ޔާމީން ވައްޓާލަން ހުސްގަނޑު ދެއްކެވި އިމްރާން، ހުސްގަނޑާއި އެކު ޔާމީންގެ ސިޓިން ރޫމަށް!
ހުސްގަނޑު ދެއްކެވި އިމްރާން އަބްދުﷲ ކަރުދާސް ހިއްޕަވައިގެން ޔާމީންގެ ސިޓިން ރޫމަށް ވަޑައިގަތީ ކީއްވެ؟
ސިޔާސީ މައިދާނުގައި އަމިއްލަ އެދުމާއި ވަގުތީ މަންފާއަށްޓަކައި އުސޫލުތައް ބަދަލުވެގެންދާ މަންޒަރަކީ އަޖައިބުވާންޖެހޭ ކަމެކެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލައި، އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ދިނުމުގައި އިސްކޮށް އުޅުއްވި އަދާލަތު ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
އެހެންނަމަވެސް ރޭ ފެނުނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ފްރޮންޓު އޮފީސް ޖަލްސާއަށް ވަޑައިގެން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ހުންނެވި މަންޒަރެވެ.
މާޒީގެ ސަފުހާތަކަށް ބަލާއިރު، އިމްރާން އަބްދުﷲ އަކީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލުމަށް ހުސްގަނޑުތައް ދައްކަވައިގެން ހައިޖާނު އުފެއްދެވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. އަހްމަދު ރިޟްވާން އަބްދުﷲ އާއި ޑރ. އަފްރާޝީމް އަލީގެ މަރުގެ ކިތާބީ ހެކި ހުރި ކަމަށް ވިދާޅުވެ ހުދު ކަރުދާސްތަކެއް ދައްކަވައިގެން މިނިސްޓަރުކަން ހޯއްދެވި ކަމަށާއި، އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ދީނީ ކާޑު ކުޅުއްވައި ސިޔާސީ ބޭނުންތަކަށް ދީން ނަހަމަ ގޮތުގައި ބޭނުންކުރައްވައިގެން ހޯމް މިނިސްޓަރުކަން ކުރެއްވި ކަމަށްވެސް އެމަނިކުފާނަށް ތުހުމަތުކުރެވެއެވެ.
އެމްޑީޕީ ވެރިކަމުގައި، އިމްރާން ހޯމް މިނިސްޓަރަކަށް ހުރެއަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދިން އަނިޔާތަކާއި ލިބިވަޑައިގަތް ވޭންތައް ރައްޔިތުންގެ ހަނދާނުގައި ހުރި ނަމަވެސް، އެ ހުރިހާ ކަމެއް ހަނދާން ނައްތާލައްވައި ޔާމީން ހުންނެވީ އިމްރާން އާއި އެކުގައިތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
ކުރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރެއްވި ބޮޑެތި ތުހުމަތުތައް ކުއްލިއަކަށް ފޮރުއްވައިލެއްވުމަކީ ސިޔާސީ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ.
އެހެން ނަމަވެސް، އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ޔާމީންގެ ވެރިކަން ވައްޓާލަން ފިތުނަ އުފައްދަން އިމްރާން އޭރުވެސް ގެންގުޅުއްވި ހުސްގަނޑުތައް ރޭ ޔާމީންގެ ސިޓިން ރޫމަށް ވެސް ގެންދެވި ކަމެވެ.