"ހެއު ނިވޭހެއް! މަބެނީ ތޯ ކޮބާ!" އަށް ފަހު އައްޑޫ ޒުވާނުންގެ އެއްވުމެއް!

"ހެއު ނިވޭހެއް! މަބެނީ ތޯ ކޮބާ!" އަށް ފަހު އައްޑޫ ޒުވާނުންގެ އެއްވުމެއް!

ފުރަތަމަ މީސް މީޑިޔާގެ ވަސީލަތްތައް ބަލައިފި ނަމަ އައްޑޫގެ ރައްޔިތުން، ޚައްސަ ގޮތެއްގައި ނޫކަށިފުރައިގެ ޒުވާނުންގެ އުދާސްތައް ދިޔައީ ފެންނަމުންނެވެ. ލިންކް ރޯޑުގެ ވަޅުގަނޑުތަކުގައި އުޅޭ ހާލު އެމީހުން މަޖާޒީ ގޮތެއްގައި ދައްކުވައިދިނެވެ. 

ސޯޝަލް މީޑިޔާގައި ހިންގާ 'ހެއުނިވޭހެއް' އިންސްޓަގްރާމް އެކައުންޓާއި އަދި ފޭސްބުކްގައި ހިންގާ 'މެބެނީ ތޯކޮބާ؟' ޕޭޖުން މެދުކެނޑުމެއް ނެތި ފެންނަމުން ދިޔައީ މަޒާޖީ ގޮތެއްގައި އައްޑޫގެ ލިންކް ރޯޑުގެ ހާލަތެވެ. ލިންކް ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތަކުގެ ތެރޭގައި ފެން ހެދިފައިވަނިކޮށް އެތަނުގައި އަސްދޫންޏެއް ބަކަތަޅާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް ވައިރަލްވިއެވެ. އަދި އެއަށްފަހު ލިންކް ރޯޑުގައި ހެދިފައިވާ ވަޅުގަނޑުކުން މަސްބާނާ މަންޒަރު ވެސް ދައްކުވައިދޭ ވީޑިއޯ އަކާއި އެކު ވެސް ޒުވާނުން ދައުކުވައިދިނީ ލިންކް ރޯޑުގެ ހާލަތެވެ. 

މިއީ އެއްބަޔަކަށް ހަމައެކަނި ސޯޝަލް މީޑިޔާއަށް ޒުވާނުންތަކެއް ދޫކޮށްލި ވީޑިއޯ ނުވަތަ ފޮޓޯތަކެއް ކަމަށް ބެލެވުނަސް، ހަގީގަތުގައި އެ ޒުވާނުން ކިޔައިދިނީ އައްޑޫގެ ހާލަތެވެ. އައްޑޫގެ ކުދިބޮޑު އެންމެން ތަހައްމަލުކުރަމުންދާ ލިންކް ރޯޑުގެ މުސީބާތުގެ ވާހަކައެވެ.

ސޯޝަލް މީޑިޔާގައި، ހެއުނިވޭހެއް، އަދި މަބެނީ ތޯކޮބާ ޕޭޖުން ފެށި ވާހަކަ ދައްކަން އައްޑޫގެ ޒުވާނުން މިއަދު ހަވީރު ނިކުންނަނީ މަގުމައްޗަށެވެ. އެޒުވާނުން ބުނާ ގޮތުގައި، އަޑު އުފުލުމަކީ ސަރުކާރާއި ދެކޮޅު ވުމެއް ވެސް ނޫނެވެ. އެއީ ސަމާލުކަން ހޯދުން ނޫންކަމަށް މިއަދު 'ބެރިކޭޑް' ނަމުގައި މުޒާހަރާ އިންތިޒާމު ކުރާ ޒުވާނުން ބުނެއެވެ. 

އެހަރަކާތުގެ ބައިވެރިންގެ އިންތިޒާމުތަކާއި ގުޅޭ ޝަރުތުތަކުން އެކަން ހާމަވެއެވެ. ސިޔާސީ ޝިއާރުތަކާޢި ޕޯސްޓްތައް ބޭނުން ނުކުރުމަށާއި އަދި ބޭއަދަބީ ބަސްތައް ބޭނުން ނުކުރަން އެދިފައިވެއެވެ. އަދި މި މުޒާހަރާއަކީ އޭގެ ޒާތުގައި ފުލުހުންގެ ހުއްދަ ހޯދަން ނުޖެހޭ މުޒާހަރާއެއް ނަމަވެސް ފުލުހުންނާއި މުޒާހަރާ އިންތިޒާމްކުރާ ޒުވާނުން ވަނީ ބައްދަލުކޮށްފައެވެ. 

މިއަދުގެ އެއްވުމަކީ، އައްޑޫގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ހަރަކާތަކަށް ވާނެއެވެ. އެއީ ސިޔާސީ އެއްވެސް ފިކުރެއްގެ މީހުންގެ އިސްނެގުމެއް ނެތި، އައްޑޫގެ ކަންކަމުގައި ޒުވާނުން އަމިއްލައަށް އިސްނަގަން ތައްޔާރަށް ތިބި ކަމުގެ އަލިގަދަ ހެއްކެކެވެ.





ކޮމެންޓް 0