2022 ވަނަ އަހަރު ބަނގުރޫޓުވި، ލަންކާގެ ބޭރު ފައިސާގެ ރިޒާވް ހަތް ބިލިއަން ޑޮލަރަށް

ސްރީލަންކާގެ މަރުކަޒީ ބޭންކު (ސީބީއެސްއެލް) ގެ އިމާރާތް.
ސްރީލަންކާގެ މަރުކަޒީ ބޭންކު (ސީބީއެސްއެލް) ގެ އިމާރާތް.

މީގެ ހަތަރު ވަރަކަށް އަހަރުކުރީން، 2022 ވަނަ އަހަރު ސޮވެރިން ޑީފޯލްޓަކަށް ދިޔައީ ސްރީލަންކާގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހަތް ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ.

ސްރީލަންކާގެ މަރުކަޒީ ބޭންކު (ސީބީއެސްއެލް) އިން ހުކުރު ދުވަހު ނެރުނު ރިޕޯޓުގައި ބުނި ގޮތުގައި، މިދިޔަ އޮކްޓޫބަރު މަހު ނިމުނުއިރު އެ ގައުމުގެ ރަސްމީ ރިޒާވްގައި ހުރި ކަމަށް ވަގުތީ ގޮތުން ލަފާކުރެވެނީ 7،086 މިލިއަން އެމެރިކާ ޑޮލަރެވެ.

ސީބީއެސްއެލްއިން ބުނި ގޮތުގައި، ރިޒާވްގެ މި އަދަދުގެ ތެރޭގައި ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ) އާއެކު ގާއިމުކޮށްފައިވާ ފައިސާ ބަދަލުކުރުމުގެ (ސްވޮޕް) އިންތިޒާމުގެ ދަށުން ލިބިފައިވާ ފައިސާ ވެސް ހިމެނެއެވެ. 

މީގެ އިތުރުން، މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ޑޮމެސްޓިކް ފޮރިން އެކްސްޗޭންޖުންވެސް 191 މިލިއަން އެމެރިކާ ޑޮލަރު އެ ބޭންކުން ގަނެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ރަސްމީ ރިޒާވް މި މިންވަރަށް އުފުލުނު ނަމަވެސް، އެމެރިކާ ޑޮލަރާ އަޅައި ބަލާއިރު ސްރީލަންކާ ރުޕީސްގެ އަގު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން، ސީބީއެސްއެލްގެ ރިޕޯޓުގައިވާ ގޮތުން މިއަހަރު ފެށުނީއްސުރެ ހުކުރު ދުވަހުގެ ނިޔަލަށް އެމެރިކާ ޑޮލަރާ އަޅައި ބަލާއިރު ލަންކާ ރުޕީސްގެ އަގު ވަނީ 6.7 އިންސައްތަ ދަށަށް ގޮސްފައެވެ.

ލަންކާގެ ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިމިވަނީ، 2022 ވަނަ އަހަރު އެ ގައުމަށް ކުރިމަތިވި ތާރީހީ އިގުތިސާދީ އަނދަވަޅުން އަރައިގަނެ، ތިން އަހަރު ދުވަހުގެ ތެރޭގައި މާލީގޮތުން ހޯދީ ބޮޑެތު ކުރިއެރުންތަކުގެ ސަބަބުންނެވެ. އެގޮތުން، 2026 ވަނަ އަހަރުގެ ޖުލައި މަހު ވޯލްޑް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ލަންކާ ވަނީ އަނެއްކާވެސް މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ލިސްޓުގައި ހިމެނިފައެވެ.

މީގެއިތުރުން، 2024 އަދި 2025 ވަނަ އަހަރު އެ ގައުމުގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ގާތްގަނޑަކަށް ފަސް އިންސައްތަ ކުރިއަރާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި ނިސްބަތް ވަނީ  4.7 އިންސައްތަ އަށް އިތުރުވެފައެވެ. މިއީ މެދުނުކެނޑި މިދިޔަ 12 ކުއާޓަރުގައި އިގުތިސާދު ކުރިއަރަމުން ގޮސް، 2018 ވަނަ އަހަރުގެ އިގުތިސާދީ ހާލަތަށް އެ ގައުމު އަނބުރާ ރުޖޫއަވުމެވެ.

2026 ވަނަ އަހަރާ ހަމައަށް އައިއިރު، ޓެކުހުން ލިބޭ އާމްދަނީ ވަނީ ޖީޑީޕީގެ 15 އިންސައްތަ އަށް ވުރެ މައްޗަށް ޖެހިލައި، ދެގުނަ އިތުރުވެފައެވެ. އެ ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުކޮށްދިނުމުގެ ގޮތުން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކުރުމަށްޓަކައި ވޯލްޑް ބޭންކުން ވަނީ 150 މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ޕެކޭޖެއް ފާސްކޮށްދީފައެވެ.

މިހާތަނަށް އެ ގައުމުން ހޯދަމުންއައި މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ސިނާއީ މަސައްކަތްތަކާއި ހިދުމަތްތަކުގެ ދާއިރާއަށް އައި ކުރިއެރުމެވެ. އަދި އަމިއްލަ ފަރާތްތަކުން ކުރި އިންވެސްޓްމަންޓްތަކާއި، އާންމު ފަރުދުންގެ ހަރަދުކުރުން އިތުރުވުން ވެގެންދިޔައީ އިގުތިސާދީ ގޮތުން ކަންކަން ތަރުތީބުކޮށް، އެއްވަރެއްގައި ހިފެހެއްޓުމަށް ލިބުނު ބާރަކަށެވެ. މީގެ އިތުރުން، ދައުލަތުގެ ހަރަދުތަކަށް ވުރެ އާމްދަނީ އިތުރުވެ، ބަޖެޓުގެ އަމާޒުތަކަށް ވުރެ ރަނގަޅު ނަތީޖާއެއް ވަނީ ހާސިލްކުރެވިފައެވެ.

އިގުތިސާދުސްރީ ލަންކާލަންކާވޯލްޑް ބޭންކްބޭރު ފައިސާގެ ރަސްމީ ރިޒާވްބޭރު ފައިސާގެ ރިޒާވް
ކޮމެންޓް 0