ދެވަނަ މެޗުގައި ހޮންގްކޮންގް ބަލިކޮށް ރާއްޖޭގެ ފުޓްސަލް ޓީމަށް ތާރީހީ ކާމިޔާބީއެއް
މި މުބާރާތުގައި ރާއްޖެ ދެން ކުޅޭ މެޗުގައި މި މަހުގެ 9 ވާ ހޯމަ ދުވަހު ނިކުންނާނީ ޗައިނާއާ ދެކޮޅަށް
"ޗައިނާ އިންޓަރނޭޝަނަލް ފުޓްސަލް ޓޯނަމަންޓް" ގައި ކުޅުނު ދެވަނަ މެޗުގައި ހޮންގްކޮންގް 7-0 އިން ބަލިކޮށް، ރާއްޖޭން ތާރީހީ ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.
މިއީ މި ފަަހަރުގެ މުބާރާތުގައި ޓީމަކުން ހޯދި އެންމެ ބޮޑު މޮޅެވެ. އަދި، މިއީ ރާއްޖޭގެ ފުޓްސަލް ޓީމުން މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މެޗުވެސް މެއެވެ.
ޗައިނާގެ ޔިންޗުއާން ޖިމްނޭޒިއަމުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ވަނީ ތިން ލަނޑުޖަހައިފައެވެ. މީގެތެރެއިން، ފުރަތަމަ ގޯލަކީ ހޮންގްކޮންގުގެ ޗޮއި ޔިކް ސަން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ރާއްޖޭގެ އަނެއް ދެ ލަނޑުޖަހައިދިނީ އިޝާން އިބްރާހިމް (ސައްޓު) އާއި ޝަނާން ރަޝާދެވެ.
މެޗުގެ ފަހު ހާފުގައި ރާއްޖޭން ހަތަރު ލަނޑުޖެހިއެވެ. މީގެތެރެއިން މުޙައްމަދު ސާދު ނިޒާރު ދެ ލަނޑުޖެހިއިރު، އަނެއް ލަނޑުތައް ޖަަހައިދިނީ ޝަނާން އާއި ސައްޓުއެވެ.
މި މުބާރާތުގައި ރާއްޖެ ދެން ކުޅޭ މެޗުގައި މި މަހުގެ 9 ވާ ހޯމަ ދުވަހު ނިކުންނާނީ ޗައިނާއާ ދެކޮޅަށެވެ.
މިއީ ދެކުނު އޭޝިއާ ބައްރުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ރާއްޖެއަށް އޭޝިއާގެ ފުޓްސަލްގެ ގަދަބާރުތަކާ ދެކޮޅަށް ކުޅެން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ހޮންގްކޮންގު ފިޔަވައި ދެކުނު ކޮރެއާ އަދި ޗައިނާ އަކީ ފީފާ ފުޓްސަލް ރޭންކިންގައި ރާއްޖެއަށް ވުރެ ކުރީގައި އުޅޭ ގައުމުތަކެވެ.