ޣައްޒާއަށް ބޯކޮށް ވާރޭވެހި ފޭލިގެތަކުގައި ފެންބޮޑުވެ، އިންތިހާއަށް ބޮޑު ކާރިސާއެއް
ޣައްޒާގެ އެކި ސަރަހައްދުތަކުގައި ރައްކާތެރިކަން ހޯދަމުންދާ ރައްޔިތުން ދިރިއުޅޭ ވަގުތީ ފޭލިގެތަކުގައި ފެންބޮޑުވެ، އެ ތަންތަން ހަލާކުވަމުންދާތީ، އެއީ އިންތިހާއަށް "ބޮޑު ކާރިސާއެއް" ގެ ގޮތުގައި އަލްޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ޑިރެކްޓަރު ޑރ. މުޙައްމަދު އަބޫ ސަލްމިއްޔާ ސިފަކުރައްވައިފިއެވެ.
އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. އަބޫ ސަލްމިއްޔާ ވިދާޅުވީ، ޣައްޒާގެ ނާޒުކު ފޭލިގެތަކުގައި ދިރިއުޅެމުންދާ އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނަށް ރޭގަނޑުގެ އަރާމު ނިދި ގެއްލިފައިވާ ކަމަށާއި، އެ އެންމެންވެސް ތިބީ ފުރާނައަށް ނުރައްކާވާ ފަދަ ނިކަމެތި ހާލަތެއްގައި ކަމަށެވެ.
މީގެ އިތުރުން، މި ފެންބޮޑުވުމުގެ ހާދިސާއަކީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި، އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފިނިހޫނުމިން އިންތިހާއަށް ދަށްވުމުގެ ސަބަބުން، ހާއްސަކޮށް ޅަދަރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދެއްވަމުން، ބަނޑުގެ ބަލިތަކާއި، ނޭވާލާ ނިޒާމުގެ ބަލިތަކުގެ އިތުރުން ހަމުގެ އެކި ކަހަލަ ބަލިތައް ފެތުރިގެން ދިޔުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ މާހިރުން ލަފާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ފޭލިގެތައް ތެމި، އެތަންތަނުގައި އުޅެން ދަތި ހާލަތަކަށް ދިއުމަކީ ނޭވާލާ ނިޒާމުގެ ބަލިތަކާއި ނޭވާހިއްލުމުގެ އުނދަގޫ ތަހައްމަލުކުރާ މީހުންނަށް ކުރިމަތިވާނެ ވަރަށް ބޮޑު ތަކުލީފެއް. މިފަދަ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކުން ގިނަ އަދަދަކަށް އޮކްސިޖަން ބޭނުންވާނެ، އެހެންނަމަވެސް މިހާރުވެސް ހޮސްޕިޓަލްތަކުގައި އޮކްސިޖަންގެ ރިޒާވް ވަނީ ވަރަށް ބޮޑަށް ހުސްވާން ކައިރިވެފައި،" ޑރ. އަބޫ ސަލްމިއްޔާ ވިދާޅުވިއެވެ.
ފެންބޮޑުވުމުގެ ސަބަބުން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ވާސިލުވުމަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަލްޝިފާ މެޑިކަލް ކޮމްޕްލެކްސްގެ އިމަޖެންސީ ޑިޕާޓްމަންޓަށް ފެންވަދެ، ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ޚިދުމަތްތައް މެދުކެނޑުނު ކަމަށާއި، އަލުން ޚިދުމަތް ދޭން ފެށުނީ ގިނަގުނަ މަސައްކަތްތަކަކަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، ޣައްޒާގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ޒަރޫރީ ބޭހާއި ސިއްހީ ވަސީލަތްތަކުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
"މިއީ ހަމައެކަނި ފެށުމެއް. މިއީ މުޅި ދުނިޔެއަށް ދެވޭ ނުރައްކަލުގެ ވަރުގަދަ އިންޒާރަކަށް ވެދާނެ،" އަބޫ ސަލްމިއްޔާ ވިދާޅުވިއެވެ.