ޗައިނާ އޯޕަން ޖޮކޮވިޗަށް؛ އަލްކަރާޒް، ޖަޕާން އޯޕަން ތަށި ދިފާއުކޮށްފި

ޖޮކޮވިޗްގެ ކެރިއަރުގެ 102 ވަނަ މެޗު ކާމިޔާބުކޮށް ޗައިނާ އޯޕަން ތަށި ހޯދިއިރު، ކާލޯސް އަލްކަރާޒަށް ލިބުނު މި ކާމިޔާބީއާއެކު އޭނާ މި ވަނީ މިއަހަރު ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ.

ޖޮކޮވިޗް (ކ) އާއި އަލްކަރާޒް.
ޖޮކޮވިޗް (ކ) އާއި އަލްކަރާޒް.

ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި އަނިޔާގެ ސަބަބުން އޮސްޓްރޭލިއާގެ އެލެކްސް ޑިމިނޯ ކުޅުން ހުއްޓާލުމާ ގުޅިގެން ސާބިއާގެ ނޮވަކް ޖޮކޮވިޗް ޗެމްޕިއަންކަން ހޯދިއިރު، ޖަޕާން އޯޕަންގެ ތަށި ސްޕެއިނުގެ ކާލޯސް އަލްކަރާޒް ދިފާއުކޮށްފިއެވެ.

އުމުރުން 39 އަހަރުގެ ޖޮކޮވިޗް، ޗައިނާ އޯޕަން ފައިނަލް މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ ޓައި-ބްރޭކަކަށް ގޮސްގެން 7-6 (7-3) އިންނެވެ. އަދި ދެވަނަ ސެޓުގައި ފުރަތަމަ ގޭމުގައި ޑިމިނޯ 1-0 އިން ލީޑުގައި އޮއްވާ، އޭނާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުން އިތުރަށް ކުރިއަށްގެންދެވޭގޮތް ނުވުމުން މެޗު ހުއްޓާލުމުން ޖޮކޮވިޗަށް ވަނީ ޗެމްޕިއަންކަން ލިބިފައެވެ.

މިއީ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، ޖޮކޮވިޗްގެ ކެރިއަރުގައި ކާމިޔާބުކުރި 102 ވަނަ މެޗެވެ. އޭނާ މި ފަހަރުގެ ޗައިނާ އޯޕަން ކާމިޔާބުކުރީ ބެއިޖިންގައި ބަލިނުވެ ދަމަހައްޓަމުންއައި ރެކޯޑާއެކުއެވެ.

މީގެއިތުރުން، ޓޯކިޔޯގައި ކުރިއަށްދިޔަ ޖަޕާން އޯޕަން ފައިނަލުގައި އަލްކަރާޒް ވަނީ ސީދާ ދެ ސެޓުން ޗެކްރިޕަބްލިކްގެ ޔީރީ ލެހެޗްކާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަލްކަރާޒް ގެންދިޔައީ 7-6 (7-4)، 6-4 އިންނެވެ.

މިއީ އަނިޔާގެ ސަބަބުން ފަސް ވަރަކަށް މަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނު އަލްކަރާޒް މި އަހަރު ތެރޭ ކާމިޔާބުކުރި ތިންވަނަ މުބާރާތެވެ. މީގެކުރީން، އޭނާ ވަނީ އޮސްޓްރޭލިއަން އޯޕަން އަދި ގަތަރު އޯޕަން ކާމިޔާބުކޮށްފައެވެ. އަނިޔާއަށްފަހު އޭނާ ކުޅުމަށް އެނބުރިއައީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ކުޅެވުނު ޔޫއެސް އޯޕަން ގައެވެ.

ކޮމެންޓް 0