އެފްއޭއެމް އެވޯޑްސްގައި ގައުމީ ފުޓްސަލް އަދި ފުޓްބޯޅަ ޓީމުގެ ކާމިޔާބީތައް އަގުވަޒަންކުރަނީ

ސައުތު އޭޝިއަން ސުޕަ ކަޕް އަދި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ގައުމީ ޓީމުތަކުގެ އަގުވަޒަންކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގެ ތެރެއިން. ފޮޓޯ: އެފްއޭއެމް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ދިވެހި ފުޓްބޯޅަ ޓީމާއި، ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތް ކާމިޔާބުކޮށް، ފަހުރުވެރި ރަން މެޑަލް ހާސިލްކުރި ފުޓްސަލް ޓީމުގެ އަގުވަޒަންކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެފްއޭއެމުން ބުނީ، ދިވެހިރާއްޖެއަށް ރިތި ނަމާއި ބޮޑު ކާމިޔާބީތަކެއް ހޯދައިދީފައިވާ މި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ހައްގު ސާބަހާއި ޝަރަފު އަރުވައި، އަގުވަޒަންކުރުމަކީ އެ އެސޯސިއޭޝަނުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

އެގޮތުން، މި މަހުގެ 8 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ އެފްއޭއެމް އެވޯޑް ނައިޓްގައި، ސުޕަ ކަޕް އަދި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ތަށި އުފުލާލި ދެ ޓީމުގެ ކުޅުންތެރިންނާއި، ކޯޗިންގ ސްޓާފުންގެ އިތުރުން އޮފިޝަލުންނަށް ހާއްސަ ހަނދާނީ ޓޯކަންއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

ދިވެހި ކުޅިވަރަށް، ހާއްސަކޮށް ފުޓްބޯޅައާއި ފުޓްސަލް އަށް މި ދެ ޓީމުން ހޯދައިދިން ތާރީހީ ކާމިޔާބީއަކީ މުޅި ގައުމު ފަހުރުވެރިވާފަދަ ބޮޑު ކާމިޔާބީއެކެވެ.

މިފަދަ ކާމިޔާބީތައް ފާހަގަކޮށް ކުޅުންތެރިންގެ ހިތްވަރު އާކުރުމާއި، މުސްތަގުބަލުގައި އިތުރު ކާމިޔާބީތަކާ ހަމައަށް ދިއުމަށް މަގުފަހިކޮށްދިނުމަކީ އެފްއޭއެމްގެ އެންމެ ބޮޑު އަމާޒުކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް 0