އައްޑޫ ސިޓީ ކައުންސިލްގެ ބާރުތައް ކަނޑުވާލި ޔާމީން ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި

ރައީސް ޔާމީންގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށްފަހު، މިއަދު ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ނިކުންނެވީ ކީއްވެތޯ ސުވާލު އުފެދޭ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ޕީޕީއެމް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތަކަށް ބާރުވެރިކަން ދިނުމާއި ގުޅޭގޮތުން ސިޓީ ކައުންސިލާއި އެކު މަޝްވަރާކުރެއްވިއެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފަރާތުން އައްޑޫގައި ބޭއްވި ސިޔާސީ ހަރަކާތްތަކުގައި އަދި މިއަދު ސިޓީ ކައުންސިލާއި ބައްދަލުކުރެއްވި އިރު ޔާމީން ވަނީ، ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް ތެދުވުމަށް ކައުންސިލްތަކަށް ގޮވާލައްވާފައެވެ. ހާއްސަކޮށް ބިމާ ބެހޭ އާ ބިލުގެ ސަބަބުން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ގެއްލިގެންދާނެ ކަމަށް އެމަނިކުފާނު އެ ބައްދަ. 

ނަމަވެސް، މި ވާހަކަފުޅުތަކަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ 2013 އިން 2018 އަށް އެމަނިކުފާނުގެ ވެރިކަމުގައި އައްޑޫ ސިޓީ ކައުންސިލާމެދު އަމަލުކުރެއްވި ގޮތާ މުޅިން އިދިކޮޅު ސިޔާސަތެކެވެ. އޭރު އައްޑޫ ސިޓީ ކައުންސިލްގެ ގިނަ ބާރުތަކެއް ވަނީ މަރުކަޒީ ސަރުކާރުގެ ދަށަށް ގެންގޮސްފައެވެ.ވެ.

ޔާމީންގެ މިހާރުގެ ވިސްނުންފުޅާ ހިލާފަށް، އެމަނިކުފާނުގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކަކީ އައްޑޫ ސިޓީ ކައުންސިލްގެ ތާރީހުގައި ވެސް އެންމެ ބޮޑަށް ބާރުތައް ހަނިކުރެވިގެންދިޔަ ދުވަސްވަރު ކަން ފާހަގަކޮށްލެވެއެވެ. 

އެގޮތުން 2015 ވަނަ އަހަރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. މި އިސްލާހުތަކުގެ ދަށުން، ސިޓީ ކައުންސިލްތަކުން ދޭނެ ހިދުމަތްތަކާއި އެ ތަންތަނުގެ ބާރުތައް ކަނޑައެޅުމުގެ އިހުތިޔާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދިނެވެ. މި ބަދަލާއެކު، އައްޑޫ ސިޓީ ކައުންސިލްގެ ގިނަ ބާރުތަކެއް ރައީސް އޮފީހުން ނިންމައިގެން އަތުލިއެވެ. 

އޭރު ރައީސް ޔާމީން އަދި އެމަނިކުފާނުގެ ސަރުކާރުން ބުނެފައިވަނީ މި ބަދަލުތައް ގެނައީ ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަގުސަދުގައި ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އޭރު ވެސް ތުހުމަތުކުރީ މިއީ ސިޔާސީ ގޮތުން ކައުންސިލްތައް ބަލިކަށިކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ޔާމީންގެ ސަރުކާރުގައި ލާމަރުޒީ ޤާނޫނަށް ގެނައި ބަދަލުތަކުގެ ދަށުން އައްޑޫގެ މުނިސިޕަލް ހިދުމަތްތަކާއި، ބިން ދޫކުރުމާއި، އާންމު ތަންތަން ބެލެހެއްޓުން ފަދަ މުހިންމު ޒިންމާތައް ކައުންސިލްގެ އަތުން ނަގައި، ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ. ހައުސިން މިނިސްޓްރީގެ ހާއްސަ ޑިޕާޓްމަންޓެއް އައްޑޫގައި ގާއިމުކޮށް، ކައުންސިލްގެ މަސައްކަތްތައް އެ ތަނަށް ބަދަލުކުރިއެވެ.

އަދި ހަމައެހެންމެ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އުފަންވާ މީހުންނާއި މަރުވާ މީހުންގެ ރަޖިސްޓަރީ ބެލެހެއްޓުން ފަދަ އިދާރީ މަސައްކަތްތައް ވެސް ކައުންސިލްގެ އަތުން ނެގިއެވެ. އޭރު އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އެ ބަދަލުތަކަކީ ސިޔާސީ މަގުސަދެއްގައި، ކައުންސިލްގެ މަސައްކަތްތައް ހުއްޓުވުމަށް ގެނައި ބަދަލުތަކެއް ކަމަށެވެ.

މި ބަދަލުތަކާއެކު ކައުންސިލްގެ ބަޖެޓު ކުޑަކޮށް، މުވައްޒަފުންގެ ބޮޑު ބައެއް ވަނީ މިނިސްޓްރީތަކަށް ބަދަލުކޮށްފައެވެ. މީގެ ސަބަބުން ކައުންސިލްގެ ހިންގުން ގާތްގަނޑަކަށް ހުއްޓުމަކަށް އައިސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭރުގެ ކައުންސިލަރުން ފާހަގަކުރިއެވެ.

މާޒީގައި ކަންހިނގާފައިވާ ގޮތް މިހެން އޮތުމުން، ޔާމީން މިއަދު ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ވާހަކަފުޅުދެއްކެވި އިރު އައްޑޫ ސިޓީގެ މޭޔަރުގެ ގޮތުގައި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އަލީ ނިޒާރު އަކީ ޔާމީން މިދެންނެވި ބަދަލުތައް ގެނައި އިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. ޔާމީން ގެންނެވި ބަދަލުތަކާއި ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދެއްކެވި އެއް ބޭފުޅަކީ ވެސް އަލީ ނިޒާރުއެވެ. 

ޔާމީންގެ ދަތުރުފުޅާއި ގުޅިގެން ސޯޝަލް މީޑިއާގައާއި މީޑިއާތަކުގައި ހިޔާލުފާޅުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ވެރިކަމުގައި ތިބޭއިރު މަރުކަޒީކޮށް ބާރުތައް ޖަމާކުރުމަށްފަހު، އިދިކޮޅަށް ބަދަލުވުމުން ކައުންސިލްތަކުގެ ބާރުވެރިކަމަށް ގޮވާލުމަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ފަރާތުން އާންމުކޮށް ފެންނަ މަންޒަރެކެވެ. އައްޑޫގެ ބައެއް އާންމުން ބުނާ ގޮތުގައި، ޔާމީންގެ ސަރުކާރުގައި އައްޑޫ ސިޓީ ކައުންސިލް ހަމައެކަނި ނަންބޯޑަކަށް ބަދަލުކޮށްލި ހަނދާންތައް އަދިވެސް އެބަހުއްޓެވެ. އެ ދުވަސްވަރު ކައުންސިލް އިދާރާގެ ބާރު ކަނޑުވާލުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް އެޅުނު ހުރަސްތައް އައްޑޫ ސިޓީގެ ރައްޔިތުން ހަނދާނުން ފޮހެވޭހާ ދުވަހެއް ނުވެއެވެ. 

އެހެންކަމުން، ޕީއެންއެފްގެ މި އާ ސިޔާސަތަކީ ކުރިއަށް އޮތް އިންތިހާބުތަކުގައި ތާއީދު ހޯދުމަށް ގެންގުޅޭ އުކުޅެއް ކަމަށް ބެލެވޭ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. އަދި ސިޔާސީ ގޮތުން ފައިދާ ހޯދުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދެއްކުމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށް ވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

މި ބަހުސްތައް ކުރިއަށްދާއިރު، ލާމަރުކަޒީ ނިޒާމުގެ މުސްތަގުބަލާމެދު އައްޑޫ ރައްޔިތުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. ސަރުކާރުތަކުން ގާނޫނަށް ގެންނަ ބަދަލުތަކާއެކު ކައުންސިލްތަކުގެ ބާރުތައް ދޭތެރެ ދޭތެރެއިން ބަދަލުވަމުންދާތީ، ދެމެހެއްޓެނިވި ގޮތެއްގައި ރަށުގެ ކަންކަން ނިންމުމުގެ ބާރު ކައުންސިލްތަކަށް ލިބިދާނެކަމާމެދު ވަނީ ޝައްކު އުފެދިފައެވެ.

މި ޝައްކުތައް އުފެދިފައިވަނިކޮށް ރައީސް ޔާމީން އައްޑޫއަށް ވަޑައިގެން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރައްވަން ވާހަކަ ދެއްކެވުމަކީ، އޭގެ ޒާތުގައި އުފާކުރަންޖެހޭ ކަމެއް ނޫންކަމަށް އައްޑޫގެ ގިނަ ބަޔަކު ބުނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ސިޓީ ކައުންސިލާއި މެދު ކަން ހިނގައިދިޔަ ގޮތުންނެވެ.

ކޮމެންޓް 0