ރިޖާލު އަލް ފަޖްރު: ތުއްތު ކުދިން ފަތިސް ނަމާދަށް މިސްކިތްތައް ފުރާލަނީ!

ފަތިސް ނަމާދުގެ ޖަމާއަތަށް ކުޑަކުދިން ގެންދިއުމަށް ބާރުއަޅާ މި ހަރަކާތުން އަހުލާގީ ރިވެތި އާދަތައް ދަސްކޮށްދޭ

ރިޖާލު އަލް ފަޖްރު: ތުއްތު ކުދިން ފަތިސް ނަމާދަށް މިސްކިތްތައް ފުރާލަނީ!

ފަތިސް ނަމާދުގެ ޖަމާއަތަށް ފިރިހެން ކުދިން ހާޒިރުވުމަށް ބާރުއަޅާ އަލްޖީރިއާގެ "ރިޖާލުލް ފަޖްރު" ހަރަކާތް އަރަބި އެކި ގައުމުތަކަށް ފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަން ފަށައިފިއެވެ.

މި ހިނގާ ނޮވެންބަރު މަހުގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް މި ހަރަކާތުގެ ވީޑިއޯތައް އާންމުވެ، އެހެން ގައުމުތަކުގައިވެސް މި ފަދަ ހަރަކާތްތައް ފެށުމަށް ވަނީ ގޮވާލާފައެވެ. ދުނިޔޭގެ މުސްލިމް އިލްމުވެރިންގެ ޖަމިއްޔާއިން ބުނި ގޮތުގައި، މި ހަރަކާތް އެންމެ ފުރަތަމަ ފެށުނީ އަލްޖީރިއާގެ ސެތީފް ޕްރޮވިންސުގެ އައިނުލް ކަބީރާ ސަރަހައްދުގައި ގުރުއާން ކިޔަވައިދޭ މުދައްރިސުންގެ މަސައްކަތުން ހަ ކުދިންނާއެކުގައެވެ. މީގެ ތެރޭގައި ބުރުޖު ބޫއަރީރީޖް ޕްރޮވިންސުގެ އަބޫބަކުރުއް ސިއްދީގު މިސްކިތުގެ ގުރުއާން މުދައްރިސް އުމަރު އީސާވީ ކުރިއަށްގެންދިޔަ ހަރަކާތަށް ބޮޑު ސަމާލުކަމެއް ލިބުނު ކަމަށްވެސް އެ އެޖެންސީން ބުންޏެވެ.

މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުގެ މައިގަނޑު މަގުސަދަކީ ކުޑައިރުއްސުރެ ކުދިންގެ ހިތްތަކުގައި ނަމާދަށް ލޯބިޖެއްސުމާއި މިސްކިތްތަކާ އޮންނަ ގުޅުން ބަދަހިކުރުމެވެ. ހަމައެއާއެކު، ހަމައެކަނި ދީނީ އަޅުކަމަކަށް ވުރެ ބޮޑަށް، އަމަލީ ތަޖުރިބާގެ ތެރެއިން ކުދިންގެ ކިބައިގައި ވަގުތަށް ކަމޭހިތުމާއި، އަހުލާގާއި، ސާފުތާހިރުކަމާއި، އެކުވެރިކަމާއި، ޒިންމާދާރުވުން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް މި ހަރަކާތުގެ ތެރެއިން މަސައްކަތްކުރެއެވެ.

އަލްޖަޒީރާއިން މިދިޔަ ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލްޖީރިއާއިން ފެށުނު މި ހަރަކާތް މިހާރު ވަނީ އެކި ނަންނަމުގައި އަރަބި އެހެން ގައުމުތަކަށްވެސް ފެތުރިފައެވެ. މިހާރު އަރަބި ގައުމުތަކުގެ އިތުރަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވެސް މި ހަރަކާތް މިހާޜު ވަނީ ފެތުރިފައެވެ.

އެ ގޮތުން އުރުދުންގައި "ނަޝާމާ އަލްފަޖްރު" ގެ ނަމުގައި ބެލެނިވެރިންގެ ބައިވެރިވުމާއެކު ކެމްޕޭނެއް ފަށާފައިވާއިރު، ޓިއުނީޝިއާއާއި މޮރޮކޯގައިވެސް މި ފަދަ ހަރަކާތްތައް ވަނީ ފަށާފައެވެ. މޮރޮކޯގެ އެކި ސިޓީތަކުގައި "ފުރްސާނުލް ފަޖްރު" ގެ ނަމުގައި ފަތިހު ހޭލައިގެން ޖަމާއަތުގައި ނަމާދުކުރުމަށް ކުދިންނަށް ހިތްވަރުދޭ ހަރަކާތްތަކަށް އާއިލާތަކުގެ ތާއީދު ލިބެމުންދާއިރު، އޮމާންގެ މުފްތީ ޝައިޚް އަހުމަދު ބިން ހަމަދު އަލްޚަލީލީއާއި ދީނީ މުއައްސަސާތަކުން ވަނީ މި ހަރަކާތަށް ތާއީދުކުރައްވާފައެވެ.

ސުވާލަކީ، ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށްވާ ރާއްޖޭގައި މި ހަރަކާތް ފަށާނެ ހެއްޔެވެ؟

ކޮމެންޓް 0