މުޅި މާހައުލަށް ވެރިވެފައިވަނީ ބިރުވެރި ހަމަހިމޭންކަމެކެވެ. ގަޑިން މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. ދެ ރަށް ގުޅުވައިދޭ ދިގު ލިންކް ރޯޑުން ދަތުރުކުރަމުން ދިޔަ ޒިޔާން އިނީ ސައިކަލުގެ ދުވެލި ބާރުކޮށްލައިގެންނެވެ. ދެފަރާތުގައިވާ ބިޔަ ގަސްތަކާއި، ފަޅު ފަޅު ހިސާބުތަކުން ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ހީވަނީ ހަށިގަނޑު ގަނޑުކޮށްލަފާނެ ހެންނެވެ. މި މަގަކީ އެކި ކަހަލަ ބިރުވެރި އަޑުތަކާއި ކަންކަން ފެންނަ ކަމަށް މީހުން ވާހަކަދައްކާ މަގެކެވެ. ނަމަވެސް ޒިޔާން މިރޭ މި މަގު އިޚްތިޔާރުކުރީ ރަހުމަތްތެރިއެއްގެ ގޭގައި މާ ގިނައިރު އިނދެވި، އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރުމުންނެވެ.
ދެރަށް ދޭތެރޭގައި ހުންނަ ކުނިކޮށްޓާ ހިސާބަށް ދެވުނުތަނާ، މަގުގެ އަނދިރި ފަރާތުގައި ސައިކަލެއް ޕާކުކޮށްފައި ހުރި މަންޒަރު ޒިޔާނަށް ފެނުނެވެ. އަދި އެ ސައިކަލު ކައިރީގައި އަންހެނަކު ވެސް ހުއްޓިގެން ހުއްޓެވެ. ސައިކަލުގެ ހެޑްލައިޓުގެ އަލި އެދިމާލަށް އެޅުމާއެކު، ޒިޔާންގެ ލޮލުގައި އަޅައިގަތީ އެމީހަކު ލައިގެން ހުރި ގަދަ ރަތްކުލައިގެ ދިވެހި ލިބާހެވެ. އިސްތަށިގަނޑު ދިގުކޮށް، ކޮނޑުމައްޗަށް ދޫކޮށްލާފައިވާ އަންހެން ކުއްޖެކެވެ. މެންދަމުގެ މިފަދަ ވަގުތެއްގައި، މިހާ ފަޅު ހިސާބަކުން މިފަދަ ހެދުމެއްގައި އަންހެން ކުއްޖަކު ފެނުމުން ޒިޔާންގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. އެހެންނަމަވެސް، އެއީ އެހީއަކަށް ބޭނުންވެފައިވާ އިންސާނެއް ކަމަށް ދެކި، އިންސާނިއްޔަތުކަން އިސްކޮށް އޭނާ ސައިކަލު މަޑުކޮށްލިއެވެ.
"ކިހިނެއްވީ ސިސްޓާ؟ ސައިކަލަށް ކަމެއްވީތަ؟" ޒިޔާން ސައިކަލުން ފައިބަމުން އަހައިލިއެވެ.
އެ އަންހެން ކުއްޖާ އިސްއުފުލައި ޒިޔާނާ ދިމާއަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އާދަޔާޚިލާފު މޮޅިވެރިކަމެކެވެ. މަޑުމައިތިރި، އެކަމަކު ފިނި އަޑަކުން އޭނާ ބުންޏެވެ. "ސައިކަލު ނިވިގެން... ސްޓާޓެއް ނުވި."
ޒިޔާން އެ ކުއްޖާގެ ސައިކަލު ޗެކްކޮށްދިނުމަށްޓަކައި ސައިކަލުގެ ތަޅުދަނޑިން ސައިކަލު ނިއްވާލައި އަނެއްކާ ސްޓާޓް ކުރަން މަސައްކަތް ފެށިއެވެ. އެ މަސައްކަތުގައި ސައިކަލުގެ ޕްލަގް ނައްޓައި ސާފުކުރަން ފެށިއެވެ. އެ ވަގުތު، އެ އަންހެން ކުއްޖާގެ ފޯނު ރިންގުވާން ފެށި އަޑު އިވުނެވެ. ނަމަވެސް އެއީ އާދައިގެ ރިންގުޓޯނެއް ނޫނެވެ. ކަންފަތަށް އުނދަގޫވާ ކަހަލަ، ތޫލި ގޮތަކަށް އިވުނު އަޑެކެވެ. "އެއްމެނިޓް އިނގޭ، ފޯނެއް " މިހެން ބުނެ އެ ކުއްޖާ ފޯނު ކަންފަތުގައި ޖަހައިގެން މަގުގެ އަނެއް ފަރާތަށް، ހިނގައިގަތެވެ.
ޒިޔާން ސައިކަލުގެ މަސައްކަތް ނިންމާލުމަށްފަހު، "މިހާރު ރަނގަޅުވާނެ" އޭ ބުނެ އިސްއުފުލައި ބަލައިލިއެވެ. ނަމަވެސް އެ ހިސާބުން އެ އަންހެން ކުއްޖާއެއް ނުފެނުނެވެ.
"ސިސްޓާ، އޭ ކޮބާ؟" ޒިޔާން ގޮވާލިއެވެ. އެއްވެސް ޖަވާބެއް ނައެވެ.
ޒިޔާން ފޯނުގެ ޓޯޗު ދިއްލައިގެން އެ ކުއްޖާ ދިޔަ ދިމާލަށް ބަލައިލިއެވެ. އެއަށްފަހު ޒިޔާންގެ ސައިކަލަށް އަރައި ކުނިކޮށީގެ ވަށައިގެންވާ ވިނަގަނޑާއި ވާބޯ ގަސްތަކުގެ ތެރެއަށް އަލި އަޅުވާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. މަގުމަތިން ފެށިގެން މޫދާއި ދިމާލަށް ޒިޔާންގެ ފޯނުން އަލި ކުރަމުން ގޮސް ބެލިއިރު، ފެންނަން ހުރި ފިޔަވަޅުތައް ކުއްލިއަކަށް ހުރީ ވަކި ހިސާބަކުން ކެނޑިފައެވެ. އެހާ ކުރު ވަގުތުކޮޅެއްގެ ތެރޭގައި އެ ފަދަ ތަނަކަށް އިންސާނަކަށް ގެއްލިގެން ނުދެވޭނެކަން ޒިޔާނަށް ޔަގީންވިއެވެ.
ހާސްވި ނަމަވެސް، ދެން އެކުއްޖާ ކޮބައިތޯ ބަލަން ނޫޅެ ނައްޓާލާނީ އޭ ހިތާ ޒިޔާން ސައިކަލަށް އަރައި ބަލައިލީ އެ ކުއްޖާ ބަހައްޓާފައި ދިޔަ ސައިކަލު ހުރި ދިމާލަށެވެ. ޒިޔާންގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އެތަނުގައި ސައިކަލެއްވެސް ނެތެވެ! ހުރީ ހަމައެކަނި ދަނގަޑު ހޮޅިތަކެކެވެ.
ޒިޔާންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. މޭގެ ތެޅުން ބާރުވެ، ނޭވާ ކުރުވާން ފެށިއެވެ.މިއީ އާދައިގެ ކަމެއް ނޫންކަން ޒިޔާނަށް ކަށަވަރުވިއެވެ. ބިރުން ފިތްކަނޑައިގެންދާ ވަރު ވުމުން، ހިތަށް އެރިހާ ހެޔޮ އެއްޗެއް ކިޔަވަމުން، އެންމެ ސިކުންތަކުވެސް މަޑުނުކޮށް އަމިއްލަ ސައިކަލަށް އަރައި ސްޓާޓްކޮށްލުމަށްފަހު ވައިގެ ދުވެލީގައި އެތަނުން ދުއްވާލިއެވެ.
އެރެއަށްފަހު ލިންކް ރޯޑުން ކިތަންމެ ފަހަރަކު ދަތުރު ކުރެވިއްޖެއެވެ. ޒިޔާނަށް ދެން ދުވަހަކުވެސް އެ ރަތްލިބާސް ލީ ކުއްޖާއެއް ނުފެނުނެވެ. މިވާހަކަތައް އެހެން މީހަކަށް ކިޔައިދޭން ފެށިއަސް މީހުންގެ އެކަން ސީރިއަސްކޮށް ނުނަގާނެތީ އެވާހަކައެއް ނުދައްކައެވެ. އެހެން ނަމަވެސް، ކޮންމެ ރެޔަކު އެ ލިންކް ރޯޑުން ދަތުރުކުރާއިރު، ޚާއްޞަކޮށް އެ ކުނިކޮށްޓާ އަރާ ހަމަވާ ކޮންމެ ފަހަރަކު، މަގުގެ ދެފަރާތަށް ބަލައިލެވެނީ ބޭއިޚްތިޔާރުގައެވެ. އެ ކުއްޖާ އަނެއްކާވެސް ފެނިދާނެ ކަމުގެ ބިރުވެރިކަމުގައެވެ.
(ނުނިމޭ)
ވާހަކަ
ރަތް ލިބާސް (އެޕިސޯޑް 1)

ވާހަކަ، ރަތް ލިބާސް
ކޮމެންޓް 0