ޗައިނާގައި ބާއްވާ ފުޓްސަލް މުބާރާތެއްގައި ރާއްޖެ ވާދަކުރަނީ

އަންނަ ނޮވެންބަރު މަހުގެ 4 އިން 9 ގެ ނިޔަލަށް ޗައިނާގެ އިންޗުއަންގައި ބާއްވާ މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ހަތަރު ގައުމަކުން ވާދަކުރާނެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ފުޓްސަލް ޓީމު. ފޮޓޯ: ސާފް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ފުޓްސަލް ޓީމު. ފޮޓޯ: ސާފް

"ޗައިނާ އިންޓަރނޭޝަނަލް ޓޯނަމަންޓް" ގައި ރާއްޖޭގެ ފުޓްސަލް ޓީމު ވާދަކުރަން ހަމަޖެހިއްޖެއެވެ.

އަންނަ ނޮވެންބަރު މަހުގެ 4 އިން 9 ގެ ނިޔަލަށް ޗައިނާގެ އިންޗުއަންގައި ބާއްވާ މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ހަތަރު ގައުމަކުން ވާދަކުރާނެއެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ހޯސްޓުން ކަމަށްވާ، ޗައިނާ އާއި ދެކުނު ކޮރެއާ އަދި ހޮންގކޮންގެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހު ނިކުންނާނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ. އެއަށްފަހު، ދެވަނަ މެޗުގައި ނޮވެންބަރު 7 ވަނަ ދުވަހު ބައްދަލުކުރާނީ ހޮންގްކޮންގާއެވެ. މުބާރާތުގައި ކުޅޭ ފަހު މެޗުގައި ނޮވެންބަރު 9 ވަނަ ދުވަހު ނިކުންނާނީ ޗައިނާއާ ދެކޮޅަށެވެ.

މިއީ ދެކުނު އޭޝިއާ ބައްރުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ރާއްޖެއަށް އޭޝިއާގެ ފުޓްސަލްގެ ގަދަބާރުތަކާ ދެކޮޅަށް ކުޅެން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ހޮންގކޮންގު ފިޔަވައި ދެކުނު ކޮރެއާ އަދި ޗައިނާ އަކީ ފީފާ ފުޓްސަލް ރޭންކިންގައި ރާއްޖެއަށް ވުރެ ކުރީގައި އުޅޭ ގައުމުތަކެވެ.

ފީފާއިން އެންމެ ފަހުން އާންމުކުރި ދުނިޔޭގެ ފުޓްސަލް ރޭންކިންގައި ދެކުނު ކޮރެއާ އުޅެނީ 69 ވަނައިގައެވެ. ޗައިނާ އުޅެނީ ދުނިޔޭގެ ރޭންކިންގެ 84 ވަނައިގައެވެ. މީގެތެރެއިން، ދެކުނު ކޮރެއާ އަކީ އޭޝިއާގެ 15 ވަނައެވެ. ޗައިނާ އަކީ އޭޝިއާގެ 20 ވަނައިގައި އުޅޭ ގައުމެވެ. ރާއްޖެއަށް ދުނިޔޭގެ 99 ވަނަ ލިބިފައިވާއިރު، އޭޝިއާގެ އުޅެނީ 24 ވަނައިގައެވެ. ހޮންގކޮންގު އުޅެނީ ދުނިޔޭގެ 118 ވަނައިގައެވެ. އެއީ، އޭޝިއާގެ 30 ވަނައެވެ.

ކޮމެންޓް 0