަކުގެ ސަލާމަތްތެރިކަން ބެލުމަށެވެ. ކޮންމެ ދުވަހަކު ގުދާރު ބިންދައިގެންދާ ވަރުގެ ވަޅުގަނޑުތަކުން ނައްޓަމުން ދަތުރުކުރާއިރު، އާންމުން ތަކުރާރުކޮށް ކުރަމުންދާ ސުވާލަކީ މިއީއެވެ.

ކޮމެންޓް 0