ފިށިމަތި މައްސަލައިގައި ސޯބެގެ ބަހާއި އަމަލާ ދިމާނުވަނީ ކީއްވެ؟
ކެމްޕެއިންގައި ދެކޮޅު ހެއްދެވި މަޝްރޫއުއާ މެދު މަޖިލީހުގެ ތިމާވެށި ކޮމިޓީގައި ހިމޭނުން ހުންނެވުމުން އުފެދޭ ސުވާލުތައް
"އައްޑޫ ސިޓީގެ ފިށިމަތި ސަރަހައްދު ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަކީ އެ ސަރަހައްދުގެ ނާޒުކު ތިމާވެއްޓަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުންތަކެއް ކުރިމަތިވާނެ" ކަމެކެވެ. މިފަދަ އެތައް ވާހަކަތަކެއް ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިއިލެކްޝަންގެ ތެރޭގައި މިހާރު އެދާއިރާގެ މެންބަރު އަބްދުﷲ ސޯދިޤު (ސޯބެ) ދެއްކެވިއެވެ.
އިންތިހާބީ ކެމްޕެއިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސޯބެ ވަނީ ފިށިމަތީގެ މައްސަލައިގައި ވަކިވަކިން ޒުވާނުންނާއި ބައްދަލުކޮށް ވެސް މަޝްރޫއުއާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. ނަމަވެސް މަޖިލީހަށް އިންތިހާބުވެވަޑައިގަތުމަށްފަހު، އެކަމުގައި ވާހަކަ ދައްކަވާ ތަނެއް ނުފެނެއެވެ. ވަކިން ޚާއްސަ ގޮތެއްގައި މަޖިލީހުގެ ތިމާވެށި ކޮމިޓީގައި މިހާރު އިންނެވި ނަމަވެސް އެ މައްސަލައިގައި އެއްވެސް ވާހަކައެއް ނުދައްކަވައި ހިމޭނުން އިންނަވާ ސަބަބު ސާފެއް ނުވެއެވެ.
މަގެއް ހެދުމަށްޓަކައި އީދިގަލި ކިޅި ކައިރީގައި އޮންނަ ފިށިމަތި މޫލެކެޑެ ޗަސްބިން ސަރަހައްދު ހިއްކުމުން ފޫނުބެދޭ ވަރުގެ ގެއްލުން ލިބޭނެ ތިމާވެށީގެ ތަޖުރިބާކާރުން ފާހަގަކޮށްފައިވެއެވެ. ތިމާވެށި ހިމާޔަތްކުރަން މަަސައްކަތް ކުރާ އައްޑޫގެ ޖަމިއްޔާތަކުގެ އިއުތިރާޒުތަކާ އެކުވެސް، ތިމާވެއްޓާ ބެހޭ ވަޒީރު ވަނީ އެ މަޝްރޫއުއަށް ހުއްދަދިނުމަށް އަމުރުކުރައްވާފައެވެ. އަދި އައްޑޫ ނޭޗާ ޕާކްގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ތެރެއަށް މި މަޝްރޫއު ވަންނައިރު، މަޖިލީހަށާއި އިދާރާތަކަށް އޭރު ހުށަހެޅި ޝަކުވާތަކަށް އިޖާބަ ދީފައި ނުވެއެވެ.
މިހުރިހާ ކަންތައް ހިނގައި ދިޔައީ ސޯބެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކެމްޕެއިން ކުރެއްވި ދުވަސްވަރު ކަމަށް ވެފައި، ގިނަ ޒުވާނުން ވެސް ތިބީ ރައްޔިތުންގެ މަޖިލީހުގައި ސޯބެ ފިށިމަތި އާއި ގުޅޭގޮތުން އަޅުއްވާނެ ފިޔަވަޅުތަކަށް އިންތިޒާރުގައެވެ.
އެހެން ނަމަވެސް މިހާތަނަށް ފެންނާން އޮތީ ވޯޓު ހޯއްދެވުމަށްޓަކައި ތިމާވެށީގެ ދިފާއުގައި އަޑުއުފުއްލެވުމަށްފަހު، ބަސް ބުނެވޭނެ ރަސްމީ މަގާމު ލިބިވަޑައިގަތުމުން ފަސްޖެހިވަޑައިގަންނަވާ މަންޒަރެވެ. ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތުމަކީ، ސޯބެ މިހާރުން މިހާރަށް ތިމާވެށި ކޮމިޓީގެ ތެރެއިން ފިށިމަތި ހިއްކުމުގެ މައްސަލައިގައި މަސައްކަތް ނުކުރެއްވެންވީ ސަބަބެއް ނޫނެވެ.
ދޯކާ ދިޔާ ސާލާ