މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅޭނީ ކޮން ގަޑިތަކެއްގައި؟
މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދުގައި ވަނީ މި އުސޫލު ބަޔާންކޮށްދީފައި.
ސަރުކާރުގެ އޮފީސްތަކުން އާންމު ޚިދުމަތްތައް ހޯދުމަށް ވަކި ރަސްމީ ގަޑިތަކެއް ކަނޑައަޅާފައި އޮންނަ ފަދައިން، ކޯޓުތަކަށް މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅުމުގައިވެސް ވަކި އުސޫލުތަކަކާއި ގަޑިތަކެއް އޮވެއެވެ.
މެޖިސްޓްރޭޓް ކޯޓުތަކަށް މައްސަލައާއި ލިޔެކިޔުންތައް ހުށަހެޅޭނެ އާންމު ގަޑިއަކީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި ކަމަށް މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު ގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް ކަނޑައަޅާފައިވާ މި އާންމު ދުވަސްތަކާއި ގަޑިތައް ނޫން އެހެން ވަގުތުތަކުގައިވެސް މައްސަލަ ބަލައިގަތުމުގެ އިސްތިސްނާ ހާލަތެއް އެ ގަވާއިދުގައި އޮވެއެވެ. އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސް މެޖިސްޓްރޭޓްގެ ޚާއްސަ ހުއްދައަކާއެކު ރަސްމީ ދުވަސްތަކާއި ގަޑިތައް ނޫން އެހެން ދުވަސްތަކާއި ގަޑިތަކުގައިވެސް ކޯޓުގެ ރަޖިސްޓަރީ ހުޅުވާފައި ބެހެއްޓުމުގެ އިޚުތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. މިގޮތަށް ރަޖިސްޓަރީ ހުޅުވާ ހާލަތްތަކުގައި އެކަން އާންމުކޮށް އިއުލާންކޮށް، ކޯޓުގައި ޔައުމިއްޔާކޮށް ރިކޯޑުކުރަންޖެހެއެވެ.
މައްސަލައެއް ނުވަތަ ލިޔުމެއް ކޯޓަށް ހުށަހެޅުނު ތާރީޚާއި ގަޑި ކަނޑައެޅުމުގައި ބަލަނީ އެ ފޯމެއް ނުވަތަ ލިޔުމެއް ކޯޓުގެ ކައުންޓަރަށް ލިބުނު ތާރީޚާއި ގަޑިއަށް ކަމަށް އެ މާއްދާގެ (ނ) ގައި ލިޔެފައިވެއެވެ. އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ހުށަހަޅާ ނަމަ ބަލާނީ އެ މައްސަލައެއް ނުވަތަ ލިޔުމެއް ކޯޓަށް ލިބުނު ތާރީޚާއި ގަޑިއަށެވެ. އެހެން ނަމަވެސް ކޯޓުން ކަނޑައަޅާފައިވާ ރަސްމީ ގަޑީގެ ފަހުން ހުށަހަޅާ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅުނު ތާރީޚު ކަމަށް ބަލާނީ ވިދިގެން އަންނަ ރަސްމީ ދުވަހުގެ ތާރީޚު ކަމަށް އެ މާއްދާގެ (ރ) ގައި ކަނޑައަޅާފައިވެއެވެ.
ރަސްމީ ގަޑީގެ ފަހުން ހުށަހަޅާ ލިޔެކިޔުންތަކުގެ ތާރީޚު ޖެހިގެން އަންނަ ރަސްމީ ދުވަހަށް ބަދަލުވި ނަމަވެސް، އިސް މެޖިސްޓްރޭޓްގެ ޚާއްސަ ހުއްދައާއެކު ރަޖިސްޓަރީ ހުޅުވައިގެން ބަލައިގަންނަ މައްސަލަތަކުގެ ތާރީޚު ބަލާނީ ކައުންޓަރަށް ނުވަތަ އިލެކްޓްރޯނިކް ވަސީލަތުން ކޯޓަށް އެ ލިޔުމެއް ލިބުނު ވަގުތަށެވެ. މީގެ އިތުރުން، ޝަރީއަތްކުރުމާ ގުޅޭ އިޖުރާއީ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މައްސަލަ ހުށަހެޅުމަށް ވަކި ގަޑިއެއް ކަނޑައަޅާފައިވާ ނަމަ، އަދި މައްސަލަ ހުށަހެޅުނު ކަމަށް ބަލާނެ މުއްދަތާ ގުޅޭގޮތުން ވަކި ގޮތެއް ބަޔާންކޮށްފައިވާ ނަމަ، 10 ވަނަ މާއްދާގައިވާ މި އުސޫލުތަކެއް ނުހިނގާނެއެވެ.
ނޯޓް: މިއީ އައްޑޫގައި ގާއިމްކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކުން ދީފައިވާ މައުލޫމާތަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ ލިޔުމެކެވެ.