ޔޫއޭއީގެ އުއްމުލް ގުވައިންގެ ބީޗުތައް އާންމުންނަށް ބަންދުކޮށްފި
އުޅަނދަކުން
ކަނޑަށް ތެޔޮ އެޅި، ތިމާވެއްޓަށް ގެއްލުންވުމުގެ ސަބަބުން ޔުނައިޓެޑް އަރަބް އެމިރޭޓްސް
(ޔޫއޭއީ) ގެ އުއްމުލް ގުވައިންގެ ހުރިހާ ބީޗުތަކާއި ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތައް
ވަގުތީ ގޮތުން އާންމުންނަށް ބަންދުކުރަން ނިންމައިފިއެވެ.
ޔޫއޭއީގެ ތިމާވެއްޓާ
ބެހޭ ވުޒާރާއިން އެކްސް
މެދުވެރިކޮށް ހާމަކުރިގޮތުގައި، ކަނޑުގެ ސަރަހައްދު މޮނިޓަރކުރާ ނިޒާމުތަކަށް މި ހާދިސާ
ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން ޝާރްޖާ، އަޖްމާން އަދި އުއްމުލް ގުވައިންގެ
އެކި ހިސާބުތަކުން ތަފާތު ވަހެއް ފެތުރެމުންދާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށްވެސް
އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް
އެ ސަރަހައްދުތަކުން ދުވާ ވަހުގެ ސަބަބުން ރައްޔިތުންގެ ސިއްހަތަށް އެއްވެސް ނުރައްކަލެއް
ނެތް ކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ އަދި ސަރަހައްދީ އިދާރާތަކާ ގުޅިގެން، ހާއްސަ ފަންނީ ޓީމުތަކުން މިހާރު
ދަނީ ތެޔޮ އިތުރަށް ފެތުރިގެން ދިޔަނުދިނުމަށާއި، ތަޣައްޔަރުވި ސަރަހައްދުތައް ދެނެގަނެ
ސާފުކުރުމުގެ އޮޕަރޭޝަންތައް ހިންގަމުންނެވެ.
ވުޒާރާއިން
ބުނެފައިވަނީ އައްސޭރިފަށުގެ ސަރަހައްދުތައް އަލުން ހުޅުވާލާނީ، ފަންނީ މާހިރުން ހާލަތު
ވަޒަންކޮށް، އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި ކަނޑުގެ ދިރުންތަކުގެ ހިމާޔަތަށް
ފުރިހަމަ ފިޔަވަޅުތަކެއް އެޅިއްޖެކަން ޔަގީންކުރުމަށްފަހު ކަމަށެވެ.