މައިލޯ ސިޓީ ބަލިކޮށް، ޔުނައިޓެޑް މައިލޯގެ ޕެއާ ބީޗް ވޮލީ މުބާރާތުގެ ފައިނަލަށް
ވީއޭއެމް ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުގައި އައްޑޫ ސިޓީގެ ދެ ކްލަބުގެ ކުރިމަތިލުމުގައި މައިލޯ ސިޓީ ސްޕޯޓްސް ކްލަބު ބަލިކޮށް، ޔުނައިޓެޑް މައިލޯގެ ޕެއާ އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ވިނާސް ބްރެކެޓުގައި ވާދަކުރަމުންއައި ޔުނައިޓެޑް މައިލޯ ފައިނަލަށް ދަތުރުކުރީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކުއެވެ. އެ ޓީމު ކުޅުނު ތިން މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން، މައިލޯ ސިޓީ ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވީ ރޭގެ މެޗުން އެކަންޏެވެ.
މާލޭ ބީޗް ވޮލީ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި ޔުނައިޓެޑް މައިލޯގެ
އައިޝަތު އަރީޝާއާއި ފާތިމަތު އަނާލްގެ ޕެއާއިން މައިލޯ ސްޕޯޓްސްގެ
ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާގެ މައްޗަށް ރޭގެ މެޗުން ކުރިހޯދީ ސީދާ ދެ ސެޓުންނެވެ.
ޔުނައިޓެޑް މައިލޯގެ އަރީޝާއާއި އަނާލްގެ ޕެއާއިން މި މެޗު ގެންދިޔައީ،
21-14 އަދި 21-13އިންނެވެ.
މުބާރާތުގެ ފައިނަލުގައި ޔުނައިޓެޑް މައިލޯގެ ޕެއާއާ ވާދަކުރާނެ ޓީމެއް އެނގޭނީ މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބީޗް ބޭބީސްގެ ފާތިމަތު ޒީނިޔާއާއި މާޔާ ޙުސައިން ސޮލާހުގެ ޕެއާ ދެކޮޅަށް މައިލޯ ސިޓީގެ މާޖިދާއާއި ހައްވަގެ ޕެއާ ކުޅެގެން މޮޅުވާ ޓީމެކެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ.