ޔަމަނުގެ ސަރުކާރު ސިފައިން ހޫތީންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައި، ބާބުލް މަންދަބް ކަނޑުއޮޅި ކައިރީގައިވާ މުހިންމު ސަރަހައްދުތަކެއް އަތުލައިފިއެވެ.
ޔަމަނުގެ ރިޔާސީ ކައުންސިލްގެ ވެރިޔާ ރަޝާދު އަލް އަލީމީ އިއުލާންކުރެއްވި މި އޮޕަރޭޝަނުގައި، ތާއިޒް ޕްރޮވިންސްގެ ހުޅަނގުގައި އޮންނަ ދުބާބް ޑިސްޓްރިކްޓް ވަނީ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ސަރުކާރުގެ ރަސްމީ ނޫސް އެޖެންސީއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވައިގެ މަގުން ދިން ހަމަލާތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ހޫތީންގެ ގިނަ ބަޔަކު މަރުވެ، އެ މީހުންގެ އަސްކަރީ އާލާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ބާބުލް މަންދަބް ކަނޑުއޮޅިއަށް ދެވެން އޮންނަ މުހިންމު މަގުތަކެއް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، އެމެރިކާއާ ދެމެދު އުފެދިފައިވާ މައްސަލަތަކަށް އަސްކަރީ ހައްލެއް ނެތެވެ. ނަމަވެސް، އެމެރިކާއިން ދީފާނެ ކޮންމެ ހަމަލާއަކުން ދިފާއުވުމަށް އީރާން އޮތީ ތައްޔާރަށް ކަމަށް އޭނާ އިންޒާރުދެއްވިއެވެ. މީގެ އިތުރުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) ގެ ކޮމާންޑަރު އަލީ ފަދާވީ ވިދާޅުވި ގޮތުގައި، އީރާނުގެ ސިފައިން ވަނީ އެމެރިކާގެ އަސްކަރިއްޔާ އީރާނުގެ ސަރަހައްދީ ރޮނގާ 1،000 ކިލޯމީޓަރު ދުރަށް ޖައްސާފައެވެ.
ހޮރުމުޒް ކަނޑުއޮޅީގައި ދަތުރުކުރަމުންދިޔަ ތެޔޯ ޓޭންކަރަކަށް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ވަނީ ބުނެފައެވެ. އަދި ޔަމަނުގެ އައްސޭރިފަށާ ކައިރިން ދަތުރުކުރި އެހެން ބޯޓެއްގެ ކައިރީގައިވެސް ގޮވުންތަކެއް ގޮވާފައިވާ ކަމަށް އެ އިދާރާއިން ރިޕޯޓުކޮށްފައިވެއެވެ.
ޔަމަނުގެ ސަރުކާރުން މި އޮޕަރޭޝަން ފަށާފައިވާ ދަނޑިވަޅުގައި، ސައުދީ އަރަބިއްޔާއާއި ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އަންނަނީ ސައުދީގެ ވެރިރަށް ރިޔާޟްގައި ބައްދަލުވުންތަކެއް ބާއްވަމުންނެވެ. މި ބައްދަލުވުންތަކަކީ މިދިޔަ އޮގަސްޓު މަހު މި ތިން ގައުމުން ސޮއިކުރި ދިފާއީ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށް ޕާކިސްތާނުގެ ހާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
ޔަމަނުގެ ސަރުކާރު ސިފައިންގެ ތަރުޖަމާނަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އާދީއްތަ ދުވަހު ފެށި އޮޕަރޭޝަނުގައި މިހާތަނަށް ހޫތީންގެ އަމާޒުތަކަށް 1،122 ހަމަލާ ވަނީ ދީފައެވެ. އަދި މި ހަމަލާތަކުގައި ހޫތީންގެ 1،700 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އޭނާ ދައުވާކުރި ނަމަވެސް، މި އަދަދުތައް މިނިވަން ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ޔަމަނުގެ ސަރުކާރުން މި އޮޕަރޭޝަން ފަށާފައިވަނީ، ހޫތީންގެ ބާރުގެ ދަށުގައިވާ ހުރިހާ ސަރަހައްދެއް އަނބުރާ ހޯދުމުގެ މަގުސަދުގައި ކަމަށް އެ ގައުމުގެ ރަސްމީ ފަރާތްތަކުން ބުނެފައިވެއެވެ.
