އެފްއޭއެމް އެވޯޑްސް: އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ އައިހަމް، ފުޓްސަލްގެ އެއްވަނަ ހޯދީ އިންމި

އިންމި (ކ) އާއި އައިހަމް (ވ-2) މޮޅު ކުޅުންތެރިޔާގެ އެވޯޑާ ހަވާލުވަނީ. ފޮޓޯ: އެފްއޭއެމް
އިންމި (ކ) އާއި އައިހަމް (ވ-2) މޮޅު ކުޅުންތެރިޔާގެ އެވޯޑާ ހަވާލުވަނީ. ފޮޓޯ: އެފްއޭއެމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އަހުމަދު އައިހަމް ހޯދިއިރު، ފުރަތަމަ ފަހަރަށް ހޮވި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު މުހައްމަދު އިމްރާން (އިންމި) ހޯދައިފިއެވެ.

ހުޅުމާލޭގައި ހުންނަ މެންހަޓަން ގްރޭންޑް ހޮޓެލްގައި ރޭ ބޭއްވި ހާއްސަ ހަފްލާގައި ފުޓްބޯޅައާއި ފުޓްސަލްގެ އެވޯޑްތައް ވަނީ ދީފައެވެ.

"އެފްއޭއެމް އެވޯޑްސް 2026" ޝަރަފުވެރިކޮށްދެއްވައި، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ދޭ އެވޯޑް ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މިދިޔަ އަހަރުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށްދޭ ރަންބޫޓް ސެންޓޭ ހޯދިއިރު، ސަޕޯޓަރުން ހޮވި އެންމެ މޮޅު ކުޅުންތެރިއަކީ ހަމްޕުއެވެ.

އަހަރުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމަށް އިންމި ހޮވުނުއިރު، އޭނާ ވަނީ ފުޓްސަލްގައި ރާއްޖެއިން ހޯދި ފުރަތަމަ އަދި ފަހުރުވެރި ކާމިޔާބީ ކަމަށްވާ، ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. 

ރާއްޖޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެފްއޭއެމް ވިމެންސް ލީގުގައި އޮޑި ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދެއްކި، އަންހެން ގައުމީ ޓީމުގެ ފާތިމަތު ސާލިޔާއެވެ.

އަހަރުގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިއަކަށް މާޒިޔާ އަދި ގައުމީ ޓީމުގެ ޒުވާން ފޯވާޑް، މުޙައްމަދު އިލާން އިމްރާން ހޮވުނުއިރު، މިދިޔަ އަހަރުގެ އެންމެ މޮޅު ކުލަބަކަށް ހޮވުނީ މާޒިޔާއެވެ. މީގެއިތުރުން، އެންމެ މޮޅު ކޯޗަކީ މިދިޔަ ސީޒަނުގައި އެ ކުލަބަށް އިރުޝާދު ދިން ލުއިސްމާ ހެނާންޑޭޒްއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ގައުމީ ޓީމާއި ނިއު ރޭޑިއަންޓްގެ މުޙައްމަދު ފައިސަލް ހޮވުނުއިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ، ނިއު އަށް ކުޅޭ ބްރެޒިލްގެ ގިލެރްމޯ ޑަ ސިލްވާ އެވެ. މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލަކީ، އޮޑި ކޮޅަށް ވިކްޓަރީގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ޖެހި ގޯލެެވެ.

ރާއްޖޭގެ އެންމެ މޮޅު ރެފްރީއަކަށް ހުސެއިން ސިނާން ހޮވުނުއިރު، ރީޖަން ލީގުގެ އެންމެ މޮޅު ކްލަބަކީ ބިސް ބުރު ސްޕޯޓްސް ކްލަބެވެ.

ރޭގެ ހަފްލާގައި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ތަށި އުފުލާލި ޓީމުގެ އިތުރުން މިދިޔަ އަހަރު ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ދެ ޓީމުގެ ކުޅުންތެރިންނާއި، ކޯޗިންގ ސްޓާފުންގެ އިތުރުން އޮފިޝަލުންނަށް ހާއްސަ ހަނދާނީ ޓޯކަންވެސް ވަނީ ދީފައެވެ.

މީގެއިތުރުން، ދިވެހި ފުޓްބޯޅައަށް މުހިއްމު ހިދުމަތްތަކެއް ކޮށްދީފައިވާ މަޝްހޫރު ފުޓުބޯޅަ ކޯޗު، އިހުސާން ޢަބްދުލް ޣަނީ (ސާންތީ) އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި ކުރީގެ ގޯލްކީޕަރު އިފްރާހު އަރީފް (އިފްރާ)ގެ ހަނދާން އާކޮށް އަގުވަޒަންކުރުމުގެ ގޮތުން، އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް ވަނީ އަރުވައިފައެވެ.

ކޮމެންޓް 0