މިއަދަކީ ބައިނަލްއަޤްވާމީ ފާހާނާތަކުގެ ދުވަސް، ފާހާނާގައި ގިނަ ވަގުތު ހޭދަކުރަނީ ފިރިހެނުންތަ ނުވަތަ އަންހެނުންތަ؟
މިއަދު ބައިނަލްއަޤްވާމީ ފާހާނާގެ ދުވަސް ފާހަގަކުރަމުން ދާއިރު، ފާހާނާގައި އެންމެ ގިނަ ވަގުތު ހޭދަކުރަނީ ކޮން ބައެއްކަމާ މެދު ވިސްނާލިން ހެއްޔެވެ؟
ފިރިހެނުންގެ 92 އިންސައްތަ މީހުން އާންމުކޮށް މަދުވެގެން 20 މިނެޓު ފާހާނާގައި ހޭދަކުރާއިރު، އަންހެނުންގެ 100 އިންސައްތަ މީހުން 10 މިނެޓަށް ވުރެ ގިނައިރު ފާހާނާގައި ހޭދަ ނުކުރާ ކަމަށް ވައިސްއިން ކުރި ސާވޭއަކުން ދައްކައެވެ. ފާހާނާ ސާމާނު އުފައްދާ ކުންފުންޏަކުން 2018 ވަނަ އަހަރު ކުރި ދިރާސާއަކުން ހާމަވި ގޮތުގައި، އިނގިރޭސިވިލާތުގެ ފިރިހެނުންގެ ތިންބައިކުޅަ އެއްބައި މީހުން އަހަރަކު 7 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހާސްކަމުން ދުރުވެ އަރާމުކޮށްލުމަށް ފާހާނާގައި ހޭދަކުރެއެވެ.
އޭގެ ތެރެއިން 84 އިންސައްތަ މީހުން ސޯޝަލް މީޑިއާ ބަލާއިރު، 68 އިންސައްތަ މީހުން ވީޑިއޯ ބެލުމުގައާއި، 62 އިންސައްތަ މީހުން ހަބަރު ކިޔުމުގައި ވަގުތު ހޭދަކުރެއެވެ. އަދި 49 އިންސައްތަ މީހުން އީމެއިލް ބެލުމަށް، 24 އިންސައްތަ މީހުން ސީރީޒް ބެލުމަށް އަދި 14 އިންސައްތަ މީހުން ފޮތް ކިޔުމަށް އެ ވަގުތު ބޭނުންކުރެއެވެ. ސައިކޯތެރަޕިސްޓް ބެންޖަމިން ޖެކްސަން ވިދާޅުވި ގޮތުގައި، ގިނަ ފިރިހެނުން ހާސްކަން ފިލުވާލުމަށް ފާހާނާގައި ތިބެގެން ހަބަރު ކިޔުން ނުވަތަ ފުޓުބޯޅަ ބެލުން ފަދަ އެއް ކަމަކަށް ސަމާލުކަން ދޭ ކަންކަން ކުރެއެވެ. މަސައްކަތުގެ މާހައުލުގައި ނުވަތަ ގޭތެރޭގައި ހިތްހަމަނުޖެހުން ކުރިމަތިވުމުން ފާހާނާގައި ގިނަ ވަގުތު ހޭދަކުރާ ކަމަށް ސާވޭގެ 63 އިންސައްތަ ބައިވެރިން ބުނެފައިވެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ފާހާނާ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (ޔުނައިޓެޑް ނޭޝަންސް - އދ) އިން ކަނޑައަޅާފައިވަނީ “ރައްކާތެރި ފާހާނާ، ހަމަހަމަ މުސްތަގުބަލެއް” މި ޝިއާރެވެ. އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީސް (އޮފީސް އޮފް ދަ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް - އޯއެޗްސީއެޗްއާރު) އިން ބުނި ގޮތުގައި، މި ޝިއާރުން އަލިއަޅުވާލަނީ ރައްކާތެރި ފާހާނާއާއި ނަރުދަމާގެ ނިޒާމާއި މިންތީގެ ހަމަހަމަކަމާ ދެމެދު އޮތް ގުޅުމަށެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް ނެރުއްވި މެސެޖެއްގައި ވިދާޅުވީ، ސާފުތާހިރު އަދި ތަޅުލެވޭ ފާހާނާއާއި ސާފު ފެނަކީ އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަން ލިބި، ބާރުވެރިކުރުވާ ކަމެއް ކަމަށެވެ. އަދި އެ ވަސީލަތްތައް ނެތުމުން އެ ފަރާތްތަކުގެ ސިއްހަތަށާއި ތައުލީމަށާއި ވަޒީފާގެ ފުރުސަތުތަކަށް ހުރަސްއެޅޭ ކަމަށް ވެސް ވިދާޅުވިއެވެ.
ދުނިޔޭގެ އާބާދީގެ ކޮންމެ 10 މީހަކުން ހަތަރު މީހުން ހިމެނޭހެން ގާތްގަނޑަކަށް 3.4 ބިލިއަން މީހުންނަށް ރައްކާތެރި ނަރުދަމާގެ ހިދުމަތް ލިބިފައި ނުވާ ކަމަށް އދ.އިން ފާހަގަކޮށްފައިވެއެވެ. އަދި 1.7 ބިލިއަން މީހުންގެ ގޭގައި ސައިބޯންޏާއި ފެނުން އަތްދޮވެވޭނެ އިންތިޒާމު ނެތްއިރު، ފުރާވަރުގެ ކޮންމެ ފަސް އަންހެން ކުއްޖަކުން އެއް ކުއްޖަކު ބޭނުންކުރަނީ ސާފުތާހިރުކަން ކުޑަ ފާހާނާ ނުވަތަ ހާމަ ތަންތަނެވެ. މީގެ އިތުރުން، ދުނިޔޭގެ ސުކޫލުތަކުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ މަދު ސުކޫލުގައި ނޫނީ މައްސަރު ކަންތައްތަކާ ގުޅޭ ކުނި އަޅާނެ ޑަސްބިން ބަހައްޓާފައެއް ނުވެއެވެ. ވޯލްޑް ޓޮއިލެޓް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އިން 2001 ވަނަ އަހަރު ފާހަގަކުރަން ފެށި މި ދުވަސް، ދެމެހެއްޓެނިވި ތަރައްގީގެ ހަވަނަ ލަނޑުދަނޑި (ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލް 6 - އެސްޑީޖީ 6) އަށް އެއްބާރުލުން ދިނުމުގެ ގޮތުން އދ.ގެ އާންމު މަޖިލީހުން ރަސްމީކޮށް ކަނޑައެޅީ ޖުލައި 24، 2013 ގައެވެ.