އައްޑޫ ސިޓީ ކައުންސިލުން ކުރާ ދަތުރުތަކުގެ ޚަރަދު ހާމަކުރަން ޖެހޭ

އައްޑޫ ސިޓީ ކައުންސިލުން ކުރާ ދަތުރުތަކުގެ ޚަރަދު ހާމަކުރަން ޖެހޭ

ރައްޔިތުންގެ ފައިސާއިން ހިންގާ އެއްވެސް މުއައްސަސާއަކަށް، އެ ފައިސާ ޚަރަދުކުރި ގޮތް ސިއްރުކުރުމުގެ އިޚުތިޔާރެއް ނޯންނާނެއެވެ. ހެޔޮވެރިކަމުގެ ނުވަތަ ގުޑް ގަވަރނަންސްގެ އެންމެ އަސާސީ އެއް ތަނބަކީ ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމާއި ރައްޔިތުންނަށް ޖަވާބުދާރީވުން ކަމަށްވާއިރު، އައްޑޫ ސިޓީ ކައުންސިލުން ކުރާ ދަތުރުތަކުގެ ތަފްސީލީ ޚަރަދުތައް އާންމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

އައްޑޫ ސިޓީ ކައުންސިލްގެ 2022 އިން 2024 އަށް ހެދި އޮޑިޓަށްފަހު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައިވާ ގޮތުން، ޚަރަދު ކުޑަކުރުމަށް ދައުލަތުން ކަނޑައަޅާފައިވާ ސިޔާސަތާއި، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއި، ފިނޭންސް މިނިސްޓްރީގެ ސާކިއުލާއާ ޚިލާފަށް 2023 އަދި 2024 ވަނަ އަހަރު އެ ކައުންސިލުން ކުރި ދަތުރުތަކަށް ޚަރަދުކޮށްފައިވެއެވެ.

މި ޚަރަދުތަކުގެ ތަފްސީލްތަކުގެ ވާހަކަ އިހަށް ބާއްވަމާ ހިނގާށެވެ. ކައުންސިލްގައި ހުންނަނީ، އެއްވެސް ހާލެއްގައި އައްޑޫ ސިޓީގައި ތިއްބަވާ ކައުންސިލަރުންގެ ފައިސާއެއް ނޫނެވެ. އެއީ ރައްޔިތުންގެ ފައިސާއެވެ. އެހެންކަމުން އެ ފައިސާއިން ބޮޑެތި ޚަރަދުތައް ހާމަކުރުމަކީ ހަމައެކަނި އަޚުލާގީ ޒިންމާއެއް ނޫނެވެ؛ އެއީ ގާނޫނީ ގޮތުން ކައުންސިލަށް ލާޒިމުކޮށްފައިވާ ކަމެކެވެ. 

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ ކޮންމެ ގަރާރަކާއި، އަމުރަކާއި، ނިންމުމަކާއި، ބައްދަލުވުންތަކުގެ ކަންކަން ކައުންސިލްގެ ރަސްމީ ވެބްސައިޓުގައާއި ސޯޝަލް މީޑިއާގައި އާންމުކުރަން ޖެހެއެވެ. އަދި ކަނޑައަޅާފައިވާ އުސޫލުން އާންމު ނުކުރާ ކޮންމެ ނިންމުމަކީ ގާނޫނީ ގޮތުން ބާތިލު ނިންމުމެކެވެ. އެ ގާނޫނުގެ 77 ވަނަ މާއްދާގެ ދަށުން، ރަސްމީ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި ނިންމުންތައް ހާޒިރުވި މެންބަރުން ފާސްކޮށް ސޮއިކުރަން ޖެހޭއިރު، ކޮންމެ މަހެއްގެ ޔައުމިއްޔާ ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އާންމުކުރަން ޖެހެއެވެ. މީގެ އިތުރުން، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުތަކާއި، ފިސްކަލް ޒިންމާގެ ގާނޫނު ހިމެނޭ ގޮތަށް، ދައުލަތުގެ ފައިސާއާއި މުދަލާ ބެހޭ އެންމެހައި ގާނޫނުތަކަށް ކައުންސިލްތަކުން ތަބާވާން ޖެހެއެވެ.

ހަމައެއާއެކު، 2014 ވަނަ އަހަރުގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 36 އަދި 37 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ހުރިހާ މުއައްސަސާތަކުން އަހަރަކު އެއްފަހަރު އަމިއްލަ އިސްނެގުމުގައި ބަޖެޓާއި، ޚަރަދުތަކާއި، މުވައްޒަފުންގެ މުސާރައާއި، މަސައްކަތުގެ ފެންވަރާއި، ޚިދުމަތްތަކާއި، އިސްވެރިންގެ ޒިންމާތަކާއި ނިންމުންތައް ނިންމާ ގޮތުގެ މައުލޫމާތު ވެބްސައިޓުގައި ނުވަތަ ނޯޓިސް ބޯޑުގައި އާންމުކުރަން ޖެހެއެވެ. މައި ސަރުކާރުގެ އިދާރާތަކުން މިކަމުގައި ފަހަތުގައި އޮތުމަކީ ކައުންސިލްތަކުން ގާނޫނީ ޒިންމާއިން ރެކެން ދެއްކޭނެ އުޒުރެއް ނޫނެވެ.

އޮޑިޓް ރިޕޯޓުގައި އައްޑޫ ކައުންސިލަށް ކުރެވޭ ތުހުމަތުތައް މޭޔަރު ނިޒާރު ވަނީ ދޮގުކުރައްވާފައެވެ. އެހެން ނަމަވެސް، ގުޑް ގަވަރނަންސްގެ އުސޫލުތަކަށް ބަލާއިރު، ނާޖާއިޒު ނިޔަތެއް ނެތް ކަމަށް ބުނުމަކުން ނުފުދެއެވެ. ދައުލަތުގެ ފައިސާ ޚަރަދުކުރުމުގައި އޮންނަ އުސޫލުތަކާއި ސާކިއުލާތަކަކީ ވަކި ބަޔަކު ބޭނުންވުމުން ބޮލާލައިޖަހާފައި، ފަހުން ނިޔަތް ރަނގަޅު ކަމަށް ބުނެ ފަރުޖައްސާލެވޭނެ ކަންކަމެއް ނޫނެވެ. 

ކައުންސިލަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ބޭނުމާއި، ހޭދަވި ފައިސާއާއި، އޭގެ ސަބަބުން ރައްޔިތުންނަށް ލިބުނު މަންފާ އޮޑިޓް ރިޕޯޓަކުން ފަޅާއެރުމުގެ ކުރިން އާންމުންނަށް ފެންނަން ހުންނަން ޖެހެއެވެ. އިތުބާރު އުފެއްދޭނީ އަމަލުތަކުން ދެފުށް ފެންނަ ގޮތް ހަދައިގެންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ދަތުރުތަކުގެ ޚަރަދުތަކާއި މާލީ ނިންމުންތައް ފޮރުވުމުގެ ސަގާފަތް ދޫކޮށްލައި، ގާނޫނުތަކުން ލާޒިމުކުރާ ގޮތަށް ކައުންސިލްގެ ވެބްސައިޓުގައި ހުރިހާ ޚަރަދުތަކެއްގެ ތަފްސީލު ވަގުތުން އާންމުކުރަން ޖެހެއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ކޮންމެ ދަތުރެއްގެ ހިސާބުތައް ހާމަނުކުރަން ނުވަތަ ފަސްކުރަން ދެއްކޭނެ އުޒުރެއް ނެތެވެ.

ކޮމެންޓް 0