އަސަރުން ފުރިފައިވާ މެސެޖަކުން ރޮނާލްޑޯ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފި
އޭނާ ކާމިޔާބުކުރި ގޯލަކުން އެއްވެސް މީހެއްގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދެވި، ހިތާމަތަކަށް ކުޑަނަމަވެސް ލުޔެއް ލިބި، ނުވަތަ ގައުމާމެދު ފަހުރުވެރިވުމުގެ އިހުސާސް ކޮށްދެވުނު ކަމުގައިވާނަމަ، ކޮށްދިން ހިދުމަތުގެ އަގު ލިބުނީ ކަމަށް ދެކޭ ކަމަށް ބުނެ މީސްމީޑިއާ އަށް ދޫކޮށްލި މެސެޖާއެކު ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.
ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ، މިހާރު އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ، މި މަހު ޕޯޗުގަލް ޓީމުން ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ މެޗުތަކަށްފަހު، ގައުމީ
ޓީމުގެ ތާރީހީ 7 ނަންބަރު ޖާޒީގައި އޭނާ ދަނޑުމަތިން ދެން ނުފެންނާނެ ކަމަށެވެ.
ގައުމީ
ޓީމުން ވަކިވުމަށް ނިންމި ނިންމުމާ ގުޅޭގޮތުން ޝުއޫރު ފާޅުކުރަމުން ރޮނާލްޑޯ ބުނީ،
މިއީ އޭނާގެ ހަޔާތުގައިވެސް ނިންމަން އެންމެ އުނދަގޫވި އެއް ނިންމުން ކަމަށެވެ.
"މިއީ ނިންމަން
އެއްގޮތަކަށްވެސް ފަސޭހަވި ނިންމުމެއް ނޫން. ސަބަބަކީ ބައެއް ކަންކަމަކީ
ހަމައެކަނި ސިކުނޑިން ވިސްނައިގެން ނިންމޭ ކަންކަމަށް ނުވާތީ. މިއީ ހިތުގެ ފުން
އިޙްސާސްތަކާވެސް ގުޅިފައިވާ ނިންމުމެއް،" ރޮނާލްޑޯ ބުންޏެވެ.
ބައިނަލްއަގުވާމީ
ފުޓްބޯޅައިގައި ހޭދަކުރި ފަހުރުވެރި 23 އަހަރުގެ ދިގު މުއްދަތުގައި އޭނާގެ ކާމިޔާބީތަކުގައި ހިއްސާ ބޮޑު، އޭނާ އަށް އެއްބާރުލުން ދިން އެންމެހައި ފަރާތްތަކަށް ރޮނާލްޑޯ ވަނީ ޝުކުރު އަދާކޮށްފައެވެ.
އޭގެތެރޭގައި އޭނާގެ އާއިލާއާއި، ޕޯޗުގަލްގެ އެންމެހައި ރައްޔިތުންނާއި، އެކުގައި
ކުޅުނު ކުޅުންތެރިންގެ އިތުރުން ޓީމުގެ ކޯޗުންނާއި އޮފިޝަލުން ހިމެނެއެވެ.
މި
ވަދާއީ މެސެޖާއެކު މީސްމީޑިއާގައި އޭނާ ހިއްސާކުރި ވީޑިއޯ ނިންމާލަމުން ރޮނާލްޑޯ ބުނެފައިވަނީ،
"ޕޯޗުގަލް އަބަދުވެސް ވާނީ އަހަރެންގެ ވިންދާ ގުޅިފައިވާ، އަހަރެންގެ
ހަޔާތުގެ މުހިންމު ބައެއްގެ ގޮތުގައި" ކަމަށެވެ.
ގައުމީ ޓީމާއެކު ރޮނާލްޑޯ ހޯދާފައިވާ ފަހުރުވެރި ކާމިޔާބީތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، އޭނާގެ
ކެޕްޓަންކަމުގައި 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތް
ކާމިޔާބުކޮށް، އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތަށި
އުފުލާލުމެވެ. މީގެއިތުރުން 2019 އަދި 2025 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު
ޕޯޗުގަލްއަށް ކާމިޔާބުކޮށްދިނުމުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ރޮނާލްޑޯ އަކީ ޕޯޗުގަލްގެ
ގައުމީ ޓީމަށް ކުޅެދިން 234 މެޗުގައި 146 ލަނޑުޖަހައިދީ، ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު
ކުޅެދިނުމުގެ ރެކޯޑާއި، އެންމެ ގިނަ ލަނޑު ޖެހުމުގެ ޝަރަފުވެރި ރެކޯޑު އޮތް ކުޅުންތެރިޔާއެވެ.