ޝާޑު މި ދައްކުވައިދިނީ، ރަށު ސިންގާ ރަށަށް ވަރުގަދަ ވާނެކަން

ޝާޑު މި ދައްކުވައިދިނީ، ރަށު ސިންގާ ރަށަށް ވަރުގަދަ ވާނެކަން

ސިޔާސީ ޕާޓީއެއްގެ އެންމެ އިސް ސަފުގައި ތިއްބަވާ ބޭފުޅުން އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެން، ދިގު މުއްދަތަކަށް ކެމްޕެއިނެއް ކުރެއްވުމަކީ ކޮންމެ އިންތިހާބެއްވެސް ފަސޭހަކަމާއެކު ކާމިޔާބުވާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ޚާއްސަ ގޮތެއްގައި ގޭގޭގެ ބަދިގެތަކަށް ވަދެ ނަގާ ފޮޓޯތަކާއި އެކު އިންތިޚާބަށް އަސަރު ކުރާނެ ކަމަށް ވެސް ގަބޫލުކުރާ ފަހަރު އާދެއެވެ. 

އެހެން ނަމަވެސް ސ. ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މައްޗަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ދައްކުވައިދިނީ އެކަން އެގޮތަށް ނުހިނގާނެ ކަމެވެ.

އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އެމްޑީޕީގެ އިސްވެރިން ވަނީ ހުޅުދޫއަށް ވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން ކެމްޕެއިން ކުރައްވާފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެފަހަރެއްގެ މަތިން އައްޑޫއަށް ވަޑައިގެންނެވިއެވެ. އަދި އެ ބޭފުޅުން ހުޅުދޫގެ ކައުންސިލް ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސްވެރިން ވެސް ހުޅުދޫއަށް ވަޑައިގެން ގަދައަށް ކެމްޕެއިން ކުރެއްވިއެވެ.

މިހާ ވަރުގަދައަށް އިދިކޮޅު ޕާޓީން މަސައްކަތް ކުރި ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރީ ޕީއެންސީ ކެންޑިޑޭޓް ނަބާހާއެވެ. 

ހުޅުދޫއިން ވާހަކަ ދެއްކި ގިނަ މީހުން ބުނާގޮތުގައި، އިންތިހާބަށް ކުޑަތަން ވެފައި ވަނިކޮށް ޝާޑު ހުޅުދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. އޭގެ ކުރިން ވެސް ޝާޑު އަށް ކުރައްވާ އިތުބާރު ވެސް ފެނުނު ކަމަށް އެމީހުން ދެކެއެވެ.

ހުޅުދޫން އައްޑޫޕްލަސް އާއި ވާހަކަ ދެއްކި ގިނަ މެންބަރުން ބުނީ، ޝާޑު ވަޑައިގެން ޕީއެންސީގެ ފަރާތުން ވާދަކުރި ފާތިމަތު ނަބާހާގެ ކެމްޕެއިން ސަފުތައް އަލުން ރުކުރުވާލެއްވި ކަމަށެވެ. އަދި އަމިއްލަފުޅަށް ރަށުގެ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގެންނެވި މި ބަދަލުން ފެނިގެންދިޔައީ ރަށުގެ މާހައުލާއި ރައްޔިތުންގެ ވިންދު ދަންނަ ލީޑަރޝިޕެއްގެ ނުފޫޒުގެ ގޮތުގައި ޕީއެންސީ މެންބަރުން ވަނީ ސިފަކޮށްފައެވެ.

އެހެންކަމުން ހުޅުދޫގެ ބައިއިލެކްޝަން ނަތީޖާއިން މި ދައްކުވައިދިނީ، ރަށަކަށް ބޭރުން ވަޑައިގަންނަވާ ސިޔާސީ ވެރިން ކިތަންމެ ގިނަ ދުވަހަކު ކެމްޕެއިން ކުރެއްވި ނަމަވެސް، ރަށުގެ ރައްޔިތުންގެ އިތުބާރާއި ގާތްކަން އޮންނަ އަމިއްލަ ފަސްގަނޑުގެ ލީޑަރުންގެ ބަހަށް އިތުބާރު ކުރައްވާ ކަމެވެ. ޝާޑު މި ދައްކުވައިދިނީ، ރަށު ސިންގާ ރަށަށް ވަރުގަދަ ވާނެކަމެވެ.

ކޮމެންޓް 0