ތަރައްގީގެ މަޝްރޫއެއްގެ ބިންގާ އެޅުމަކީ އެ މަސައްކަތެއްގެ އަމަލީ ފެށުން ކަމަށް ގަބޫލުކުރެވުނު ނަމަވެސް، ބައެއް ފަހަރު އެ ރަސްމިއްޔާތުތަކަކީ ހަމައެކަނި ފޮޓޯއަކަށް ނިމިގެންދާ ކަމަކަށް ވެދެއެވެ. އޭގެ އެންމެ ސާފު އެއް މިސާލަކީ ހިތަދޫގައި އިމާރާތްކުރުމަށް ނިންމި ހިތަދޫ އުތުރު ޕޮލިސް ޕޯސްޓްގެ މަޝްރޫއެވެ. 2025 ނޮވެންބަރު މަހު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޮލިސް ޕޯސްޓުގެ ބިންގާ އަޅާފައިވީ ނަމަވެސް، އަހަރެއް ފާއިތުވެގެން ދިޔައިރުވެސް އެ ތަނުން ފެންނަން ހުރީ ހަމައެކަނި ވަށައިގެން ޖަހާފައިވާ ޓިނުތަކެވެ.
މި ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ރައީސް މުއިއްޒުއާއި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައެވެ. ސަރުކާރުގެ އެންމެ އިސް ފެންވަރުގައި ފެއްޓެވި މި މަސައްކަތް އަމަލީ ގޮތުން ކުރުމަށް ހަވާލުކޮށްފައިވަނީ ފެނަކައާއެވެ. ނަމަވެސް، ހިތަދޫ އުތުރު ޕޮލިސް ޕޯސްޓުގެ މަސައްކަތް ފެނަކައާ ހަވާލުކުރިތާ އަހަރެއް ފަހުން މިއަދު ހެނދުނުވެސް ބިމުން މައްޗަށް އެއްވެސް އިމާރާތެއް ނާރައި، އެ މަޝްރޫއު ހުއްޓިފައި އޮތުން ދަނީ ދިގުދެމިގެންނެވެ. އަދި އެ މަސައްކަތް ހަވާލުކުރި ފެނަކަ ވެސް ވަނީ މިހާރު އުވާލާފައެވެ.
