އިސްރާއީލުން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ފަލަސްޠީނުގެ ފަސް މީހުން ޝަހީދުކޮށްލައިފި
ބުރައިޖާއި ނުސައިރާތު ކޭމްޕަށް ދިން ޑްރޯން ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ ޒަޚަމްވެފައި.
އިސްރާއީލުގެ އަނިޔާވެރި ބާރުތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ރަހުމުކުޑަ ހަމަލާތަކެއްގައި ފަލަސްޠީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ސިއްޙީ މަސްދަރުތަކާ ހަވާލާދީ ހަބަރު ލިބޭގޮތުގައި، މީގެ ތެރެއިން ދެ މީހުން ޝަހީދުވެފައިވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ބުރައިޖު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން އަމާޒުކުރި ޑްރޯން ހަމަލާއެއްގައެވެ. މި ހަމަލާގައި އިތުރު އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.
މީގެއިތުރުން، ނުސައިރާތު ކޭމްޕަށް ދިން ވަކި ޑްރޯން ހަމަލާއެއްގައި ވެސް ފަލަސްޠީނުގެ ރައްޔިތަކު ޝަހީދުވެފައިވާ ކަމަށް އަލްއަޤްޞާ މާޓާސް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
ބުރައިޖު ކޭމްޕަށް ވައިގެ މަގުން ޑްރޯން ހަމަލާ ދިނުމުގެ ކުރިން، އިސްރާއީލު ސިފައިން ވަނީ އެ ސަރަޙައްދު ކައިރީގައި އެއްގަމު މަގުން އަސްކަރީ އޮޕަރޭޝަނެއް ހިންގަން ފަށާފައެވެ. މި ހަމަލާތަކާއި ހަރަކާތްތަކާ ގުޅިގެން، އެ ސަރަޙައްދުގައި ދިރިއުޅެމުންދިޔަ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ވަނީ މަޖުބޫރުވެގެން ގެދޮރު ދޫކޮށް ރައްކާތެރި ތަންތަނަށް ހިޖުރަކުރަން ޖެހިފައެވެ.
މިހާތަނަށް ޣައްޒާގައި 75،000 އާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ މަރާލާފައެވެ. މީގެ ތެރޭގައި ލަފާކުރެވޭ ގޮތުގައި 21،000 ކުޑަކުދިން ހިމެނެއެވެ. މި އަދަދުގެ ތެރޭގައި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ވީނުވީއެއް ނޭނގި ގެއްލިފައިވާ އަދި މަރުވެފައިވާ ކަމަށް ބެލެވޭ އެތައް ހާސް ބަޔަކު ނުހިމެނެއެވެ.
އެމެރިކާ މެދުވެރިވެގެން އިސްރާއީލާއި ހަމާސްއާ ދެމެދު 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އިއުލާނުކުރި ފަހުންވެސް މަދުވެގެން 1،662 މީހުން ވަނީ މަރާލާފައެވެ.