ސިޔާސީ ފިކުރުގައި ލޯ ކަނުވުން: އަމިއްލަ ޕާޓީގެ ވެރިކަމުގައި މި މަގުގެ ހާލެއް ނުފެނޭ؟
ސިޔާސީ ޕާޓީތަކަކީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ އަޑު އުފުލައި، ތަފާތު ހިޔާލުތަކަށް ޖާގަ ހޯދައިދޭ މުހިންމު ވަސީލަތެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް، މިއަދު ފެންނަމުންދަނީ ސިޔާސީ މަސައްކަތަށް ނުކުންނަ ގިނަ މީހުން ޕާޓީގެ ފިކުރުގެ ތެރޭގައި ތާށިވެ، ފެންނަން އޮންނަ ހަގީގަތް އެއްފަރާތްކުރާ މަންޒަރެވެ. ތާއީދުކުރާ ޕާޓީގެ ވިސްނުން ކަމަށްވާ ނަމަ، އެއީ ކިތަންމެ ބޮޑު ގޯހެއް ނަމަވެސް ހުރިހާ ކަމެއް ރަނގަޅުކަމަށް ދެކި، އެ ޕާޓީން ކުރާ އެއްވެސް ގޯސްކަމެއް ނުފެންނަ ހިސާބަށް މީހުންގެ ވިސްނުން ވަނީ ގޮސްފައެވެ.
މީގެ އެންމެ ސާދާ މިސާލަކީ އައްޑޫ ލިންކް ރޯޑުގެ މައްސަލައެވެ. ވެރިކަމުގައި މިވަގުތު އޮތީ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް ވާއިރު، އެ ޕާޓީގެ މެންބަރުންނަށާއި ސަރުކާރުގެ މަގާމުތަކުގައި ތިބި ފަރާތްތަކަށް ލިންކް ރޯޑުގެ ހާލަތު ހަމައެއްގޮތަކަށްވެސް ނުފެންނަ ކަހަލައެވެ. އެހެންނަމަވެސް، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި މަގުގައި ވަޅުގަނޑުތައް ހެދިފައި ހުރުމުގެ ސަބަބުން ނުރައްކާ ބޮޑެވެ. އެތަކުލީފުތައް ޚުދު ޕީއެންސީ މެންބަރުން ވެސް އުފުލަން ޖެހެއެވެ.
މަގުތަކުގެ ހާލަތު މިހާ ގޯސްވެފައިވާއިރު، އޭޕްރީލް 8، 2025 ގައި 829 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކުރި މަޝްރޫއުގެ އަމަލީ މަސައްކަތް އަހަރަކަށްވުރެ ގިނަ ދުވަސްވީއިރުވެސް ނުފެށުނެއެވެ. އޭޕްރީލް 2025 އިން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރާއި ހަމައަށް، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދިޔައީ، އެ ޕްރޮޖެކްޓްގެ މޮޅު ވާހަކަ ދައްކަމުންނެވެ. އެކަމަކު އެއްވެސް އަމަލީ މަސައްކަތެއް ނުފެށި، އެންމެ ފަހުން ދެވަނަ ކުންފުންޏަކާއި ސެޕްޓެމްބަރު މަހު މަސައްކަތް ހަވާލުކުރީއެވެ.
މިހާރު އަނެއްކާ ވެސް، ޕީއެންސީގެ މެމްބަރުން ދައްކާ ވާހަކަ އަކީ، އާރުޑީސީއަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން އެ މަޝްރޫއު ހަވާލުކޮށްފައިވާ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑްގެ ޤާބިލްކަމުގެ ވާހަކައެވެ. އިސާހިތަކު މަގުގެ މަސައްކަތް ފަށައި ނިންމާލާނެ ވާހަކައެވެ. އެކަމަކު ރައްޔިތުންނަށްޓަކައި ސިޔާސީ މަސައްކަތް ކުރަން ނިކުމެ ތިބި ފަރާތްތަކުން ރައްޔިތުން ލިންކް ރޯޑުގައި އުޅޭ ހާލުގެ ވާހަކައެއް ނުދައްކައެވެ.
ރައްޔިތުންގެ ހައްގުގައި ތިމަންނާމެން ކުރާ ސިޔާސީ މަސައްކަތޭ ބުނާ ބަހަށް އިޚްލާސްތެރި ނަމަ، ލިންކް ރޯޑުގެ މަސައްކަތް ލަސްވާ ވާހަކަ ސަރުކާރު ހިންގާ ޕާޓީއަށް ތާއީދުކުރާ މީހުން ބާރަށް ނުދައްކަންވީ ކީއްވެ ހެއްޔެވެ؟