ވޯޓުލާ ވަގުތު އިތުރުކުރަން ނަތަންޔާހޫ ހުށަހެޅި މައްސަލަ އިލެކްޝަންސް ކޮމިޓީން ބޭރުކޮށްލައިފި
އިސްރާއީލުގައި ބާއްވަމުންދާ އާންމު އިންތިހާބުގައި، ކުރިން ކަނޑައަޅާފައިވާ ރޭގަނޑު 10:00 އަށް ވުރެ ފަހަށް ވޯޓުލުން ދަންމާލުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކުޑް ޕާޓީގެ އިތުރުން ކަނާތުފިޔައިގެ އިއްތިހާދުން އެދުނު އެދުން އެ ގައުމުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީން ބަލައިނުގަނެ ދޫކޮށްލައިފިއެވެ.
އިލެކްޝަންސް ކޮމިޓީން ނިންމި ނިންމުމުގައި ފާހަގަކޮށްފައިވަނީ، ވޯޓުލުމުގެ މުއްދަތު ދިގުދަންމަންޖެހޭ ފަދަ ހާއްސަ ހާލަތެއް މިވަގުތު މެދުވެރިވެފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، ރޭގަނޑު 10:00 ޖެހުމާ ހަމައަށް ވޯޓުލާ ސަރަހައްދުތަކުގެ ކިއޫތަކުގައި ތަރުތީބުވެފައި ތިބި އެންމެހައި މީހުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް ލިބިދެވޭނެ ކަމުގެ ޔަގީންކަން އެ ފަރާތުން ދީފައިވެއެވެ.
އެ ކޮމިޓީގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ގައުމުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެކި ފަންތީގެ ރައްޔިތުން ގިނަ އަދަދަކަށް ވޯޓުލާން ނުކުތުމަކީ ޑިމޮކްރަސީގެ ރޫހު އާލާވެފައިވާ މިންވަރު ސާބިތުކޮށްދޭ ކަމެކެވެ. އެހެންކަމުން، ވޯޓުލާ ވަގުތު އިތުރުކުރަން މަޖުބޫރުވާ ފަދަ އެއްވެސް ޒަރޫރީ ހާލަތެއް ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގައި ނަތަންޔާހޫގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ވޯޓުލާ ވަގުތު އިތުރުކުރަން އެދިފައިވަނީ އިންތިހާބުގެ ނަތީޖާ އިއުލާނުކުރުމަށްފަހު، އެ ނަތީޖާއާމެދު ޝައްކު އުފައްދައި ބަލައިނުގަތުމަށް ބަހަނާއެއް ދެއްކުމުގެ ބޭނުމުގައެވެ.