ރިޕޯޓް
މާލީ ބަޔާންތައް: މަރަދޫ މެންބަރު ދީދީގެ އަތްޕުޅުގެ ނަގުދު ފައިސާގެ ގޮތުގައި 2 މިލިއަން ރުފިޔާ!
އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާއިރު، އައްޑޫ ސިޓީގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީގެ އަތްޕުޅުގައި 2 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ނަގުދު ފައިސާ ހުރިކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ހިއްސާކޮށްފައިވާ މެންބަރު ދީދީގެ މާލީ ބަޔާނަށް ބަލާއިރު އޭނާގެ އަތުގައި ނަގުދު ފައިސާގެ ގޮތުގައި ދިވެހި ރުފިޔާއިން 1 މިލިއަން ރުފިޔާ އަދި 75،000 އެމެރިކާ ޑޮލަރު ހުރިކަމަށް ބަޔާންކޮށްފައިވެއެވެ. މި ފައިސާ ހޯދާފައިވާ ގޮތެއް މާލީ ބަޔާނުގައި ސީދާ ބަޔާންކޮށްފައި ނުވި ނަމަވެސް ދީދީ ވިޔަފާރިތަކެއް ހިންގަވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
ދީދީގެ މާލީ ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާއަށް ވަޒީފާ އަދި ކުރާ މަސައްކަތުން ލިބޭ މުސާރަ އާއި އެހެނިހެން ފައިސާގެ ގޮތުގައި ބަޔާންކޮށްފައިވަނީ 970،000 ރުފިޔާއެވެ. އަދި ކުލީގެ ގޮތުގައި އެޕާޓްމަންޓަކާއި ފިހާރައެއްގެ 12 މަހުގެ ކުލީގެ ގޮތުގައި 630،000 ރުފިޔާ ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވއެވެ. ދީދީގެ ބެންކް އެކައުންޓްތަކުގައި ހުރި ފައިސާ އަށް ބަލާއި ބީ އެމްއެލްގެ 3 އެކައުންޓެއްގައި ޖުމްލަ 66,881.65 ރުފިޔާ އެބަހުރިއެވެ. ނަގުދު ފައިސާގެ ގޮތުގައި ދީދީގެ އަތްޕުޅުގައި ހުރި 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަކީ އެކައުންޓްގައި ހިމެނޭ ފައިސާއެވެ.
ދީދީގެ މާލީ ބަޔާނަށް ބަލާއިރު ރިސޯޓް ސަޕްލައި ކުރާ ބިޒޯ ޓްރޭޑް ޕވޓ ލޓޑގެ %60 ހިއްސާ އާއި އަދި ލަފާ ރިސޯޓް ސަޕްލައިސްގެ %100 ހިއްސާ ދާރެކެވެ. އަދި މީގެ އިތުރުން ގެސްޓް ހައުސް އާއި ރެސްޓޯރަންޓް ހިންގާ 2 ވިޔަފާރިއެއްގެ ވެސް ހިއްސާ ދާރެކެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް
އައްޑޫއަށް ނިސްބަތްވާ އެހެން މެންބަރުންގެ ތެރެއިން، މެންބަރު ނާޒިލް އަށް މުސާރައިގެ ގޮތުގައި 918379.13 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި މަސްދޯނި މެދުވެރިކޮށް 763،423 ރުފިޔާ ލިބިވަޑައިގެންނެވި ކަމަށް ބަޔާން ކުރައްވާފައިވެސް ވެއެވެ. ނާޒިލްގެ އަތްޕުޅުގައި ވެސް ނަގުދު ފައިސާގެ ގޮތުގައި 175،000 ދިވެހި ރުފިޔާ އާއި 25،000 އެމެރިކާ ޑޮލަރު ހުރިކަމަށް ބަޔާން ކުރައްވާފައިވެއެވެ. ނާޒިލްގެ ވިޔަފާރިތަކަށް ބަލާއިރު 3 ވިޔަފާރި ކުންފުންޏެއްގައި ހިއްސާ ގެންގުޅުއްވައެވެ. އަދި އެމްޓީޑީސީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިއްސާތަކެއް ވެސް ބައްލަވައިގެންފައިވެއެވެ. މާލީ ބަޔާން އާއްމު ކުރައްވައިފައިވަނީ މަޖިލީހުގައި ތިބޭ އައްޑޫއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން 6 މެންބަރުންނެވެ. ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިޤު އިންތިޚާބު ވިތާ އަހަރެއް ވެފައި ނުވާތީ އެފަރާތުން މާލީ ބަޔާން އާއްމުކޮށްފައި ނުވެއެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤްއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މުސާރައިގެ ގޮތުގައި 916،560.88 ލާރި ލިބިވަޑައިގަންނަވައެވެ. އަޒާންގެ ބެންކް އެކައުންޓްތަކުގައި ހުރީ ޖުމްލަ 26000 ދިވެހި ރުފިޔާ އެވެ. އަޒާންގެ ވިޔަފާރިތަކަށް ބަލާއިރު ދިޔަރެސް މީޑިޔާގައި %50 އިއްސައްތަ ހިއްސާ އަދި ޓުއަރިޒަމް ނެޓްވޯކް ކުންފުނީގައި 33 އިންސައްތަ ހިއްސާ އޮތްކަމަށް ބަޔާންކޮށްފައިވެއެވެ.
މީދޫ ދާއިރާގެ މެންބަރު ޢަބްދުއް ރަޙްމާން
މީދޫ ދާއިރާގެ މެންބަރު އަބްދުއްރަޙްމާން އަށް މުސާރައިގެ ގޮތުގައި 921،149.19 ރުފިޔާ ލިބިވަޑައިގެންފައިވާއިރު ބެންކް އެކައުންޓްތަކުގައި 2 ލައްކައެއްހާ ދިވެހި ރުފިޔާ އަދި 3949 އެމެރިކާ ޑިލަރު އެބަހުއްޓެވެ.
ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ހައިސިއްޔަތުން މުސާރާއިގެ ގޮތުގައި 937،000 ރުފިޔާ ޝާހިދުއަށް ލިބިވަޑައިގަންނަވާއިރު، ޝާހިދުގެ ބެންކް އެކައުންޓްގައި ހުރީ އެނެމް 9291 ރުފިޔާއެވެ.
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ މުސާރައިގެ ގޮތުގައި 990،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ވިޔަފާރި ނަފާގެ ގޮތުގައި 310،000 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. ބެންކް އެކައުންޓްތަކުގެި ހުރި ފައިސާގެ އަދަދުތަކަށް ބަލާއިރު 3 ލައްކައަށް ވުރެ ގިނަ ދިވަހި ރުފިޔާ އަދި 4256 އެމެރިކާ ޑޮލަރު ހުރިކަމަށް ދައްކައެވެ. މެންބަރު އިބްރާހިމް ދީދީގެ ވިޔަފާރިތަކަށް ބަލާއިރު ޖުމްލަ 3 ވިޔަފާރިއެއްގެ ހިއްސާ ދާރެކެވެ. އޭގެ ތެރޭގައި 2022 އިން ފެށިގެން ހިންގަވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކާއި 2 ކުންފުންޏެއް ހިމެނެއެވެ.
ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު
ފޭދޫ އުތުރު ދާއިރާގެ މެންބަރު ނިޒާރުއަށް މުސާރައިގެ ގޮތުގައި 925286.80 ލާރި ލިބިވަޑައިގެންފައިވާއިރު ބެންކް އެކައުންޓްތަކުގައި 19،556.84 ރުފިޔާ އަދި 44،804 އެމެރިކާ ޑޮލަރު އެބަހުއްޓެވެ. މެންބަރު ނިޒާރުގެ ނަމުގައި އެއްވެސް ވިޔަފާރިއެއް އޮތްކަމަށް ނުދައްކައެވެ.
މާލީ ބަޔާންތަކަށް ބަލާއިރު، މުސާރަ އާއި އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިވަޑައިގަންނަވާ ބޭފުޅަކީ، މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީއެވެ.
ނޯޓް: ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިޤުގެ މާލީ ބަޔާން އާއްމު ކުރައްވާފައި ނުވަނީ، އެބޭފުޅާ މެންބަރު ކަމުގެ ހުވާކުރެއްވިތާ އަހަރެއް ވެފައި ނުވާތީއެވެ.